އާރަށުގައި އޮތް ކަޅުއޮށްފުންމިގެ ނަކަލު މާލެ ގެނެސް ކަޅުވަކަރު މިސްކިތް ކައިރީ ބެހެއްޓުމާ ގުޅިގެން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ފާޑުވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް ކައިރީ ކަޅުއޮށްފުންމި ބަހައްޓާފައިވާ މަންޒަރު ފެންނަ ފޮޓޯ އަކާއެކު ޔުމްނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަނުގައި އެ އޮޑީގެ ނަކަލު ބަހައްޓަން އެއްގޮތަކަށްވެސް ނުގުޅޭ ކަމަށާއި މުޅި މަންޒަރު ހަރާބުވެފައިވާ ކަމަށެވެ.

ކަޅުވަކަރު މިސްކިތް ހުންނަ ޕާކުގެ ތެރޭގައި ކަޅުއޮށްފުންމި ބެހެއްޓުމުގެ މަސައްކަތް ކުރުމަށް އެ މިސްކިތާ ޖެހިގެން އޮންނަ ޕާކު ވަގުތީ ގޮތުން ބަންދުކޮށްފައި ވާއިރު، ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހަމަޖެހިފައެވެ.

ކަޅުއޮއްފުންމި އަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދު ކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށް އުތީމު މަހާރަދުން މާލެ ވަޑައިގެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި ސަރަހައްދަށް ގެންނަނީ އުތީމު މަހާރަދުންގެ މި އޮޑިކޮޅުގެ ނަކަލެކެވެ.

އެ ނަކަލު ހެދީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2015 ވަނަ އަހަރު އެވެ.