އެމްޑީޕީގެ މެންބަރުން ވޯޓުން އެކަނިވެސް ފަސޭހަކަމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ވަކި ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހާ ގުޅިގެން ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު ރައީސްކަމުން ވަކި ކުރުމަށް އިތުބާރު ނެތް މައްސަލައެއް މަޖިލީހަށް ހުށަހަޅަން އިއްޔެ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވާއިރު ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން އަންނަނީ މަޖިލީހުގެ މި ގަވައިދާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
މި ގޮތުން މި ހަފްތާ ތެރޭގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ކަމާ ގުޅޭ ގޮތުން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ކުރަން ފަށާފައެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލަ ހުށަހަޅަންޖެހޭއިރު ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން އިއްޔެ ސަރުކާރު ހިންގާ ކޯލިޝަނުން ބުނީ އިތުބާރު ނެތް ކަމަށް ހުށަހަޅައި ރައީސް ޑރ. މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުން ވިޔަސް އެ ފުރުސަތު މަޖިލީސް ތެރެއިން ނުދޭނެކަމަށެވެ.