ބަހާ މަސާލްމެހް އޭނާގެ ޒުވާން އަނބިމީހާގެ ކުރިއަށް އޮތް 21 ވަނަ އުފަން ދުވަހުގެ މުނާސަބަތުގައި ވަރަށް ގިނަ ހަދިޔާތައް ދޭން ރާވަމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ.

ނަމަވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހެބްރޯން ކައިރީގައި އޮންނަ ދުރާ އަވަށަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި ހަ މަހުގެ ތުއްތު އަންހެން ކުއްޖާގެ މަންމަ އަހެދު ވަނީ ބަޑީގެ ހަމަލާއެއްގައި ޝަހީދުވެފައެވެ. އެވަގުތު އޭނާ ހުރީ އޭނާ އާއިލާ މީހެއްގެ ގޭގައި، ފިރިމީހާ އަންނަންދެން ކުޑަދޮރުން ބަލަބަލައެވެ.

ދެމަފިރިންގެ ކައިވެންޏަށް އެންމެ 15 މަސް ދުވަސް ވެފައިވާއިރު، މަސާލްމެހް ބުނީ އޭނާގެ އަންހެނުން އޭނާއާ ވަކިވެގެން ދިޔައީ އޭނާގެ ދިރިއުޅުމުގެ އެންމެ އުފާޥެރި ދުވަސްތައް އެކުގައި ހޭދަކޮށްފައި ކަމަށެވެ. "އަހެދު އަކީ ވަރަށް ބޮޑަށް އުނގެނުމަށް ޝާއުގުވެރިވާ މީހެއް. އެންމެންވެސް އަހެދު ދެކެ ވަރަށް ލޯބިވާނެ. އޭނާގެ އުފާވެރި މިޒާޖާއި ދިރިއުޅުމަށް ކުރާ ލޮއެބަކީ އޭނާގެ އެންމެ ފާހަގަކުރެވޭ ސިފަ."

މަސާލްމެހް ބުނީ އަހެދަކީ އޭނާގެ ހަޔާތުގެ ލޯބިވެރިޔާ ކަމަށެވެ. "އަހަރެންގެ ދިރިއުޅުމުގެ ހުރިހާވެސް އުފަލެއް ގުޅިފައިވަނީ އަހެދުއާ."

މިހާރު މަސާލްމެހް އަށް ޖެހިފައިވަނީ އެމީހުންގެ އަންހެން ދަރިފުޅު އައިލޫލް މަންމައަކާ ނުލާ ތަރުބިއްޔަތު ކުރުމަށެވެ.

އަނބިމީހާ އަހެދުގެ ފޮޓޯއެއް ޖަހާފައިވާ ޕޯސްޓަރެއްގެ ކުރިމަތީގައި މަސާލްމޭހް ހުއްޓިލައިގެން

އެދުވަހު ހެނދުނު މަސާލްމެހް އޭނާގެ ކޮއްކޮ ޝާދީގެ ގެއަށް އަހެދު ގެންދިޔައީ އާއިލީ އިތުރު އުފަލަކަށް ތައްޔާރުވުމަށެވެ. އެތަނުގައި ފިރިމީހާގެ އެހެން އެއްބަނޑު އެއްބަފާ މީހުންނާއި ބައްޕައާ ބައްދަލުކޮށް ޝާދީގެ ކައިވެންޏަށް ގެ ތައްޔާރުކޮށްދިނުމުގައި އެހީތެރިވެދިނުމަށް އަހެދު އުޅުނެވެ.

ފިރިމީހާއަށް އޭނާ އެންމެ ފަހުން ބުނި ބަހަކީ، "އަހަރެން ފުރިހަމަ ހަނދެއްހާ ރީތިތޯ؟" މިހެންނެވެ.

"ހީކުރީ ހުވަފެނެއް ކަމަށް"

އިރުކޮޅަކުން މަސާލްމެހް އެނބުރި އައީ އެންމެންނަށް ކާއެއްޗެހި ހިފައިގެންނެވެ. ދެވަނަ ބުރީގެ ބިއްލޫރިގަނޑުން އަހެދު ފެނުނު އިރު، އޭނާ ސަކަ މިޒާޖަކަށް އިޝާރާތްކުރަމުން ދިޔައީ ވަރަށް ބަނޑުހައިވެފައި ހުރުމުން އަވަސް ކުރުމަށެވެ.

ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން އިޒްރޭލު ސިފައިން އެ ސަރަހައްދަށް ވަދެ ޝާދީގެ ގެއާ ކައިރިވަމުން އަންނަ ކަމަށް ބުނެ އަވަށުގެ ބައެއް ޒުވާނުން އޭނާއަށް އިންޒާރު ދިން އަޑު މަސާލްމެހުއަށް އިވުނެވެ.

"އޭރު އަހަރެންނަށް އިވެމުން ދިޔައީ ބަޑިޖެހުމާއި ބޮން ގޮއްވާ އަޑުތައް. އަހަރެން ދުވެފަ ގޮސް ސިޑިން މައްޗަށް އެރި އިރު އަހަރެންގެ އެއްބަނޑު މީހުން ރޮމުން ހަޅޭއް ލަވަނީ. އަހެދު އޮތީ ބިން މަތީގައި. އޭނާ ވަށައިގެން ހުރީ ހުސް ލޭ."

މަސާލްމެހް ބުނީ އޭނާއަށް ހީވީ މިއީ ހުވަފެނެއް ކަމަށެވެ.

އަހެދުގެ ބޮލަށް ދެ ވަޒަން ވަނީ އަރާފައެވެ.

"އަހަރެން އަހެދު ކައިރިއަށް ތިރިވިއިރު އެންމެ ފުރަތަމަވެސް ފާހަގަކުރެވުނީ އޭނާގެ ދެލޯ. އޭނާ އަހަންނާ ދިމާލަށް ބަލަމުން ދިޔައީ ހިނިތުންވެފައި."

އެވަގުތު އޭނާގެ ބައްޕަ މަސައްކަތް ކުރަމުން ދިޔައީ އެމްބިއުލާންސަށް ގުޅުމަށެވެ. އެހީއަށް ދުވަން މަސާލްމޭހް ބޭނުންވި ނަމަވެސް ބޭރުގައި ތިބި އިޒްރޭލު ސިފައިންގެ ސަބަބުން ގެއިން ނުކުމެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން އަހެދު ވަކިވެގެން ދިޔައީ ލޭ މަނާ ނުވެގެންނެވެ. ހުޅަނގު އައްސޭރިއާއި ގާޒާގައި ތިބި ފަލަސްތީނުގެ އޮފިޝަލުން ވެސް ބުނެފައިވަނީ އެމްބިއުލޭންސާއި ސިއްހީ މަސައްކަތްތެރިން ޒަހަމްވެފައިވާ މީހުންނާ ހަމައަށް ވާސިލްވުމުގައި އިޒްރޭލު ސިފައިން ހުރަސް އަޅާ ކަމަށެވެ.

އިޒްރޭލު ސިފައިން އަހެދުގެ ބޮލަށް ބަޑިޖަހައި ލޭ އޮހޮރުވައި ޝަހީދުކޮށްލި އިރު، އުމުރުން 25 އަހަރުގެ ތަހާނީ ހުރީ އަހެދު ކައިރީގައި

މަސާލްމޭހްގެ ކޮއްކޮ ތަހާނީ ހުރީ އަހެދުއަށް ބަޑީގެ ހަމަލާ އަމާޒުވި އިރު، އަހެދު ކައިރީގައެވެ.

"އަހަންނަށް ވީ ގޮތް އެއްވެސް ބަހަކުން ސިފައެއް ނުކުރެވޭނެ." އުމުރުން 25 އަހަރުގެ ޒުވާނާ ބުންޏެވެ.

އެ ހާދިސާ ހިނގުމުގެ ކުރިން އަހެދު އާދަޔާ ހިލާފަށް "މަރުވުމާއި ވަކިވުމުގެ" މައުޟޫއު އަށް ވާހަކަދެއްކި ކަމަށް ތަހާނީ ބުންޏެވެ.

"އަހެދު ބުނީ އޭނަގެ އަންހެން ދަރިފުޅު އައިލޫލް ހިމާޔަތްކޮށް، އަބަދުވެސް އެއީ އަހަރެންގެ އަމިއްލަ ކުއްޖެއް ފަދައިން ބަލައްޗެއޭ." ތަހާނީ ބުންޏެވެ.

"އޭނަގެ ވާހަކަތަކުން އަހަރެން ހުރީ ހައިރާންވެފައި. ހީކުރީ އަހެދު އަބަދުވެސް މަޖާކުރާ ފަދައިން އެއްޗެއް ބުނީއޭ."

ތަހާނީ ބުނީ އަހެދުގެ އެންމެ ފަހު ނޭވާ ލުމަށް 50 ވަރަކަށް މިނެޓު ވަންދެން ލޭ އޮހޮރުނު ހަނދާން ވަރަށް ރަނގަޅަށް އެބަހުރި ކަމަށެވެ.

ސުމޫދު، 30، އޭނާގެ ކޮއްކޮގެ ޖަނާޒާގެ ތެރެއިން

"ބޮޑެތި ހުވަފެންތަކެއް"

ރާމަاللهގައި ދިރިއުޅޭ އަހެދުގެ ދައްތަ ސުމޫދު، 30، ބުނީ އޭނާގެ ކޮއްކޮ ޝަހީދުވި ހަބަރު ލިބުމުން ނުތަނަވަސްވި ކަމަށެވެ.

"ރާމަالله އިން ހެބްރޮން އަށް ކުރާ ދަތުރަށް އާންމުގޮތެއްގައި ނަގާނީ ދެ ގަޑިއިރު. އެކަމަކު ގާޒާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައަށް ފަހު، ޗެކްޕޮއިންޓްތަކުގައި ފަލަސްތީނާ ދެކޮޅަށް ހިންގި ހަރުކަށި ފިޔަވަޅުތަކާއެކު އަހެދާ ހަމައަށް ދާން ހަ ގަޑިއިރު ނެގި." ސުމޫދު ބުންޏެވެ.

ސުމޫދު އޭނާގެ ކޮއްކޮ ދެކެމުން އައީ އަމިއްލަ ދަރިއެއް ފަދައިންނެވެ. ކޮންމެ ހާލެއްގައިވެސް އަހެދުގެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް އޭނާ ބުނަމުން ދިޔައެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ގެންދަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ސަރަހައްދުތަކާއި އަވަށްތަކުގައި ހަމަލާތައް ވަރުގަދަ ކުރަމުންނެވެ.

އަހެދުގެ ފިރިމީހާއާއި ހަ މަހުގެ ތުއްތު އައިލޫލް

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ހުޅަނގު އައްސޭރީގައި އެތައް ސަތޭކަ ބަޔަކު ވަނީ ޝަހީދުވެފައެވެ. ފަލަސްތީނުގެ ޕްރިޒަނާސް ސޮސައިޓީން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 6،330 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އަހެދުގެ ފިރިމީހާ މަސާލްމެހް ބުނީ އަހެދަކީ ބޮޑެތި ހުވަފެންތަކެއް ދެކެމުން އައި މީހެއް ކަމަށެވެ. ދަސްވެނިވުމަށްފަހު ޕްރައިމަރީ އެޑިއުކޭޝަން ކިޔެވުމަށް ޔުނިވާސިޓީގެ ދަރިވަރު ވިސްނަމުން ދިޔައީ މަންމައެއްގެ ރޯލު އަދާކުރަމުންނެވެ.

ދާދި ފަހުން ދެމަފިރިން އެކުގައި ކުޑަ އޮންލައިން ވިޔަފާރިއެއް ފެށިއިރު، މަސާލްމެހް އެހީވަނީ ޑެލިވަރީތައް ކުރުމަށެވެ.

"އަހެދު އަހަރެން ކައިރީ ބުނީ އަހަރެމެންގެ ވިޔަފާރީގައި ބަރަކާތް ލައްވާ، ވިޔަފާރި ފުޅާވެގެން ދާނެ ކަމަށް. އަހަރެން ބޭނުންވީ އަހެދަށް ބޭނުންވާ ކޮންމެ ގޮތަކުން ވެސް އެއްބާރުލުން ދޭން." މަސާލްމެހް ބުންޏެވެ.

މަސާލްމެހް ބުނީ އެމީހުންގެ އަންހެން ދަރިފުޅު އަހެދު އާ ވަރަށް ވައްތަރުކަމަށެވެ.

"އައިލޫލްއަށްޓަކައި އަހެދު ދެކެމުން އައި ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ވަރަށް މަސައްކަތް ކުރާނަން. އައިލޫލް ބޮޑުވެގެން ޑޮކްޓަރަކަށް ވާނެ. ދުނިޔޭގައި ހުރި އެންމެ މޮޅު ޑޮކްޓަރަށް."