ގާޒާގެ ރޯޒަރީ ސިސްޓާސް ސްކޫލްގެ ގްރޭޑް 5 އަދި 6 ގެ ދަރިވަރުން ސައިންސް ޓެސްޓެއްގައި ބައިވެރިވާން ހަމަޖެހިފައި އޮތީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ދިން ނުރައްކާތެރި އަސްކަރީ ހަމަލާތަކުގެ ދެ ދުވަސް ފަހުންނެވެ. އެކަމަކު އިމްތިހާނުގައި އިށީންނާނެ ފުރުސަތެއް މިހާތަނަށްވެސް ލިބިފައެއް ނެތެވެ.
ޕްރައިވެޓް ސްކޫލުގައި ސައިން ކިޔަވައިދިން ރުވައިދާ އަމޭރު ބުނީ ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެ ސްކޫލްގެ ލައިބްރަރީއާއި ތިއޭޓަރު އިޒްރޭލުން ހަލާކުކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުން ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން ތައުލީމީ އުމްރާނީ ވަސީލަތްތައް ހަލާކުވެ، ހާލުގައި ޖެހިފައިވާ އެތައް ހާސް ދަރިވަރުންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އދއިން ފަލަސްތީނުގައި ހިންގާ އެތައް ސަތޭކަ ސްކޫލަކަށް ބޮން ގޮއްވާލައި ދަރިވަރުންނާއި މުދައްރިސުން ވަނީ ޝަހީދުކޮށްލާފައެވެ.
ޖެނުއަރީ މަހުގެ 24 ވަނަ ދުވަހަކީ އދ.ގެ އާންމު މަޖިލީހުން އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ ތައުލީމުގެ ހަވަނަ ދުވަހަށް ވާއިރު، ގާޒާގެ އެތައް ހާސް ދަރިވަރުންނަށް ސްކޫލަށް ގޮސް ކިޔެވުން ފެށޭނެ ގޮތެއް ނެތެވެ.
މިއީ ހަނގުރާމައިގެ ސަބަބުން ގާޒާގެ ތައުލީމީ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގޮތުގެ ވާހަކައެވެ.
ގާޒާގައި ކިތައް ސްކޫލާއި ދަރިވަރުން އެބަތިބި؟
ގާޒާގެ 40 ޕަސެންޓް (288) ސްކޫލަކީ އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) އިން ހިންގާ ސްކޫލްތަކަކަށް ވާއިރު، ބާކީ ހުރި ސްކޫލްތަކަކީ ސީދާ ފަލަސްތީނު އޮތޯރިޓީން ހިންގާ ނުވަތަ ޕްރައިވެޓްކޮށް ހިންގާ ސްކޫލްތަކެކެވެ.
ގާޒާގެ 2.3 މިލިއަން މީހުންގެ ތެރެއިން 85 ޕަސެންޓަށްވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާއިރު، އިޒްރޭލުން ދެމުންދާ އެއްގަމާއި ވައިގެ ހަމަލާތަކުގައި 10،000 ކުޑަކުދިންނާއެކު 25،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާތީ، އެ ހުރިހާ ތަނެއް މިހާރު ވަނީ ބަންދުކޮށްފައެވެ.
ޔޫއެންއާރްޑަބްލިއުއޭގެ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ގާޒާގައި 737 ސްކޫލެއް ހުރެއެވެ. ޔޫއެންއާރްޑަބްލިއުއޭގެ 288 ސްކޫލެއްގައި 9،367 ޓީޗަރުން މަސައްކަތް ކުރެއެވެ.
ގާޒާގައި ސްކޫލަށް ނުދެވެނީ ކިތައް ކުދިންނަށް؟
އޮފީސްތަކާއި ސްކޫލްތައް ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ނުހައްގުން އަމާޒުކޮށް ހިންގި ހަމަލާތަކުގެ ސަބަބުން އެޑިއުކޭޝަން މިނިސްޓްރީން 2023-2024 ވަނަ އަހަރުގެ ސްކޫލް އަހަރު މެދުކަނޑާލި ފަހުން ގާޒާގެ އެއްވެސް ދަރިވަރަކަށް ސްކޫލުން ތައުލީމް ހާސިލްކުރެވޭކަށް ނެތެވެ. ހަމާސްގެ ހަނގުރާމަވެރިންނާ ހަނގުރާމަ ކުރަމުން އަންނަ ކަމަށް ބުނެ އިޒްރޭލުން ދިފާއުކުރި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަނީ އާންމުންގެ ހިމާޔަތުގައި ތެލް އަވީވް އިން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
27 އޮކްޓޯބަރު 2023 ގައި އޯސީއެޗްއޭ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ގާޒާގައި 625،000 އަށް ވުރެ ގިނަ ދަރިވަރުންނާއި 22،500 އަށް ވުރެ ގިނަ ޓީޗަރުން އެބަތިއްބެވެ.
ގާޒާގައި ހަމަލާތައް އަމާޒުކޮށްފައިވަނީ ކިތައް ސްކޫލަށް؟
ސަރުކާރުގެ 280 ސްކޫލަކާއި ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ 65 ސްކޫލެއް ހަލާކުވެފައިވާ ކަމަށް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ފަލަސްތީނު އޮތޯރިޓީގެ 90 ޕަސެންޓް ސްކޫލަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ސްކޫލްތަކުގެ 29 ޕަސެންޓް އިމާރާތްތައް ފުނޑުފުނޑުވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ފަލަސްތީނަށް ކަނޑައަޅާފައި ހުންނަވާ ސޭވް ދަ ޗިލްޑްރަންގެ ޑިރެކްޓަރު ޖޭސަން ލީ މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވެފައި ވަނީ ކުޑަކުދިން ހިމާޔަތް ހޯދަމުންދާ ސްކޫލްތަކާއި ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް މަދަނީ އިންފްރާސްޓްރަކްޗާއަށް ދޭ ހަމަލާތަކަކީ އެއްވެސް ހާލެއްގައި ނުދެވޭނެ ހަމަލާތަކެއް ކަމަށެވެ. "މި ހަނގުރާމައިގެ ސަބަބުން އިންސާނިއްޔަތު ހަލާކުވެ، ކޮންޓްރޯލުން ނެއްޓިގެންދަނީ."
ޕްރައިވެޓް ސްކޫލުތަކުގައި ވެސް އޮތީ ހަމަ އެފަދަ ވާހަކައެކެވެ. "ފުރަތަމަ މަހަކީ ވަރަށް ވޭންދެނިވި މަހެއް. ހަމަލާތައް ދިނީ ސީދާ ސްކޫލްތަކަށް ޓާގެޓް ކޮށްގެން." ރުވައިދާ ބުންޏެވެ.
ގާޒާގެ ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާވަހިކަމުގެ ގޮތުގައި 133 ސްކޫލެއް ދަނީ ބޭނުން ކުރަމުންނެވެ. މި ސްކޫލްތަކުގެ ކެޕޭސިޓީއަށްވުރެ އިތުރަށް ގާތްގަނޑަކަށް 1.9 މިލިއަނަށްވުރެ ގިނަ މީހުން އަންނަނީ ހިޔާވަހިކަން ހޯދަމުންނެވެ.
އިޒްރޭލުން ވަނީ ހިޔާގެ ގޮތުގައި ބޭނުންކުރަމުން އަންނަ ގިނަ ސްކޫލަކަށް ހަމަލާދީ ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިޒްރޭލު ސިފައިން ވަނީ ޔޫއެންއާރްޑަބްލިއުއޭ އިން ހިންގާ އަލް ފަހްއުރާ ސްކޫލަށް ހަމަލާދީ 15 މީހުން ޝަހީދުކޮށްލާފައެވެ. އޭގެ ހަފުތާއެއް ފަހުން އަލްބުރާކް ސްކޫލުގައި ހިނގި ހަމަނުޖެހުންތަކުގައި 25 މީހުން ވަނީ ޝަހީދުވެފައެވެ. 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޝާދިޔާ އަބޫ ގަޒާލާ ސްކޫލަށް ދިން ހަމަލާތަކުގައި ވެސް އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.
ގާޒާގެ ހުރިހާ ޔުނިވާސިޓީއެއް ހަލާކުކޮށްލާފައިވަނީ ކީއްވެ؟
އިޒްރޭލުގެ ހަމަލާތަކުގެ ގެއްލުން ލިބިފައިވަނީ ހަމައެކަނި މަދަރުސާތަކަށް އެކަންޏެއް ނޫނެވެ. ޔުނިވާސިޓީތައް ހިމެނޭ ގޮތަށް މަތީ ތައުލީމު ދޭ މަރުކަޒުތަކަށްވެސް ވެސް ބޮޑެތި ގެއްލުންތައް ލިބިފައެވެ. ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާޒާގެ މަތީ ތައުލީމު ދޭ 12 މަރުކަޒަކަށް ދިން ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ސަބަބުން ޔުނިވާސިޓީތަކުގެ ތައުލީމަށް ވަނީ މުޅިން ބުރޫއަރާފައެވެ.
ޖެނީވާގެ މިނިވަން ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ބުނީ އިޒްރޭލުން ގާޒާގެ ކޮންމެ ޔުނިވާސިޓީއެއް ނިޒާމީ ގޮތުން ހަލާކުކޮށްލީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ މަރުހަލާގައި އިސްލާމީ އަދި އަލް އަޒްހަރު ޔުނިވާސިޓީތަކަށް ބޮން އެޅުން ހިމެނޭ ކަމަށް މޮނިޓަރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ގާޒާގެ ދެކުނުގައި އޮންނަ އިސްރާ ޔުނިވާސިޓީ އިޒްރޭލު ސިފައިން ހަލާކު ކޮށްލާފައިވާކަން އިޒްރޭލުގެ މީޑިއާތަކުން ޖެނުއަރީ 17 ވަނަ ދުވަހު އާންމުކުރި ވީޑިއޯއަކުން އެނގެއެވެ. އެ ޔުނިވާސިޓީގެ އޮފިޝަލުން ބުނީ އިޒްރޭލުން އެ ކެމްޕަސް އަސްކަރީ މަރުކަޒަކާއި ޑިޓެންޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ކަމަށެވެ. އަދި އެތަން ހަލާކުކޮށްލުމުގެ ކުރިން އެތައް މަހެއް ވަންދެން އިޒްރޭލުން އެ ކެމްޕަސް ބޭނުންކޮށްފައިވާ ކަމަށް ޔުނިވާސިޓީގެ އޮފިޝަލުން ބުންޏެވެ.
މީގެ އިތުރުން އިޒްރޭލުގެ އަސްކަރިއްޔާއިން ޔުނިވާސިޓީގެ 94 ޕްރޮފެސަރުން ޝަހީދުކޮށްލާފައިވާ ކަމަށް ޔޫރޯ މެޑް ހިއުމަން ރައިޓްސް މޮނިޓަރުން ބުނެއެވެ. މޮނިޓަރުން ދެކޭ ގޮތުގައި އިޒްރޭލުން ސްކޫލްތައް ހަލާކުކޮށްލުމަކީ ފަލަސްތީނުގެ ސަގާފީ އަދި ތާރީހީ މުދާތައް ގަސްދުގައި ހަލާކުކޮށްލުމެވެ.
"ހަމަލާތައް އަމާޒުކުރި އިލްމުވެރިންނަކީ އެކި އެކި އިލްމީ ދާއިރާތަކުގެ ތަޖުރިބާ ލިބިފައިވާ އަދި ގާޒާގެ ޔުނިވާސިޓީތަކުގައި ކިޔަވައިދިނުމާއި ދިރާސާކުރުމުގައި މުހިންމު ދައުރެއް އަދާކުރި އިލްމުވެރިން." މޮނިޓަރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޔޫރޯ މެޑް އިން ބުނީ ހަނގުރާމައަށް ފަހު އަލުން ތައުލީމީ ދާއިރާއަށް އެނބުރި އައުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ފަލަސްތީނުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2018 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފަލަސްތީނަކީ މުޅި ދުނިޔޭގައި ވެސް ލިޔުންތެރިކަމުގެ ނިސްބަތް އެންމެ މަތީ ގައުމެވެ. ފަލަސްތީނުގެ ދަސްވެނިންނަށް މެތަމެޓިކްސް، އިންޖިނިއަރިން އަދި ބިޒްނަސް ފަދަ ދާއިރާތަކުން މަތީ ކާމިޔާބީތަކެއް ވަނީ ލިބިފައެވެ.
ގާޒާގައި ކިތައް ދަރިވަރުންނާއި މުދައްރިސުން ޝަހީދުވެ ޒަހަމްވެއްޖެ؟
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 4،327 ދަރިވަރުން ޝަހީދުވެ، 7،819 މީހުން ޒަހަމްވެފައިވާ އިރު، 231 ޓީޗަރުންނާއި އެޑްމިނިސްޓްރޭޓަރުން ވެސް ޝަހީދުވެފައިވާ ކަމަށެވެ.
ދަރިވަރުން އެނބުރި ސްކޫލަށް ދާނީ ކޮން އިރަކުން؟
އިޒްރޭލުގެ ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ގާޒާގެ ދަރިވަރުން އެނބުރި ސްކޫލަށް ދާނެ ދުވަހެއް ނޭނގެއެވެ. ހަލާކުވެފައިވާ ސްކޫލްތަކުގެ ހުރިހާ އިމާރާތެއް މަރާމާތު ކުރަން އެތައް މަހެއް، އެތައް އަހަރެއް ވެސް ނަގާނެ ކަމަށް ބެލެވެއެވެ.
ގާޒާގެ ސްކޫލް ދަރިވަރުންނަށް އީ-ލާނިން ތައާރަފްކުރުމުގެ ވިސްނުން ގެންގުޅެއެވެ. ނަމަވެސް ކިޔަވައިދޭނީ ހިފާފައިވާ ހުޅަނގު އައްސޭރިން ކަމަށް ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޓެލެކޮމިއުނިކޭޝަން ބްލެކްއައުޓްތައް އާންމުވެ ދަރިވަރުންނާއި ޓީޗަރުންނަށް ސްޓޭބަލް ކަރަންޓާއި އިންޓަނެޓް ނުލިބޭ ގާޒާއަށް އޮންލައިންކޮށް ކިޔަވައިދޭން އުނދަގޫވާނެއެވެ.
"އީ-ލާނިން އެއް އޮތުމަކީ ނާދިރު ކަމެއް. ބޯހިޔާވަހިކަމެއް، އިންޓަނެޓެއް އަދި އެކަށީގެންވާ ހާލަތެއް ވެސް ނެތް." ގާޒާގެ ސައިންސް ޓީޗަރު ރުވައިދާ ބުންޏެވެ.
ހުޅަނގު އައްސޭރީގެ ސްކޫލްތަކާއި ޔުނިވާސިޓީތައް މިހާރުވެސް ދަނީ އޮންލައިން ކްލާސްތަކާއެކު އީ-ލާނިން މޮޑެލްއަކަށް ބަދަލުވަމުންނެވެ. އޭގެ ތެރޭގައި ހުޅަނގު އައްސޭރީގެ ސީމް ޒޯންގައި ހުންނަ 55 ސްކޫލެއް ހިމެނެއެވެ.
ސުކޫލު ބަންދުކުރަން މަޖުބޫރުވުމުން ރުވައިދާ ވަނީ އޭނާގެ ބައެއް ދަރިވަރުންނާ އާންމުކޮށް ބައްދަލުކޮށް ނުވަތަ އޮންލައިންކޮށް ވާހަކަ ދައްކާފައެވެ. އެ ހަނގުރާމައިގައި އޭނާގެ ތިން ދަރިވަރަކު ޝަހީދުވެ، އޭގެ ތެރެއިން ބައެއް ދަރިވަރުންގެ ގެދޮރު ވަނީ ގެއްލިފައެވެ. އޭނާ ބުނީ ގާޒާގެ ދަރިވަރުންނަށް ހަނގުރާމައިގެ ސަބަބުން ލިބެމުންދާ ހިތާމަތަކަށް ނަފްސާނީ އެހީތެރިކަން ބޭނުންވާ ކަމަށެވެ.
ނަފްސާނީ ގޮތުން އެމީހުންނަށް އެހީތެރިވާން ބޭނުންވި ނަމަވެސް އެމީހުން ދިރިއުޅެމުން އަންނަ ހާލަތަކީ އުނދަގޫ ހާލަތްތަކެއް ކަމަށް އޭނާ ބުންޏެވެ.