ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ ތާއިދާއެކު ސުޕަމެޖޯރިޓީ ނަގާނެ ކަމަށާއި މަދުވެގެން 62 ގޮނޑި އެ އިންތިހާބުގައި ކާމިޔާބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ހޮވުމަށް މިއަދު ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ ޕްރައިމަރީގައި ވޯޓު ލައްވަން ވަޑައިގެން އެ ސަރަހައްދުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ހައްގުތައް ކުރިއަށް ނެރެގެން, ވެފައިވާ ކަންކަން ފުއްދުމުގައި ދެމިތިބެއްްޖެ ނަމަ އަންނަ މަޖިލިސް އިންތިހާބުގައި ސުޕަމެޖޯރިޓީ ހޯދުމަކީ ވާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ ކަންކަން ކޮށްދީގެން ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް ކަމަށެވެ.
އެމަނިކުފާނުގެ ހިތްޕުޅުގައި ވަނީ އިހްލާސްތެރިކަން ކަމަށާއި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތަާއި ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެގޮތުގައި މަސައްކަތްޕުޅު ކުރައްވާ އިރު ރައްޔިތުން އެކަން ބަލައިގަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ސަބަބާ އެކު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުން މަދުވެގެން 62 ގޮނޑީ ނެގޭނެ ކަމުގެ ޔަގީންކަން އެބް އޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަދު ކުރިއަށް ގެންދާ ޕީއެންސީ ކޯލިޝަންގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން ސުލްހަވެރިކަމާއެކު މޮޅުވާ ކެންޑިޑޭޓާއެކު ކުރިއަށް ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އެ ކެންޑިޑޭޓިންނަކީ ޕާޓީ އާއި ގައުމުގެ މަސްލަހަތު އިސްކޮށްގެން އެންމެން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރާނެ ބައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.