ރައީސްގެ ވައުދުފުޅާ އެއްގޮތަށް ހުޅުމާލޭ ފޭސް 1ގެ ސޯޝަލް ހައުސިންގް ޔުނިޓްތަކުގެ ކުލި ކުޑަ ކޮށްދީފިއެވެ.

ދާދިފަހުން މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ އަންނަ މަހުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލިން 20 ޕަސެންޓް ކުޑަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދަށް ސަރުކާރުން މިހާތަނަށް ލުއިދީފައި ނުވާނެ ކަމަށާއި ގާތްގަނޑަކަށް 4000 ރުފިޔާއާއި 7000 ރުފިޔާ އާ ނުވަތަ މެއިންޓެނެންސްއާއެކު 6000 ރުފިޔާއަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށް އެދުވަހު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މި އަންނަ މަހުން ފެށިގެން އެ ހުރިހާ ފްލެޓަކުން 20 ޕަސެންޓް އަގު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު ހައުސިންގް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ފޭސް 1ގެ ސޯޝަލް ހައުސިންގް ޔުނިޓްތަކުގެ ކުލީގެ އަދަދުން ކޮންމެ މަހަކުވެސް 20 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޑިސްކައުންޓް ދޭނީ 01 ފެބްރުއަރީ 2024 ގައި މަހު ކުލި އިންސްޓޯޅްމެންޓްގެ ގޮތުގައި (މެއިންޓެއިންނަންސް ނުވަތަ މެނޭޖްމަންޓް ފީ ނުހިމަނާ) ދައްކަންޖެހޭ ކަމަށް ކަނޑައަޅާަފއިވާ އަދަދުން 20 ޕަސެންޓު އުނިވާގޮތަށް ކުރިއަށް އޮތް ކޮންމެ މަހަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ. އަދި މި ޑިސްކައުންޓްގައި މެނޭޖްމެންޓް ފީ ނުހިމެނޭނެ ކަމަށްވެއެވެ.

މީގެ އިތުރުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ގައި އިމާރާތްކުރި 25 ބުރީގެ 16 ޓަވަރުގެ ފިނިޝިންއަށް ދިޔަ ހަރަދު ދިނުމުގެ ގޮތުން ހިޔާ ފްލެޓްގެ ޖުމްލަ ކުލިން 100،000 ރުފިޔާ ވެސް ރައީސް ވަނީ އުނިކޮށްދެއްވާފައެވެ. އަދި ހަމައެހެންމެ ރަށްރަށުގައި 4000 އިން މައްޗަށް ފައިސާ ދައްކާ ހައުސިން ޔުނިޓްތަކުގެ ކުލި 3333 އަށް ކުޑަ ކޮށްދެއްވާފައިވެއެވެ.