ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުމާ ގުޅިގެން ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ވަނީ މާޔޫސްވެފައެވެ. ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ވީއިރުވެސް އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާއި ގާޒާގެ ސަރަހައްދުތަކަށް އިޒްރޭލުން އެއްގަމު މަގުން އަރައިގަތުން ހުއްޓުމަށް އަންގާފައެއް ނުވެއެވެ. ދިން ބޮމުގެ ހަމަލާތަކާއި އެ ސަރަހައްދަށް އެއްގަމު މަގުން އަރައިގަތުން ހުއްޓާލުމަށް އައިސީޖޭއިން އިޒްރޭލަށް އަންގާފައެއް ނުވެއެވެ. އައިސީޖޭ އިން މިގޮތަށް ނިންމީ އިޒްރޭލުން ޖަރީމާ ހިންގަމުންދާ ކަމަށް ބުނެ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ހުކުރު ދުވަހު ދުނިޔޭގެ ކޯޓުން ވަނީ އިޒްރޭލުން 1948 ވަނަ އަހަރުގެ ޖެނޯސައިޑް މުއާހަދާއާ އެއްގޮތަށް އަމަލުކުރުމަށާއި، ގާޒާއަށް އިންސާނީ އެހީތެރިކަން އިތުރުކުރުމުގެ ހުއްދަ ދިނުމާއި، ޖިނާއީ ބަޔާންތައް ނެރޭ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ލާޒިމްކޮށް ވަގުތީ ފިޔަވަޅުތަކެއް އަޅާފައެވެ.

ނަމަވެސް ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އަމުރުކުރުން ނުވަތަ އިޒްރޭލުން އެ ސަރަހައްދުގައި ހިންގާ އަސްކަރީ ހުރިހާ ހަރަކާތެއް ހުއްޓާލުމަށް ބާރުއެޅުމުގައި ކޯޓުން އަމުރެއް ކޮށްފައެއް ނުވެއެވެ.

ގާޒާގެ ގިނަ ބަޔަކު ބުނަނީ މާޔޫސްވި ނަމަވެސް ހައިރާންނުވާ ކަމަށެވެ. ފަލަސްތީނުގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ނިމުމަކަށް ގެނައުމުގައި މިހާތަނަށް ފެއިލްވެފައިވާތީ ބައިނަލްއަގްވާމީ މުޖުތަމައުއަށާއި ދުނިޔޭގެ އަދުލު އިންސާފުގެ ނިޒާމަށް ވެސް އިތުބާރު ނުކުރާ ކަމަށް އެ މީހުން ބުނެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ގާޒާގައި ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައި ކަމަށް އދ. އިން ބުނެއެވެ.

އޭގެ ތެރޭގައި ގާޒާގެ މެދުތެރޭގެ ދީރް އަލް ބާލާހުގައި ހުންނަ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި ކޯޓުން ކުރި އަމުރު ވަރަށް ގާތުން އަޑުއަހަމުން ދިޔަ އުމުރުން 54 އަހަރުގެ އަހްމަދު އަލް ނައްފަރު ވެސް ހިމެނެއެވެ.

އަލްނައްފަރު ބުނީ ބައިނަލްއަގްވާމީ މުޖުތަމައުއަށް އިތުބާރު ނުކުރި ނަމަވެސް ގާޒާގައި ހަނގުރާމަ ހުއްޓާލުމާ މެދު ކޯޓުން ހުކުމް ކުރާނެ ކަމުގެ ކުޑަ އުއްމީދެއް އޮތް ކަމަށެވެ.

އުމުރުން 54 އަހަރުގެ އަހްމަދު އަލް ނައްފަރު ހިޔާވަހިކަން ހޯދަމުން އަންނަނީ އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި

ހަ ކުދިންގެ ބައްޕަ ގެދޮރު ގެއްލި، ފަލަސްތީނުގެ އިތުރު އެތައް ސަތޭކަ ބަޔަކާ އެކު ހޮސްޕިޓަލުގެ ގޯތިތެރޭގައި މިހާރު ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.

އޭނާ ހައިރާންވެފައި ބުނީ ހަނގުރާމަ ހުއްޓާލުމަށް އެއްވެސް މީހަކު ބާރު ނާޅާތީ ހިތާމަކުރާ ކަމަށެވެ. "ހަގީގީ ހަނގުރާމަ ހުއްޓާލަން އެއްވެސް ކަމެއް ނުކޮށް އެންމެން ވެސް ތިބީ އަހަރެމެންގެ ނަސްލު ނެތިގެން ދާތަން ބަލަން." އޭނާ ބުންޏެވެ.

"އެހީއެއް ނުވަތަ ކާނާއެއް ބޭނުމެއް ނޫން. އަހަރެމެން ބޭނުންވަނީ ހަނގުރާމަ ނިމުމަކަށް ގެނެސް ގާޒާ [ސިޓީއަށް] އެނބުރި ދިއުން."

މިމަހުގެ ކުރީކޮޅު ދެކުނު އެފްރިކާއިން ވަނީ އިޒްރޭލުން ގާޒާގައި ހިންގަމުންދާ ނުރައްކާތެރި އަސްކަރީ ކެމްޕޭން ވަގުތީ ގޮތުން މެދުކަނޑާލަން އައިސީޖޭގެ ކިބައިން އެދިފައެވެ.

އަދި ވަގުތީ ފިޔަވަޅުތަކަކީ ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް ލިބޭ އިތުރު، ހަރުކަށި އަދި އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސައުތު އެފްރިކާއިން ވަނީ ނުވަ އަމުރެއް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް ނޭޅުމަށް އިޒްރޭލަށް އިރުޝާދު ދިނުންވެސް ހިމެނެއެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް އަންނަ އެހީއަކީ މިހާރު އެތަނަށް ބޭނުންވާ އެހީގެ 30 ޕަސެންޓަށް ވުރެވެސް ކުޑަ އެހީއެއް ކަމަށެވެ. އެހީގެ މިންވަރާއި ބާވަތްތައް ކޮންޓްރޯލް ކުރަނީ ހަމަލާތައް ދޭން ފެށި ފަހުން އިޒްރޭލުންނެވެ.

އަލްނައްފަރު ބުނީ ހަނގުރާމަ ހުއްޓާލުމާ މެދު ކޯޓުން ހުކުމް ކުރާނެ ކަމުގެ ކުޑަ އުއްމީދެއް އޮތް ކަމަށް

"އެއްވެސް މީހަކަށް އިޒްރޭލު ނުހުއްޓުވޭނެ"

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މުހައްމަދު އަލް މިނާވީ ބުނީ އައިސީޖޭގެ ހުކުމް އަޑުއެހުމަކީ ވެސް ބޭކާރު ކަމެއް ކަމަށް ދެކޭ ކަމަށެވެ.

އުމުރުން 45 އަހަރުގެ ފަސް ކުދިންގެ ބައްޕަ މިވަގުތު ހިމާޔަތް ހޯދަމުން ދަނީ އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި ހުންނަ ޓެންޓެއްގައެވެ. ގާޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލް މުގްރާގާ ސަރަހައްދުގައި ހުރި އޭނާގެ ގެއަށް ހަމަލާދޭން ފެށުމުން އޭނާ އަށް މަޖުބޫރިވީ ގެއިން ނުކުމެގެން ދިއުމަށެވެ.

"އަހަރެންގެ އެއްވެސް އުއްމީދެއް ނެތް. ހިތާމައަކީ އެއްވެސް މީހަކަށް އިޒްރޭލު ނުހުއްޓުވޭނެތީ." އަލް މިނާވީ ބުންޏެވެ.

އުމުރުން 45 އަހަރުގެ މުހައްމަދު އަލް މިނާވީ، އަދި ފަސް ކުދިންގެ ބައްޕަ ގަބޫލުކުރާ ގޮތުގައި އިޒްރޭލުން މިހާރު ދެމުން އަންނަ ހަމަލާތައް އެއްވެސް މީހަކަށް ނުހުއްޓުވޭނެ

ނަމަވެސް އޭނާ ވަނީ ދެކުނު އެފްރިކާއިން އިޒްރޭލާ ދެކޮޅަށް ދައުވާ ކުރުމުގައި ކުރި ކަންކަމަކީ ހީވެސް ނުކުރާ ވަރުގެ ކަމެއްގެ ގޮތުގައި ސިފަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ. ނަމަވެސް އެހެން ގައުމުތަކުން ހިމޭނުން ތިބޭނަމަ އެ ފިޔަވަޅަކީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް އޭނާ ބުންޏެވެ.

"އިޒްރޭލަށް އެއްވެސް ހުރަހެއް ނެތް. ބައިނަލްއަގުވާމީ އަދި ޑިޕްލޮމެޓިކް ހުރިހާ ނިންމުމަކުން ވެސް އެމީހުންނަށް ތާއީދު ކުރޭ. ޖަވާބުދާރީވުމެއް ނެތް." އަލް މިނާވީ ބުންޏެވެ.

"އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ވިސްނާނަމަ އެގައުމުގެ ސިފައިން ގާޒާގައި އެހާ ގިނަ އަންހެނުންނާއި ކުޑަކުދިން މަރާލައި އަހަރެމެންގެ ހުރިހާ ގެއެއް ހަލާކުކޮށް ނުލީސް."

"އެންމެން ވެސް ބުނަނީ އެހީ ފޮނުވާނަމޭ. އިޒްރޭލުން އަންނަނީ އަހަރެމެން މަރަމުން. އެހީ ފޮނުވައިގެން އަހަރެމެންނަށް ލިބެނީ ކޮން ރައްކާތެރިކަމެއް؟ އޭގެ ބަދަލުގައި އަހަރެމެންނަށް ހިމާޔަތްހޯދަދޭން މަސައްކަތް ކުރުން ކިހިނެތް ވާނީ؟"

"މަހެއްހާ ދުވަހުގެ ތެރޭގައި އަހަރެމެން ނައްތާލާނެ"

އިޒްރޭލުން ވަނީ ގަތުލުއާންމުގެ ތުހުމަތު ދޮގުކޮށް، ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކާއި އދ.ގެ ތަހުގީގުތައް ބޮއިކޮޓްކޮށް، އެއީ ބޭއިންސާފު އަދި ވަކި ފަރާތަކަށް ޖެހޭ ތަހުގީގެއް ކަމަށް ތުހުމަތުކޮށްފައެވެ.

އައިސީޖޭއިން ހުކުރު ދުވަހު ވަނީ އިޒްރޭލުން އަޅާފައިވާ ވަގުތީ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރަމުންދާކަން ދެއްކުމަށް އެގައުމުން އަޅަމުންދާ ފިޔަވަޅުތައް ބަޔާންކޮށް އެއް މަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައެވެ. އެއަށްފަހު ސައުތު އެފްރިކާއަށް މި ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތު ދޭނެއެވެ.

އިޒްރޭލުން ގާޒާއަށް އަސްކަރީ ހަމަލާތައް ދެމުން ގެންދާ ގޮތާ މެދު އިތުރު އިމްތިހާނަކާ ކުރިމަތިލާން ޖެހިދާނެ ނަމަވެސް ބޮމުގެ ހަމަލާތައް ދެމުން ގެންދާނަމަ ކޯޓުގެ ނިންމުމާ ހިލާފު ވާނެއެވެ.

"ހަމަލާތައް އާންމުންނަށް އަމާޒުނުކުރުމާ ގުޅޭ ރިޕޯޓެއް ހުށަހަޅަން އިޒްރޭލަށް ފުރިހަމަ މަހެއް ދޭނީ ކިހިނެތެ؟ މި މަހުގެ ތެރޭގައި އަހަރެމެން އެންމެން ނައްތާލާނެ." އަލް މިނާވީ ސުވާލު އުފެއްދިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން އާންމުންގެ ފުރާނަ ހިމާޔަތްކުރުމަށް އިޒްރޭލަށް ގޮވާލާފައިވާއިރު، ގާޒާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް މުޅި ފަލަސްތީނުގައި 183 މީހުން ޝަހީދުވެ 377 މީހުން ޒަހަމްވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގެ ތެރޭގައި މެޑިކަލް ފެސިލިޓީތަކާއި ސިއްހީ ހިދުމަތްތެރިންނާއި އެމްބިއުލާންސްތަކުގެ އިތުރުން ހޮސްޕިޓަލްތަކާއި އދއިން ހިންގާ ފެސިލިޓީތަކުގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ވަނީ ހަމަލާތައް އަމާޒުކޮށްފައެވެ.

"އަހަރެމެންގެ ނަސްލު ނައްތާލުމަށް މުޅި ދުނިޔެ ރުހުންދޭ"

އަސްކަރީ ހަމަލާއާއި އެ ސަރަހައްދު ބަންދުކުރުމުގެ ސަބަބުން ހާއްސަކޮށް ގާޒާގެ މާބަނޑު އަންހެނުންނަށް އަސަރުކޮށްފައިވާއިރު، ސިއްހީ ދާއިރާ ފުނޑުފުނޑުވެފައިވާ ދަނޑިވަޅެއްގައި ނުރައްކާތެރި އަދި ސާފުތާހިރު ނޫން ހާލަތްތަކުގައި ވިހެއުމަށް ގިނަ ބަޔަކަށް ވަނީ މަޖުބޫރުވެފައެވެ.

ތަހްރީރް ޝެއިހް ހަލީލް އަކީ މިވަގުތު މާބަނޑުވެފައިވާ އެތައް ހާސް އަންހެނުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާ ހިމާޔަތް ހޯދަމުން އަންނަނީ ފިރިމީހައާއި ފަސް ދަރިންނާއެކު އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލް ކައިރީގައި ހުންނަ ޓެންޓެއްގައެވެ.

އޭނާގެ ފިރިމީހާ އައިސީޖޭގެ ހުކުމް އަޑުއެހިއެވެ. އޭނާ އުއްމީދު ކުރަމުން ދިޔައީ އައިސީޖޭއިން ވަގުތުން ހަނގުރާމަ ހުއްޓާލަން ހުކުމް ކޮށްފިނަމަ، ގާޒާ ސިޓީއަށް ވަގުތުން އެނބުރި ދެވޭނެ ކަމަށެވެ.

"މިހިނގަމުންދާ ކަންތައްތަކުގެ ސަބަބުން އަހަރެމެންގެ ހިތާމައަށް އެއްވެސް ބަދަލެއް ނާންނާނެ. ހަނގުރާމައާއި މީހުން މެރުމާއި ހަލާކުކުރުން ކުރިއަށް ދާނެ." ތަހްރީރް ބުންޏެވެ.

ދެމަފިރިން ވަށައިގެން ތިބި އެހެން އެންމެން ވެސް ތަކުރާރުކޮށް ބުނަމުން ދިޔައީ އެހީ ގެނައުމަށް ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ކަމަށެވެ.

އުމުރުން 40 އަހަރުގެ ހަސަން ހަލީލާއި އޭނާގެ މާބަނޑު އަންހެނުން ތަހްރީރް ބުނި ގޮތުގައި އެ މީހުން ދިރިއުޅެމުން ދަނީ ފަސް ދަރިންނާއެކު ހިތާމަވެރި ހާލަތެއްގައި

"އަހަރެމެންނަށް ތާއީދުކުރާނެ މީހަކު ނެތް. އެއްވެސް މީހަކަށް އިޒްރޭލް ނުހުއްޓުވޭނެ. ކޯޓުގެ ނިންމުމެއް ނުވަތަ އދ.ގެ ގަރާރެއް ވެސް ނުހުއްޓުވޭނެ. އެމެރިކާއިން އިޒްރޭލަށް ތާއީދުކުރާހާ ހިނދަކު އަހަރެމެންނަށް ގެއްލުންތައް ލިބެމުންދާނެ." އޭނާ ބުންޏެވެ.

އެމެރިކާއިން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދާއިރު، އެ އެހީގެ މައްޗަށް އިޒްރޭލުން ދަނީ ހަމަލާތައް ކުރިއަށް ގެންދިއުމަށް ބަރޯސާވަމުންނެވެ. އެމެރިކާއިން ވަނީ ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދީ، ގާޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އދ.ގެ ސަލާމަތީ މަޖިލީހުގެ ބައެއް ގަރާރުތައް ވީޓޯކޮށްފައެވެ.

"އަހަރެމެންގެ ނަސްލު ނައްތާލުމަށް މުޅި ދުނިޔެ ވެސް ރުހުން ދޭ." ތަހްރީރް ބުންޏެވެ.

އައިސީޖޭގެ ހުކުމާ މެދު ބައިނަލްއަގްވާމީ ފެންވަރުގައި ވާހަކަ ދައްކަމުންނެވެ.

ފަލަސްތީން

ފަލަސްތީނުގެ ހާރިޖީ ވުޒާރާއިން އައިސީޖޭގެ ހުކުމަށް ތައުރީފްކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެއްވެސް ދައުލަތެއް، ގާނޫނުން އިސްތިސްނާ ނުވާކަން ހަނދާންކޮށްދޭ މުހިންމު ކަމެއް ކަމަށެވެ.

ހާރިޖީ ވަޒީރު ރިޔާޒް މާލިކީ ފާހަގަކުރެއްވި ގޮތުގައި އިޒްރޭލުން 1948 ވަނަ އަހަރުގެ ޖެނޯސައިޑް މުއާހަދާއާ ހިލާފު ނުވާކަން ކޯޓަށް ވިސްނައިދެވިފައެއް ނުވެއެވެ.

"އައިސީޖޭގެ ފަނޑިޔާރުންނަށް އިޒްރޭލުގެ ސިޔާސީ ކަންކަމާއި، ޑިފްލެކްޝަން އަދި ސީދާ ދޮގުތައް ފެނުނު. އަދި ހަގީގަތާއި ގާނޫނު ދެނެގަނެ، ބިމުގެ ހާލަތުގެ ސީރިއަސްކަމާއި ދެކުނު އެފްރިކާގެ އެޕްލިކޭޝަންގެ ސައްހަކަން ދެނެގަނެވޭ ވަގުތީ ފިޔަވަޅުތައް އެޅުމަށް އަމުރުކުރި. އިޒްރޭލުން ވެސް ހިމެނޭ ގޮތަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ އަމުރަށް އިހުތިރާމް ކުރުމަށް ފަލަސްތީނުން ހުރިހާ ގައުމަކަށް ގޮވާލަން."

އިޒްރޭލް

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ހުކުމަކީ ވަރަށް ހުތުރު ހުކުމެއް ކަމަށް ބުނެ ފާޑުކިޔާފައެވެ.

ކޯޓު އަމުރު ނެރުނުތާ ކުޑަ އިރުކޮޅެއް ފަހުން އާއްމުކުރި ވީޑިއޯ މެސެޖެއްގައި އޭނާ ބުނީ އިޒްރޭލުން ކުރަމުން ދަނީ އިންސާފްވެރި ހަނގުރާމައެއް ކަމަށެވެ.

އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ބޯލަނބައި އިޒްރޭލުން އަމިއްލަ ނަފްސާއި ރައްޔިތުންގެ ދިފާއުގައި ދެމިތިބޭނެ ކަމަށް އޭނާ ބުންޏެވެ.

ދެކުނު އެފްރިކާ

ދެކުނު އެފްރިކާގެ ސަރުކާރުން ވަނީ އައިސީޖޭގެ ހުކުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސިފަކޮށްފައެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ވަނީ ވަގުތީ ފިޔަވަޅުތަކަށް ރުހުން ދީ، ކޯޓު އަމުރުތައް ތަންފީޒު ކުރުމަށް ހުރަސް އެޅޭ ގޮތަށް އިޒްރޭލުން ފިޔަވަޅު ނާޅާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ބޭރުގައި ބޭއްވި މުޒާހަރާއެއްގައި ހަނގުރާމަ ހުއްޓާލުމަށް މީހުން އަޑުއުފުލަނީ

އަދި މި ހުކުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ގާޒާގައި ތިބި ފަލަސްތީނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ދެކުނު އެފްރިކާއިން ދުނިޔޭގެ މުއައްސަސާތަކުގެ ތެރެއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އައިސީޖޭގެ ހެޑްކުއާޓަރުގެ ބޭރުގައި ދެކުނު އެފްރިކާގެ އިންޓަނޭޝަނަލް ރިލޭޝަންސް މިނިސްޓަރު ނަލޭދީ ޕަންޑޯރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އދގެ އެންމެ މަތީ ކޯޓުގެ އަމުރަށް ތަބާވާން ބޭނުންނަމަ އިޒްރޭލުން ގާޒާގައި ހިނގަމުންދާ ހަނގުރާމަތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ.

"ހަނގުރާމަ ހުއްޓާނުލައި އެހީއާއި ފެން ފޯރުކޮށްދޭނީ ކިހިނެތް؟ އެ އަމުރަށް ތަބާވާނަމަ އޭގެ މާނައަކީ، ހަނގުރާމަ ހުއްޓާލަން ޖެހޭނެއޭ."

ހަމާސް

ހަމާސް އިން ވަނީ އެ އައިސީޖީގެ ހުކުމަށް ތައުރީފުކޮށް، އިޒްރޭލު އެކަހެރި ކުރުމަށް އެ ކޯޓުން އެހީތެރިވެދޭ ކަމަށް ބުނެފައެވެ.

"ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގެ ނިންމުމަކީ އިޒްރޭލު އެކަހެރިކޮށް، ގާޒާގައި ހިންގާ ޖަރީމާތައް ހާމަކުރުމަށް އެހީތެރިވެދޭ މުހިންމު ކުރިއެރުމެއް." އެ ބަޔާނުގައި ވެއެވެ.

އެމެރިކާ

އެމެރިކާއިން ބުނީ އައިސީޖޭގެ މި ނިންމުމަކީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ދިން ހަމަލާ ތަކުރާރު ނުކުރެވޭނެ ގޮތަށް ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ އިހްތިޔާރު އިޒްރޭލަށް ލިބިގެންވާ ކަމަށް ވޮޝިންޓަން ދެކޭ ގޮތާ އެއްގޮތް ނިންމުމެއް ކަމަށެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ އަސްކަރީ ހަމަލާތަކަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާއިން

"އަޅުގަނޑުމެން އަދިވެސް ގަބޫލުކުރަނީ ޖެނޯސައިޑްގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް. އެ ކޯޓުން ކުރި ހުކުމުގައި ޖެނޯސައިޑްއާ ބެހޭ ގޮތުން އެއްވެސް ހޯދުމެއް ނުވަތަ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެއް ނުވޭ. އަދި ހަމާސް ޖަމާއަތުން ހިފަހައްޓައިގެން ތިބި އެންމެން އެއްވެސް ޝަރުތެއް ނެތި، ވަގުތުން މިނިވަން ކުރުމަށް ވަނީ ގޮވާލާފައި." އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޤަތަރު

ގަތަރު ސްޓޭޓުން ނެރުނު ބަޔާނެއްގައި ވަނީ އައިސީޖޭއިން އިއުލާނުކުރި އިންތިގާލީ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށާއި ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގައި ޖެނޯސައިޑް ކޮންވެންޝަންގެ ދަށުން ހިންގާ އަމަލުތައް ހުއްޓުވުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ގަތަރުން ދެކޭ ގޮތުގައި އެ ހުކުމަކީ އިންސާނީ ކާމިޔާބީއެއް ކަމަށާއި އެއީ ގާނޫނުގެ ވެރިކަމާއި ބައިނަލްއަގުވާމީ އަދުލު އިންސާފަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މިސްރު

މިސްރުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ފިޔަވަޅުތައް ތަންފީޒު ކުރުމާ ބެހޭ ގޮތުން ކުރި ހުކުމަށް މަރުހަބާ ކިޔާފައެވެ. ފޮރިން މިނިސްޓްރީން ބުނީ މިސްރުން އުންމީދު ކުރަނީ އެފަދަ މައްސަލަތަކުގައި މިސްރުން ކުރި ފަދައިން ގާޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ބައިނަލްއަގްވާމީ ކޯޓުން ގޮވާލާނެ ކަމަށެވެ. އައިސީޖޭގެ ނިންމުންތަކަށް އިހުތިރާމްކޮށް ތަންފީޒު ކުރުމުގެ މުހިންމުކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ތުރުކީ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން ވަނީ އެ ހުކުމަށް މަރުހަބާ ވިދާޅުވެ އާންމުންނަށް ދޭ ހަމަލާތައް ހުއްޓާލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އައިސީޖޭގެ ހުކުމަކީ އަގުހުރި ހުކުމެއް ކަމަށް ވިދާޅުވެ އުރުދުގާން ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

އީރާން

އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އާމިރު އަބްދުاللهޔަން ވަނީ އައިސީޖޭގެ ހުކުމާ ގުޅިގެން އިޒްރޭލުގެ ކަމާބެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފައެވެ.

އާމިރު އަބްދުاللهޔަން ވަނީ އައިސީޖޭގައި ލިބުނު ކާމިޔާބީއަށް ސައުތު އެފްރިކާ އާއި ފަލަސްތީނުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އާމިރު އަބްދުاللهޔަން އިތުރަށް ވިދާޅުވީ ޒަޔަނިސްޓުންގެ ޖަރީމާތަކަށް ވައިޓް ހައުސްއިން ދޭ އެއްބާރުލުން ވެސް ދުވަހަކުވެސް ހަނދާން ނައްތާނުލެވޭނެ ކަމަށާއި އެކަމަށް އާންމުންގެ ހިޔާލު ވެސް ބަލައި، އެއަށް ތަބާވާ ކަމަށެވެ.

ސައުދި އަރަބިއާ

އައިސީޖޭއިން ލަފާދީފައިވާ ކުއްލި ފިޔަވަޅުތަކަށް ސައުދީ އަރަބިއްޔާއިން ވަނީ ރުހުންދީފައެވެ. އެ ގައުމުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ އދ.ގެ މުއާހަދާއާ ހިލާފު އަމަލުތައް ފާޅުކަން ބޮޑުގޮތެއްގައި ބަލައިނުގަންނަކަން ތަކުރާރުކޮށްފައެވެ.

ސްޕެއިން

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ އައިސީޖޭގެ ނިންމުމަށް މަރުހަބާ ވިދާޅުވެ ކޯޓުން ކަނޑައެޅި އިންތިގާލީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ޕާޓީތަކަށް ގޮވާލައްވާފައެވެ.

"ސުލްހައާއި ހަނގުރާމަ ހުއްޓާލުމަށާއި، ބަނގުރޫޓުވެފައިވާ މީހުން ދޫކޮށްލުމާއި، އިންސާނީ އެހީ ހޯދުމާއި، އިޒްރޭލާއެކު ފަލަސްތީނުގެ ދައުލަތެއް އުފައްދައި، ދެ ގައުމަށް ވެސް ސުލްހަވެރިކަމާއި އަމާންކަމާއެކު އެކުގައި އުޅެވޭނެ ގޮތް ހެދުމަށް ބާރު އަޅަމުން ގެންދާނަން." ސަންޗޭޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

ސްޕެއިންގެ ހާރިޖީ ވުޒާރާ، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން އިން އިތުރަށް ބުނީ، ސްޕެއިންއިން އަނެއްކާވެސް ތަކުރާރުކޮށް ގޮވާލަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، ހައްޔަރުކޮށްފައި ތިބި މީހުން ޝަރުތެއްނެތި ދޫކޮށްލުމަށާއި، ވަގުތުން އަދި ގަވާއިދުން އިންސާނީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި، ދެ ދައުލަތުގެ ހައްލެއް ގާއިމުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އަޔަލޭންޑް

އަޔަލޭންޑްގެ ހާރިޖީ ވަޒީރު މައިކަލް މާޓިން ވަނީ ކޯޓުގެ އަމުރުތަކަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އަޔަލޭންޑުން އުއްމީދު ކުރަނީ އިޒްރޭލުން ކޯޓުގެ އަމުރުތައް ތަންފީޒު ކުރާނީ ހެޔޮ ނިޔަތުގައި އަދި އަވަސް ކަމެއްގެ ގޮތުގައި ކަމަށެވެ.

ސްކޮޓްލެންޑް

ސްކޮޓްލޭންޑްގެ ފަސްޓް މިނިސްޓަރު ހުމްޒާ ޔޫސުފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިސީޖޭގެ އަމުރަކީ ވަރަށް ސާފު އަމުރެއް ކަމަށެވެ.

"ގާޒާގައި މީހުން މެރުމާއި ހަލާކުކުރުން ހުއްޓާލަން ޖެހޭ. އިތުރު ތަކުލީފުތަކުން ސަލާމަތްވުމަށްޓަކައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ. ހައްޔަރުކުރި މީހުން މިހާރުން މިހާރަށް ދޫކޮށްލަން ޖެހޭ." އޭނާ ވިދާޅުވިއެވެ.

ޖަރުމަން

ޖަރުމަނުން ވަނީ އިޒްރޭލުގެ މައްޗަށް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އަމަލުކޮށް ފަލަސްތީނަށް އިންސާނީ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށް ގޮވާލާފައެވެ.

ޖަރުމަނުގެ ހާރިޖީ ވަޒީރު އެނަލީނާ ބެއަބޮކް ދެއްވި ބަޔާނެއްގައި ވަނީ އިޒްރޭލުގެ އަސްކަރީ ހަމަލާތަކަށް ފާޅުގައި ފާޑުކިޔުމުން ދުރުހެލިވެ، ބައިނަލްއަގްވާމީ މަސްއޫލިއްޔަތުތަކަށް ކިޔަމަންވާންޖެހޭކަން ފާހަގަކުރައްވާފައެވެ.

ފްރާންސް

ފަރަންސޭސި ވިލާތުގެ ހާރިޖީ ވުޒާރާއިން ބުނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް އިހްތިރާމް ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އައިސީޖޭއަށް އޮތް އިތުބާރާއި އެއްބާރުލުން ކަށަވަރުކޮށްދޭ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން

ޔޫރަޕިއަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އަމުރުތަކަކީ ޕާޓީތަކަށް ލާޒިމް އަމުރެއް ކަމަށާއި އެ އަމުރުތަކަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންއިން އުންމީދު ކުރަނީ އެކަންކަން ފުރިހަމައަށް، ވަގުތުން އަދި ހަރުދަނާ ގޮތެއްގައި ތަންފީޒުކުރާނެ ކަމަށެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ސިޔާސީ ޕާޓީތައް

ޔޫރަޕިއަން ޕާލަމެންޓުގައި ހިމެނޭ ވާތު ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ އައިސީޖޭގެ ހުކުމާ ގުޅިގެން ގާޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ގާޒާގައި ހިންގާ ޖަރީމާތައް ހުއްޓުވައި އަދަބު ދިނުމަށް ބާރުގެ ތެރެއިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އިޒްރޭލަށް ކޯޓުން އަމުރުކޮށްފައިވާއިރު، އެ އަމުރަށް ތަބާވުމުގެ މާނައަކީ އަވަސް އަދި ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުން ކަމަށް އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ ސޯޝަލިސްޓްސް އެންޑް ޑިމޮކްރެޓްސް ގްރޫޕުން ވަނީ އައިސީޖޭގެ ދައުރާއި މަސައްކަތަށް ފުރިހަމަ އެއްބާރުލުމާއި އދގެ ޗާޓަރާއި އިންޓަނޭޝަނަލް ލޯއަށް އިސްކަން ދޭނެ ކަމަށް ބުނެފައެވެ.

އެ ޖަމާއަތުގެ ރައީސް އިރާޓްކްސޭ ގާސިއާ ޕެރޭޒް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުން އިންތިގާލީ ހުކުމަށް ފުރިހަމައަށް ބޯލަނބައި، ޖެނޯސައިޑް ކޮންވެންޝަނާއި ގާޒާގެ އިންސާނީ ހާލަތާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް ތަންފީޒުކޮށް، ރަހީނުކުރި އެންމެން ހަމާސް ޖަމާއަތުން ދޫކޮށްލުމަކީ މިހާރު ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް

އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ އެ ހުކުމަކީ މުހިންމު ހުކުމެއް ކަމަށާއި ގާޒާގައި ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އައިސީޖޭގެ މުހިންމު ހުކުމަށް އިޒްރޭލުން ތަބާވާން ޖެހޭނެ ކަމަށެވެ.

އިޒްރޭލުން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 26،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 1.9 މިލިއަން މީހުން ވަނީ ގެދޮރު ގެއްލިފައި

"މިއަދުގެ މި ނިންމުމަކީ ޖަރީމާހުއްޓުވުމަށާއި އަނިޔާވެރި ކުށްތަކުގެ ޝިކާރައަކަށްވާ އެންމެން ހިމާޔަތް ކުރުމުގައި ބައިނަލްއަގްވާމީ ގާނޫނުތަކުން އަދާކުރާ މުހިންމު ދައުރެއް ހަނދާންކޮށްދޭ ނިންމުމެއް. އިޒްރޭލުން ގާޒާގެ އާބާދީ ހަލާކުކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހީވެސް ނުކުރާ މިންވަރަށް މަރުތަކާއި ބިރުވެރިކަމާއި ތަކުލީފުތައް ފެތުރުމަށް ހަރުކަށި އަސްކަރީ ކެމްޕޭނެއް ކުރިއަށް ގެންދާއިރު، މުޅި ދުނިޔެ ހިމޭނުން ނުތިބޭނެ ކަމުގެ ސާފު މެސެޖެއް ދޭ." އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކެލަމާޑް ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ވޮޗް

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އިންޓަނޭޝަނަލް ޖަސްޓިސް ޑައިރެކްޓަރު ބަލްކީސް ޖައްރާހު ސިފަކުރެއްވި ގޮތުގައި އައިސީޖޭގެ މި ނިންމުމަކީ ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި އިތުރު ޖަރީމާތައް ހުއްޓުވުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭކަން އިޒްރޭލާއި އެ ގައުމުގެ ބައިވެރިންގެ ސަމާލުކަމަށް ގެނައުމަށް ނިންމި ތާރީހީ ނިންމުމެއް ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ ކުރީގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެނެތު ރޮތު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޒްރޭލުގެ ފަނޑިޔާރު އަހާރޮން ބަރަކް ވެސް ކޯޓާ ގުޅިވަޑައިގަތީ ޖަރީމާތަކަށް ހިތްވަރު ދިނުމާއި އަދަބު ދިނުމާއި، އިންސާނީ އެހީތެރިކަން ވަރަށް ބޮޑަށް ނުލިބުން ހުއްޓުވުމަށް އެކަށީގެންވާ މިންވަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

ގާޒާގައި ތިބި ފަލަސްތީނު މީހުން

ގާޒާގައި ދިރިއުޅޭ ފަލަސްތީނުން ބުނެފައިވަނީ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ވަންދެން އިޒްރޭލުން ދެމުން އަންނަ ހަމަލާތަކާއި، ގާޒާގެ ބިންތަކަށް އަރައިގަތުން ހުއްޓާލުމަށް އައިސީޖޭއިން އަމުރު ކޮށްފައިނުވާތީ އެކަމާ ކަންބޮޑުވާކަމަށެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަމަالله ސިޓީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ ލުބްނާ ފަރުހަތު ބުނީ އައިސީޖޭގެ ނިންމުމާ މެދު އޭނާ ވަރަށް ބޮޑަށް މާޔޫސްވި ނަމަވެސް އެއީ ތާރީހީ ދަނޑިވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެކުނު އެފްރިކާއިން މި މައްސަލަ ހުށަހެޅުމުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެކަމަކު ފަލަސްތީނުން އެދުނު ކަމަކީ ވަގުތުން ހަނގުރާމަ ހުއްޓާލަން. ގާޒާއަށް އިންސާނީ އެހީ ގެނައުމުގެ ފުރުސަތު ދިނުމަށްޓަކައި އިޒްރޭލުގެ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް ކޯޓުން ގޮވާނުލުމަކީ ހިތާމަހުރި ކަމެއް."

ފަރުހަތު ބުނީ މި ހުކުމުގެ ސަބަބުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ ހަމަލާތައް އިތުރުވެ ޝަހީދުވެ ޒަހަމްވާ މީހުންގެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.