ސްޓޯރީލައިން: އެންމެ ކުޑައިރުން ފެށިގެންވެސް ބައްޕަ ދެކެ އިންތިހާ އަށް ލޯބިވާ ފިރިހެން ދަރިއަކަށް ބައްޕަގެ ލޯތްބާއި އަޅާލުން ނުލިބި ބޮޑުވި ނަމަވެސް ބައްޕައަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ދަރިއެއްގެ ވާހަކައެވެ. މީހެއް މަރަން ފަސްނުޖެހި ކޮންމެފަދަ ކަމެއްވެސް ކޮށްލަން ފަސްނުޖެހޭ ފިރިހެން ދަރިއެއްގެ ވާހަކައެވެ.
މައިގަނޑު ތަރިން ރަންބީރު ކަޕޫރު (ރަންވިޖޭ ސިންހް)، ޓްރިޕްތީ ދިމްތީ (ޒޯޔާ)، ބޮބީ ޑިއޯލް (އަބްރާރު)، ރަޝްމިކާ މަންޑާނާ (ގީތަންޖަލީ)، އަނިލް ކަޕޫރު (ބަލްބީރު ސިންހް).
މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)މި ފިލްމަކީ އަނިޔާވެރިކަމާއި ލޯތްބާއި އޮބްސެޝަން އަދި ޓޮކްސިސިޓީ ހިމަނައިގެން އުފައްދާފައިވާ ފިލްމެކެވެ. އަދި ކުޑަ ފިރިހެން ކުއްޖެއްގެ ޅައުމުރުގައި ދިމާވާ ކަންތައްތަކެއްގެ ސަބަބުން އޭނާގެ ޓްރޮމާ ޓްރިގާ ވުމަށްފަހު ދެން ކަންތައްތައް ވެގެންދާ މަންޒަރު ފިލްމުން ފެނިގެންދިޔައެވެ. މި ފިލްމަކީ ސަންދީޕް ރެޑީ ވަންގާ ލިޔެ، ޑައިރެކްޓްކޮށް އެޑިޓްކޮށްފައިވާ ފިލްމެކެވެ. ބަލިކަށި އަނިޔާވެރި ބައްޕައާއި ދަރިފުޅުގެ މި ވަރުގަދަ އެކްޝަން ފިލްމުގައި ހަމަލޮލަށް ބަލަން އުނދަގޫ އަނިޔާވެރި މަންޒަރު އެކުލެވިގެންވެއެވެ.
ދަރިން ކުޑައިރު ދަރިންނަށް އަޅާލުމާ ލޯބިދޭންޖެހޭ ކަން ފިރިމީހާ ބަލްބީރަށް އަންގަމުން ދިޔަނަމަވެސް ބަލްބީރު ބީރުކަންފަތެއް ދިނެވެ. ކުދިންގެ މަންމަ ދަރިންނަށް ބައްޕައެއްގެ ލޯބި ކިތަންމެ ދޭން ބޭނުންވި ނަމަވެސް އެކަން ކާމިޔާބު ނުވީ ބަލްބީރުގެ ހަރުކަށިކަމުންނެވެ. ބަލްބީރާ ދިމާއަށް އެއްޗެއް ބުނެލާ މީހެއްގެ އަނގަ އޭނާ ބަންދުކޮށްލައެވެ. ރަންވިޖޭގެ ކިބައިން ހަރުކަށިކަން އެންމެ ފުރަތަމަ ފެނިގެންދިޔައީ އޭނާގެ ދައްތަ އަކަށް ކޮލެޖު ކުދިބައެއް ވެގެން ހަނގާ ކުރުމުންނެވެ. ދައްތަގެ އެ ވާހަކަތައް އަޑުއަހަން ބައްޕަ އެއް ނެތެވެ. ބައްޕަ އަކު ކޮށްދޭންޖެހޭ އެއްވެސް ކަމެއް ބަލްބީރު ކޮށް ނުދެއެވެ. އެންމެފަހުން ދައްތަ ގޮވައިގެން އެ މީހުންނާ ކުރިމަތިލާން ދަނީ ރަންވިޖޭ އެވެ. ކުލާސްރޫމަށްވަދެ ދައްތަ އާ ބެހުނު މީހެއްގެ ނަން ބުނުމަށް ބުނުމުން އެންމެވެސް ރަންވިޖޭ އަށް ކުރީ މަލާމާތެވެ. އެހިސާބުން އޭނާގެ ރުޅިގަނޑު ފަޅައިގެން ދެއެވެ. ކުލާހުން ނުކުމެ އިރުކޮޅެއްނުވެ ދެން ފެނުނީ ބަޑި އެއް ހިފައިގެން އައި ކުލާސްތެރެއަށް ވަޒަން ދޫކުރާ މަންޒަރެވެ.
ބަލްބީރު އޭނާގެ ދަރިފުޅު ރަންވިޖޭ އާ ދިމާއަށް ކުށްވެރިއެކޭ ބުނެއެވެ. ރަންވިޖޭ ގަބޫލުކުރާ ގޮތުގައި ފިރިހެނަކު އޭނާގެ ކޮއްކޮ/ދައްތަ އަށް އުނދަގުލެއް ކުރިމަތިވެއްޖެ ނަމަ ކޮއްކޮ/ދައްތަ ހައްގުގައި ތެދުވުމަކީ މުޅިން ރަނގަޅު ކަމެކެވެ. އެއީ ތެދު ހަގީގަތެއްކަން އެންމެންވެސް ގަބޫލުކުރާނެއެވެ. ނަމަވެސް ފިލްމުގެ ބާކީ ބައިތަކުގައި ސާފުކޮށް އެނިގެންދަނީ ރަންވިޖޭ އަކީ ނަފްސާނީ ފަރުވާއަށް ބޭނުންވެފައި ހުރި މީހެއް ކަމެވެ. ނަމަވެސް ބައްޕަ ދެކެ ވާ ލޯބިން ބައްޕަ އާ ދެކޮޅަށް އަރާ ކޮންމެ މީހެއްގެ ދުވަސް ރަންވިޖޭ ދުއްވާލައެވެ. ހުދު އޭނާގެ އަމިއްލަ ދައްތަގެ ފިރިމީހާ ބައްޕައަށް ބޭވަފާތެރިވާކަން ފަޅާއެރުމުން އޭނާގެ ދުވަސް ދުއްވާލަނީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެއްވެސް ދެވަނަ ވިސްނުމަކާ ނުލައެވެ. މި ފިލްމުގައި ޖުމްލަކޮށް ފެނިގެންދަނީ ތަޅާފޮޅުންތަކަށްވުރެ ބޮޑަށް އަނިޔާވެރިކަމެވެ. ފިރިހެނެއްގެ ފަރާތުން އެހެން މީހުންނަށް ލިބޭ އަނިޔާތެކެވެ. ލޭ އޮހޮރުވުން ތަކެވެ. އެކި ވަރުގެ ހަމަލާތަކެވެ.
ރަންވިޖޭގެ އާއިލާ އަތުން ދަނގަޑު ޕްލާންޓެއް ފޭރިގަތުމުން އެ ފޭރުނު އެންމެން މަރާލާ މަންޒަރު ފެނެއެވެ. އާއިލާގެ އެހެން މީހަކަށް ރަންވިޖޭގެ ޝައުގުވެރިކަމެއް ނެތެވެ. އަނތްބަކާ ދެ ދަރިން ހުރި އިރުވެސް އެމީހުންނަށްވުރެ މުހިއްމީ ބަލްބީރެވެ. އަނބިމީހާ ގިތާންޖަލީ އެވާހަކަ ދެއްކުމުންވެސް އޭނާއަށް އަނިޔާކުރެއެވެ. ރަންވިޖޭ އަކީ އެއްވެސް ކަމަކަށް އެދޭ މީހެއް ނޫނެވެ. އޭނާ ބޭނުންވާ ކަމެއް ވަގުތުން ވަގުތަށް ވާންޖެހެއެވެ. އަދި އެކަމެއް އޭނާ އަމިއްލައަށްވެސް ކުރެއެވެ. ގިތާންޖަލީ، ރަންވިޖޭ އާ ކައިވެނިކުރީ އެހުރިހާ ކަމެއް ބަދަލުވާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދުވަސްވާ ވަރަކުން ރަންވިޖޭގެ އުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. އަނބިމިހާ އަށް ދުވަހަކުވެސް ބޭވަފާތެރިނުވާނެ ކަމަށް ވައުދުވި މީހާ އަށް ޒޯޔާ ކިޔާ އަންހެނެއް ފެނެއެވެ. އެ އަންހެން މިހާ އާއެކު ވަގުތު ހޭދަކުރަމުން ދިޔައީ އޭނާގެ ދެކެވާ ލޯބިންނެއް ނޫނެވެ. ބައްޕަ ބަލްބީރު އަށް ހަމަލާދޭން އުޅޭ ކަމުގެ "ޕްލޭން" ޒޯޔާއަށް އެނގޭތީއެވެ.
ފިލްމުގައި ދެން ކަންތައްތައްވެގެންދާ ގޮތް ބަލާލުމަށް ފިލްމު ބަލާލާށެވެ. މި ފިލްމު މިހާރު ނެޓްފްލިކްސް އިން ބެލޭނެއެވެ. މި ފިލްމަކީ ޖުމްލަކޮށް ފިރިހެނެއްގެ ބާރުވެރިކަން ކިޔައިދޭ ވާހަކައެވެ. ބައްޕައަށްޓަކައި ކޮންމެފަދަ ކަމެއް ކުރަންވެސް ފަސްނުޖެހޭ މީހެއްގެ ވާހަކައެވެ.