މާލެ ސިޓީގައި ހިމެނޭ އެމްޑީޕީ ކައުންސިލަރު، މުހައްމަދު އަރީޝް (އައްޓު)ވެސް ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއާ ގުޅިއްޖެއެވެ.

އަރީޝްގެ އިތުރުން 2 ކައުންސިލރަކުވެސް ވަނީ ޕީއެންސީއަށް ސޮއި ކުރައްވާ ޕާޓީއަށް ވަނުމަށް އެދޭ ފޯމް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހަވާލު ކުރައްވާފައެވެ.

ޕީއެންސީއާ ގުޅިވަޑައިގެންނެވި ތިން ކައުންސިލަރުންގެ ތެރޭގައި މާފަންނު ހުޅަނގު އުތުރު ދާއިރާ، މުހައްމަދު އަރީޝް، މައްޗަންގޮޅި ދެކުނު ދާއިރާ، އައިޝަތު ނާޒިމާގެ އިތުރުން މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރުއެވެ.

މި ތިން ބޭފުޅުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވި ބޭފުޅެއް ނަމަވެސް މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ކުރީގެ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެ ވަޑައިގެން އަލަށް އުފެއްދެވި ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ. އަދި އަރީޝް އަކީ އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކައުންސިލަރެކެވެ.

ކައުންސިލަރު ނާޒިމާ ރައީސާ ފޯމު ހަވާލުކުރައްވަނީ

ދާދިފަހުން އެމްޑީޕީގެ ޓިކެޓުގައި ސިޓީ ކައުންސިލަރުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން ވެސް ވަނީ, މަގާމަށް ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރައްވާފައެވެ.

މާލެ ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކައުންސިލަރުން އިންތިހާބުކުރުމަށްޓަކައި ބޭއްވި ބައި-އިލެކްޝަންގައި މެދުހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށް ރިޝްވާން އިންތިހާބުވެވަޑައިގަތީ ވޯޓުލީ 1،119 މީހުންގެ ތެރެއިން 320 މީހުންގެ ވޯޓާ އެކުގައެވެ. ރިޝްވާނާ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ފާތިމަތު ޝައުފާ ސަލީމަށް ލިބިވަޑައިގަތީ 305 ވޯޓެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މާލެ ސިޓީ ކައުންސިލްގައި ޖުމްލަ 19 ކައުންސިލަރުން ތިއްބަވައެވެ.