ގާޒާއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދެކުނު އެފްރިކާއިން އެދުނު ކުއްލި ފިޔަވަޅުތަކާ މެދު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ހުކުމް ކޮށްފިއެވެ.

ގާޒާގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިޒްރޭލުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ ކޯޓުން ބުނި ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އަމުރު ކޮށްފައެއް ނުވެއެވެ.

ސައުތު އެފްރިކާއިން ކުރި ޖަރީމާގެ ތުހުމަތާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ނިންމި ނިންމުމުގައި އެ ކޯޓުގެ 17 ފަނޑިޔާރުން ވަނީ ހަ އަމުރެއް ނެރެފައެވެ. މި އަމުރުތަކުން އިޒްރޭލަށް އިރުޝާދު ދެނީ އެގައުމުގެ އަސްކަރީ ކެމްޕެއިންގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުމަށާއި، ގަތުލުއާންމުކުރުމަށް ހިތްވަރ ދޭ ނަމަ އެކަން ހުއްޓުވައި އަދަބު ދިނުމަށާއި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ކަށަވަރު ކުރުމަށެވެ.

ޖެނޯސައިޑްގެ ތުހުމަތުތަކުގެ އަސްލާމެދު ފަނޑިޔާރުން އަދި ވަކި ގޮތެއް ނުނިންމާއިރު، އެކަމަށް އެތައް އަހަރެއް ނަގާފާނެ ކަމަށް ބެލެވެއެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުގެ އަސްކަރީ ކެމްޕޭނުގައި މިހާތަނަށް 26،083 މީހުން މަރުވެ، 64،487 މީހުން ޒަހަމްވެފައިވާ ކަމަށް ގާޒާގެ އޮފިޝަލުން ބުނެއެވެ. އެތައް ހާސް ބަޔަކު ކުނިތަކުގެ ދަށުގައި ގެއްލިފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ވަނީ ޝަހީދުވެފައި ކަމަށް ބެލެވެއެވެ.

އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ 40 އަށް ވުރެ ގިނަ އޮފިޝަލުންނާއި ސައިންސްވެރިންނާއި ވިޔަފާރިވެރިން ވަނީ ނަތަންޔާހޫ މަގާމުން ދުރުކުރުމަށް ގޮވާލައި އިޒްރޭލުގެ ރައީސާއި ޕާލަމެންޓަށް ސިޓީއެއް ފޮނުވާފައެވެ.

އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ، ސީއައިއޭގެ ޑިރެކްޓަރު ކުރިއަށް އޮތް ދުވަސްތަކުގައި އިޒްރޭލާއި މިސްރު އަދި ގަތަރުގެ މަޝްވަރާވެރިންނާ ބައްދަލުކުރައްވައި ހަމާސް ޖަމާއަތުން ބާކީ ތިބި މީހުން މިނިވަން ކުރުމުގެ އެއްބަސްވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވޭ ކަމަށެވެ.