ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގެ ރޭޓް އަނެއްކާވެސް ދަށްކޮށްފިއެވެ.
ބީއެމްއެލް އިން މިގޮތަށް ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ބައްދަލުވުމުގައެވެ. ބީއެމްއެލް އިން ބުނި ގޮތުގައި އެ ކުންފުނިން މިހާރު ނަގާފައިވާ ފެސިލިޓީސްގެ އިތުރުން އަލަށް އެދި ހުށަހަޅާ ފެސިލިޓީސް އަށްވެސް އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކަނޑައަޅާފައިވަނީ މި ރޭޓު ކަމަށެވެ.
މީގެ އިތުރުންވެސް ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގް މެދުވެރިކޮށް ދަރިވަރުންނަށް ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ހަރަދުތައް ހިމެނޭހެން ކިޔެވުމުގެ ހަރަދުތަކުގެ 90 ޕަސެންޓާ ހަމަޔަށް ފައިނޭންސް ލިބޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު މިހާރު ލޯނާއި ފައިނޭންސިންގް ނަގާފައިވާ ފަރާތްތަކަށް ފައިސާ އަނބުރާ ދައްކަންޖެހޭ މުއްދަތު އޮޓަމެޓިކް އިން ކުޑަވާނެ ކަމަށްވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ "މަތީ ތައުލީމު ހާސިލްކުރުމަށް ބޭންކުން ދޫކުރާ ފައިނޭންސިންގެ ރޭޓް 2.5 ޕަސެންޓަށް ދަށްކުރެވިގެން ދިޔުމަކީ އަޅުގަނޑުމެން ލިބުނު އުފަލެއް. ފައިނޭންސިންގް ރޭޓަށް މިދިޔަ އަހަރު ގެނެވުނު ހެޔޮ ބަދަލާއެކު ދުނިޔޭގެ ކޮންމެ ތަނަކުން ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށްވެސް ފަސޭހައިން ފަންޑިންގް ހޯދުމުގެ ފުރުސަތު ފަހިކޮށްދެވިގެންދިޔަ. އަދި މިއަދު މި ގެނެވުނު ބަދަލުގެ ސަބަބުން އިތުރު ދަރިވަރުންނަށް މިވަނީ ފުރުސަތު ފަހިވެގެން ގޮސްފައި." ކަމަށެވެ.
މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުމަށް ބޭނުންވާ ކަސްޓަމަރުން އަމަލުކުރަންޖެހޭ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ކިޔަވާ ލޯނާއި ބީއެމްއެލް އިސްލާމިކް އެޑިއުކޭޝަން ފައިނޭންސިންގް ނަގާފައިވާ ކަސްޓަމަރުންނާ ހިއްސާ ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލް ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންގ މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެންދާއިރު ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެއެވެ.