ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުލްކުރުމަށްޓަކައި ބޭނުންވާ އަދަދަށް ސޮއި ހަމަވި ކަމަށާއި އިއްޔެ އޮތް ވަޒީރުންގެ އިތުބާރުގެ މަޖިލީސް ހިނގަމުން ދަނިކޮށް އަޒުލުކުރަން އިއްޔެ ހުށަހަޅާނެ ކަމަށް ބުނި ނަމަވެސް އެކަމެއް ނުވިއެވެ.
އެއަށް ފަހު މިހާރު ބުނަމުން ދަނީ 19 ވަނަ ރައްޔިތުންގެ މަޖިލިސް ނިމުމުގެ ކުރިން މައްސަލަ ހުށަހަޅާނެ ކަމަށެވެ.
އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ރައީސް އަޒުލްކުރަން ފާސްކުރިއެވެ. އެއާއެކު ރައީސް އަޒުލްކުރުމަށް ބޭނުންވާ ވަރަށް ސޮއި ހަމަކުރެވިފައިވާ ކަމަށް އެ ޕާޓީގެ އޮފިޝަލުން އިއްޔެ ވަނީ 'ދަ ޕްރެސް' އަށް ވިދާޅުވެފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަ ތަކުރާރުކުރައްވައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ، ރައީސް އަޒުލްކުރުމަށް ހުށަހަޅާ ގަރާރުގައި ސޮއިކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށާއި، ރައީސް އަޒުލްކުރުމަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މިހާރު ވެސް ސޮއި ލިބިފައިވާ ކަމަށެވެ.
އެކަމަކު އެ މައްސަލަ ހުށަހެޅުމަށް ލިބިފައިވަނީ ކިތައް ސޮއިތޯ ސުވާލުކުރުމުން، މުހައްމަދު ރަޝީދު ވަކި އަދަދެއް ހާމައެއް ނުކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ، ރައީސް އަޒުލްކުރުމަށްޓަކައި ކުރާ މަސައްކަތުގައި އެމްޑީޕީ އާ އެކު މަސައްކަތްކުރުމަށްޓަކައި އިތުރު ޕާޓީތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ރައީސް އަޒުލުކުރުމުގެ މައްސަލަ ހުށަހަޅަން ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފި ނަމަ، އެ މައްސަލަ ހުށަހަޅައި ކުރިއަށްދާނެއެވެ.
އަހްމަދުގެ ވާހަކަ ތަކުރާރުކުރައްވައި މުހައްމަދު ރަޝީދު ވަނީ، އަންނަ މޭ މަހުގެ 27 ގައި 19 ވަނަ މަޖިލިސް ނިމޭކަން ފާހަގަކުރައްވާފައެވެ.
"އޭގެ ކުރީގަ މިކަން ކުރިއަށް ގެންދަން އަޅުގަނޑުމެން މިހާރު އޮތްގޮތުން ވެއްޖިއްޔާމު ޖެހޭނެ،" އެ މައްސަލަ ހުށަހަޅުއްވާނެ ކަމުގެ އިޝާރާތެއް ކުރައްވައި ވިދާޅުވިއެވެ.
ނަމަވެސް މައްސަލަ ހުށަހަޅާނެ ތާރީހެއް ދެއްވުމަށް ތަކުރާރުކޮށް އެހުމުން ވެސް ސީދާ ތާރީހެއް ނުވަތަ މުއްދަތެއް ދެ ބޭފުޅުން ނުދެއްވިއެވެ.