އާދިއްތަ ދުވަހުގެ ރޭ ބޭއްވި 69 ފިލްމުފެއާ އެވޯޑު ހަފްލާގެ އެންމެ މޮޅު ބަތަލާ އަކަށް އާލިއާ ބަޓް ހޮވި، އެންމެ މޮޅު އެކްޓަރަކަށް ރަންބީރު ކަޕޫރު ހޮވިއްޖެއެވެ.

އާލިއާ އަށް އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބުނީ ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި އޭނާ ދައްކުވައިދިން އެކްޓުގެ ސަބަބުންނެވެ. އޭނާގެ ފިރިމީހާ އެކްޓަރު ރަންބީރު އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ގައި އޭނާ ކުޅުނު ވަރުގަދަ ރޯލަށެވެ. ބަތަލާ އާލިއާ އަށް ފާއިތުވި އަހަރުތަކަކީ ވަރަށް ކާމިޔާބު އަހަރުތަކެކެވެ. 2022 ވަނަ އަހަރުވެސް އާލިއާ ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ހާސިލްކޮށްފައެވެ. އެ ފަހަރު އެންމެ މޮޅު ބަތަލާގެ އެވޯޑު އާލިއާ އަށް ލިބުނީ "ގަންގޫބާއީ ކަތިއަވާޅީ" އިންނެވެ. އެ ފިލްމުން އާލިއާ އަށް މިދިޔަ އަހަރު ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު ފިލްމަކަށް ޓްވެލްތު ފެއިލް ހޮވުނު އިރު އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ އެ ފިލްމުގެ ޑައިރެކްޓަރު ވިދޫ ވިނޯދް ޗޯޕްޅާ އެވެ. އެންމެ މޮޅު ފިލްމު (ކްރިޓީކުން ހޮވި) އަކީ ޖޯރަމްއެވެ. އެންމެ މޮޅު އެކްޓަރު (ކްރިޓިކް) އަށް ހޮވުނީ ޓްވެލްތު ފެއިލްގެ ބަތަލު ވިކްރާންތު މަސީ މޮޅު ބަތަލާ (ކްރިޓިކް) އަށް ހޮވުނީ މިސިޒް ޗެޓަޖީ ވާސަސް ނޯވޭ އިން ރާނީ މުކަރްޖީ އާއި ތުރީ އޮފް އަސް އިން ޝެފާލީ ޝާހްއެވެ.

* މޮޅު ސަޕޯޓިން އެކްޓަރު: ވިކީ (ޑަންކީ)

* މޮޅު ސަޕޯޓިން ބަތަލާ: ޝަބާނާ އާޒްމީ (ރޮކީ އޯރް ރާނީ)

* މޮޅު ވާހަކަ: އޯއެމްޖީ، ޖޯރަމް

* މޮޅު ސްކްރީންޕްލޭ: ޓްވެލްތު ފެއިލް

* މޮޅު ޑައިލޮގް: ރޮކީ އޯރް ރާނީ

* މޮޅު ފިރިހެން ލަވަކިޔުންތެރިޔާ: ބުޕިންދަރު ބައްބަލް (އަރުޖަން ވެއިލީ-އެނިމަލް)

* މޮޅު އަންހެން ލަވަކިޔުންތެރިޔާ: ޝިލްޕާ ރާއޯ (ބޭޝަރަމް ރަންގް.ޕަތާން)

މި އަހަރުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ ކުޅަދާނަ ޑައިރެކްޓަރު ޑޭވިޑް ދަވަންއަށެވެ. ޑޭވިޑަކީ ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ވަރުން ދަވަންގެ ބައްޕައެވެ.