ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ބައެއް ވަޒީރުންނަށް ރުހުން ދިނުމާ ދެކޮޅަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުނު ތްރީ-ލައިން ވިޕާ ހިލާފަށް އަށް މެންބަރަކު ވޯޓު ދެއްވައިފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ މަޝްވަރާކޮށް ރުހުން ނުދޭން ނިންމައި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށާއި، ބަންޑާރަނައިބު އަހްމަދު އުޝާމްގެ އިތުރުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދިނުމާ ދެކޮޅަށް ވަނީ ތްރީ-ލައިން ވިޕެއް ނެރެފައެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިނީ ސައީދަށް އެކަންޏެވެ. އޭނާ އަށް ރުހުން ދިނުމަށް 37 ވޯޓު ލިބުނު އިރު، ރުހުން ދިނުމާ ދެކޮޅަށް 32 މެންބަރަކު ވޯޓު ދެއްވިއެވެ.

ދެން ތިއްބެވި ތިން ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިން ނަމަވެސް، ސައީދު ހިމެނިވަޑައިގަންނަވާހެން ބައެއް މެންބަރުން ވަނީ އެމްޑީޕީން ނެރުނު ވިޕާ ހިލާފަށް ވޯޓު ދެއްވައިފައެވެ. އެ މެންބަރުންނަކީ:

  1. ހުސައިން ޝަހީމް - ހެންވޭރު ދެކުނު (ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)
  2. މުހައްމަދު ޝިފާއު - އިހަވަންދޫ ދާއިރާ (ޝަހީމަށާއި ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)
  3. ހުސައިން ޒިޔާދު - ވައިކަރަދޫ ދާއިރާ (ޝަހީމަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ)
  4. ޔާސިރު އަބްދުއްލަތީފް - ކުޅުދުއްފުށި އުތުރު (ސައީދަށް ރުހުން ދޭން ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ)
  5. ޖަމްޝީދު މުހައްމަދު - ކުޅުދުއްފުށި ދެކުނު (ޝަހީމަށާއި ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)
  6. މުހައްމަދު ރާއީ - މަކުނުދޫ (ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)
  7. އަހްމަދު ހަލީމް - ބިލެއްދޫ (ޝަހީމަށާއި ސައީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)
  8. މުހައްމަދު މުމްތާޒް - ފުވައްމުލައް ދެކުނު (ވިޕް ނެރުނު ހުރިހާ ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވި)

މިކަމާ ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ގަވައިދުގެ 41 ވަނަ މާއްދާގައިވާ ގޮތުން، ތްރީލައިން ވިޕަކާ މެންބަރަކު ހިލާފުވެއްޖެ ނަމަ އަޅާނެ ފިޔަވަޅުތަކަކީ:

  • ވިޕާ ހިލާފުވި މެންބަރަށް ނަސޭހަތް ދިނުން
  • ދެވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ ނަސޭހަތް ދިނުމަށް ފަހު މައާފަށް އެދުމަށް އެންގުން
  • ތިންވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ ޕާޓީގެ ފަރާތުން ދޭ އިނާޔަތްތައް މެދުކަނޑާލުން
  • ހަތަރުވަނަ ފަހަރަށް ހިލާފުވެއްޖެ ނަމަ، ޕާޓީގެ މަގާމެއްގައި ހުރި ނަމަ މަގާމުން ވަކިކޮށް، އެއް އަހަރު ދުވަހަށް އެތެރޭގެ އިންތިހާބުތަކުގައި ކުރިމަތިނުލެވޭ ގޮތް ހެދުން
  • ފަސްވަނަ ފަހަރަށް ވިޕާ ހިލާފުވެއްޖެ ނަމަ ޕާޓީން ވަކިކުރުން