ގާޒާގެ ޒުވާން ޑޮކްޓަރެއްގެ ހައިސިއްޔަތުން މޫސާ އަލް ބުހައިސީގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ހިނދުކޮޅެއް އެބައޮތެވެ.
ދާދި ފަހުން މެޑިކަލް ކެރިއަރު ފެށި އުމުރުން 25 އަހަރުގެ އަލް ބުހައިސީއަށް ޖެހުނީ ބޮމުގެ ހަމަލާއެއް ގޮވި ވަގުތު އޭގެން ބުރައިގެން ދިޔަ އެއްޗެހިން ހަށިގަނޑަށް އެތައް ޒަހަމްތަކެއް ލިބިފައިވާ ކުޑަ ކުއްޖަކަށް ފަރުވާ ކުރާށެވެ. އެކުއްޖާގެ ހަށިގަނޑުގެ 14 ތަނަކަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.
ފަރުވާ ދިނުމަށް ބޭނުންކުރާނެ އެނެސްތީސިއާއެއް ނެތެވެ. ހުރިހާ ޒަހަމްތަކެއް ބަންދުކޮށް ފަރުވާ ދެވުނީ ދެ ގަޑިއިރު ހޭދަކޮށްގެންނެވެ.
"އެ ކުއްޖާގެ އުމުރަކީ ގާތްގަނޑަކަށް 10 އަހަރު." ދީރް އަލް ބާލާގައި ހުންނަ އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލުގެ ބޭރުގައި އިށީނދެގެން އަލް ބުހައިސީ ބުންޏެވެ.
"އެކުއްޖާ ލެވި ހަޅޭކުގެ އަޑު އަހަރެންގެ ހަނދާނުން ދުވަހަކުވެސް ފިލައިގެނެއް ނުދާނެ."
ޔޫކްރެއިންގައި އަށް އަހަރު މެޑިސިން ކިޔެވުމަށް ފަހު އެނބުރި އައުމުން ހަނގުރާމައިގެ ތަޖުރިބާތަކުން އޭނާ ހަރުކަށިވި ކަމަށް އަލް ބުހައިސީ ގަބޫލުކުރިއެވެ. އޭނާ ވަނީ 2022 ވަނަ އަހަރު ރަޝިއާއިން ދިން ހަމަލާގައި ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވޮލެންޓިއާކޮށް މަސައްކަތްކޮށްފައެވެ.
ޔޫކްރެއިންގެ ވެރިރަށް ކިއެވްގެ ވަށައިގެންވާ ބައެއް ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރުމަށްފަހު، ގާޒާގައި ދިރިއުޅޭ އޭނާގެ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ނިޔަތުގައި އެނބުރި ދިޔުމަށް އޭނާ ނިންމީއެވެ.
އޭނާ އެނބުރި ގާޒާއަށް ދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އިޒްރޭލުން ވަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އަށް ދިން ހަމަލާއަށް ފަހު، ވަށާލާފައިވާ ސަރަހައްދަށް މިހާތަނަށް ދިން އެންމެ އަނިޔާވެރި ހަމަލާތައް ދީފައެވެ.
"އެމީހުން އަހަންނަށް ކިޔަނީ ހަނގުރާމަ މީހާ. އަހަރެންދާ ކޮންމެ ތަނެއްގައިވެސް ހަނގުރާމަ ފެށެނީ." އަލް ބުހައިސީ ބުންޏެވެ.
އިޒްރޭލުގެ ހަމަލާތައް ފެށުނު ހަވީރަކީ ހޮސްޕިޓަލުގެ އިމަޖެންސީ ޔުނިޓަށް އަލްބުހައިސީ ގެނައި ތިން ވަނަ ޝިފްޓެވެ.
"ފްރެޝް ގްރެޖުއޭޓެއް" ގެ ގޮތުގައި އޭނާ އަށް ފެނުނު އެއްޗަކީ އެހެން މެޑިކަލް ޕްރޮފެޝަނަލުންގެ މުޅި ހަޔާތުގައި ފެނިދާނެ މަންޒަރުތަކަށް ވުރެ މާ ބޮޑު ކަމެއްކަން އޭނާއަށް ވަރަށް ބޮޑަށް ޔަގީނެވެ.
"ހަފުތާއެއް ވަންދެން ކެއުން ހުއްޓާލަން ޖެހުނު ކަންކަން ފެނުނު. ގެއްލުނު ގުނަވަންތަކާއި، އިންފެކްޓް ވެފައިވާ ޒަހަމްތަކާއި، ހޮސްޕިޓަލުގެ އެކި ތަންތަނަށް އަންހެނުންނާއި ކުޑަކުދިންގެ ލޭތައް އޮހޮރެމުން ދިޔަ." އޭނާ ހަނދާންކޮށްލިއެވެ.
"އަމިއްލައަށް ނިންމި ނިންމުމެއް"
100 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދިނުމަށްފަހު، އެއްވެސް ސާމާނެއް ނެތި މަސައްކަތް ކުރަމުން ގެންދާއިރު، އަލްބުހައިސީ ޔޫކްރެއިން ދޫކޮށް ނުދިޔަނަމަ ކަންކަން ވާނީ ކިހިނެއްބާއޭ އޭނާ ހިތަށް އެރިއެވެ.
"ގާޒާއަށް އެނބުރި އަންނަށް ނިންމި ނިންމުމަކީ އަހަރެންގެ އަމިއްލަ އިހްތިޔާރުގައި ނިންމި ނިންމުމެއް. އެއީ އަހަރެން އަމިއްލައަށް އިހްތިޔާރު ކުރި ގޮތް. ބޭރުގެ ޕާސްޕޯޓެއް ހޯދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އާއިލާ އާއި ރައްޓެހިންނާ ގާތުގައި އުޅެން ބޭނުންވީ." ރަޝިއާގެ ހަމަލާގެ ފުރަތަމަ ދުވަސްވަރު ޔޫކްރެއިން ދޫކޮށް ފިލަން މަސައްކަތް ކުރަމުން ދިޔަ އިރު، އެކަމާމެދު ވަރަށް ފުންކޮށް ވިސްނި ކަމަށް އަލް ބުހައިސީ ބުންޏެވެ.
ބައެއް އެކުވެރިންނާއެކު އޭނާ ހަ ގަޑިއިރުގެ ބަހުގެ ދަތުރެއްގައި ޔޫކްރެއިންގެ ރޫމޭނިއާ އާ ދެމެދު އޮންނަ ބޯޑަރާ ދިމާލަށް ދިޔައެވެ. އެއަށްފަހު ވަރަށް ފިނި މޫސުމުގައި 20 ކިލޯމީޓަރު (12 މޭލު) ހިނގާފައި ކްރޮސިންއާ ހަމައަށް ދެވުނެވެ.
ބޯޑަރު ކްރޮސިންގައި އަލްބުހައިސީއަށް އެނގުނީ ޔޫކްރެއިންގެ ރަހުމަތްތެރިންނާ ވަކިވެ "ބިދޭސީންގެ" ކިޔޫގައި ބައިވެރިވާން ޖެހޭ ކަމެވެ.
"ޔޫކްރެއިންގެ ކޮންމެ 30 މީހަކަށް އެތެރެއަށް ވަނުމުގެ ހުއްދަ ދިނީ ގާތްގަނޑަކަށް ތިން ބިދޭސީންނަށް. އެތެރެއަށް ވަނުމުގެ ކުރިން ހަތް ގަޑިއިރު ވަންދެން ފިނީގައި އިންތިޒާރުކުރިން. ހީވީ މި ލެވެނީ އެންމެ ފަހު ނޭވާއޭ. އެހެންވެ ކޮއްކޮއަށް އަލްވަދާއުގެ މެސެޖެއްވެސް ކުރިން."
އެ ހިތްދަތިކަމާއި އެކުވެސް އަލް ބުހައިސީއަށް އެނގުނީ ގާޒާގައި ތާށިވެފައި ތިބި ގާތްގަނޑަކަށް 2.3 މިލިއަން މީހުންނަށް ނުކުރެވޭ ކަމެއް، އޭނާއަށް ހާސިލްކުރެވުނު ކަމެވެ.
"ހޮސްޕިޓަލްތަކާ ދެކޮޅަށް ހަނގުރާމަ"
ހަނގުރާމައިގެ ދުވަސްވަރު ޔޫކްރެއިންގެ ސިއްހީ ދާއިރާގެ ހާލަތާއި ގާޒާގެ މެޑިކަލް ފެސިލިޓީތަކުގެ ހާލަތާ އަޅާ ކިޔުން ނޫން ކަމެއް އޭނާއަށް ނުކުރެވެއެވެ.
އިޒްރޭލުގެ ހަމަލާތަކުން ސިއްހީ ހިދުމަތްދޭ ތަންތަނާއި ސިއްހީ ހިދުމަތްތެރިންނާއި އެމްބިއުލާންސްތަކާއި ބަލި މީހުންގެ އިތުރުން ހޮސްޕިޓަލްތަކުގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކަށް ވަނީ ގެއްލުން ވެފައެވެ.
ގާޒާގެ އިންފޮމޭޝަން މިނިސްޓްރީން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 30 ހޮސްޕިޓަލަކާއި އެހެނިހެން 150 މެޑިކަލް ފެސިލިޓީން ހިދުމަތް ނުދެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށެވެ.
ބާކީ ހުރި މަދު ހޮސްޕިޓަލްތަކުން ގާޒާއަށް ބޭނުންވާ މިންވަރަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކެޕޭސިޓީއެއް ނެތެވެ. ގެދޮރު ގެއްލިފައިވާ މީހުންގެ ހިޔާއެއްގެ ގޮތުގައި ވެސް އެ ހޮސްޕިޓަލްތައް އަންނަނީ ބޭނުންކުރަމުންނެވެ.
އިޒްރޭލު ސިފައިން މިހާތަނަށް 337 ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށް، 99 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ބަންދުގައި ތިބި މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެރި ގޮތަކަށް ގޯނާކޮށްފައިވާއިރު އަނެއް ބައި މީހުން ތިބި ހާލެއް އަދިވެސް ނޭނގެއެވެ.
"ގާޒާގައި މިތަނުން ފެނުނު ފަދަ ބިރުވެރި ކަމެއް އަހަންނަކަށް އަދި ނުފެނޭ." ޔޫކްރެއިންގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމުގައި ހޭދަކުރެއްވި ދުވަސްތަކާ ބެހޭ ގޮތުން އަލް ބުހައިސީ ބުންޏެވެ. "އަށް ގަޑިއިރުގެ ޝިފްޓެއްގައި އަހަރެމެންނަށް ލިބޭނީ ގާތްގަނޑަކަށް ފަސް ކޭސް."
އަލް ބުހައިސީ ސިފަކުރި ގޮތުގައި އޭނާ މަސައްކަތް ކުރި ޔޫކްރޭނިއަން ފެސިލިޓީތަކަކީ ސިއްހީ ވަސީލަތްތައް ފުރިހަމަ ތަނެކެވެ.
"އިމަޖެންސީގައި ތިބި ކޮންމެ ޑޮކްޓަރަކަށް ހާއްސަ ޓީމެއް އޮންނާނެ. އޭގެ ތެރޭގައި އެސިސްޓެންޓް ތިން ނަރުހުން ވެސް ހިމެނޭ." އޭނާ ބުންޏެވެ.
"މިތަނުގައި، ގާޒާގައި ގިނަ މީހުންނަށް ހިދުމަތް ދޭން ޖެހެނީވެސް ބިން މަތީގައި. އަހަރެމެން ސިއްހީ ހިދުމަތްތެރިންގެ މެދުގައި އެއް ފަހަރާ ހަވަރަކަށް ކޭސް އެބަ ބަލަހައްޓަން ޖެހޭ."
"އެތިކަލް ޑިލެމާސް"
ހަމަނުޖެހުމެއްގައި ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންސާނީ ވަސީލަތްތަކާއި ސަޕްލައިއަށް އޮތް ޑިމާންޑް އިތުރުވުމާއި ވަރުގަދަ ކުރިމަތިލުންތަކުގެ ތެރޭގައި ވަސީލަތްތައް ލިބުމުގައި ދިމާވާ ދަތިތަކެވެ.
"ގާޒާއިން އަހަރެމެންނަށް ފެންނަ ކަންތަކަކީ ފަހުގެ ތާރީހުގައި ހިނގި ހަމަނުޖެހުންތަކަށް ވުރެ މާ ގޯސް މިންވަރެއްގައި ހިނގަމުން އަންނަ ކަންތައްތައް." ކުޑަކުދިންގެ ނިއުރޮލޮޖިސްޓް އަދި ގާޒާ މެޑިކް ވޮއިސްގެ ކޯ ފައުންޑަރު އުމަރު އަބްދުލް މަންނާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ޓްރައޭޖް ސިސްޓަމް ވަނީ ގާޒާގައި ހަގީގަތުގައި ވެސް ވެއްޓިފައި ކަމަށާއި އެއީ ދުވަހަކު ވެސް ނުދެކޭ ވަރުގެ ކަމެއް ކަމަށެވެ.
އަބްދުލް މަންނާން ބުނީ މިއީ ހާއްސަކޮށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި ސަބަބަކީ ކޮންމެ ހަމަނުޖެހުމެއްގައި ވެސް ޕޭޝަންޓް ޓްރައޭޖަކީ ކޮންމެހެން ދެވެން ޖެހޭ ހިދުމަތެއް ކަމަށެވެ.
"އެހެން ބޮޑެތި ހަމަނުޖެހުންތަކުގައި އަހަރެމެންނަށް ނުފެނުނު ގޮންޖެހުމަކީ ސީދާ އަދި ސިސްޓަމެޓިކް ގޮތެއްގައި ސިއްހީ ހިދުމަތްތެރިންނާއި ފެސިލިޓީތަކަށް ހަމަލާތައް އަމާޒުކުރުން." އޭނާ ބުންޏެވެ.
އިތުރު ބޭސްވެރިން ބޭނުންވި ނަމަވެސް، އާންމުގޮތެއްގައި ހަމަނުޖެހުންތައް ހިނގަމުންދާ ވަގުތުތަކުގައި މެޑިކަލް ޕްރޮފެޝަނަލުންގެ އަދަދު މަދުވާ ކަމަށް ސިއްހީ ދާއިރާގެ ރައްކާތެރިކަމާ ބެހޭ މާހިރެއް ކަމަށްވާ އަނާ ބާބާ ބުންޏެވެ.
"ހަގީގަތަކީ އާއިލާއާ އެކު ގާޒާ ދޫކޮށް ދާން ޖެހުމުގެ ސަބަބުން، ހިދުމަތް ދޭން ތިބޭ މީހުންގެ އަދަދު އިންތިހާއަށް ދަށްވުން." ބާބާ ބުންޏެވެ.
އޭނާ ބުނީ މިހާރުވެސް ގޯސްވެފައިވާ ހާލަތު އިތުރަށް ގޯސްވި ސަބަބަކީ އިޒްރޭލުން ގާޒާ 17 އަހަރު ވަންދެން ވަށާލުމުގެ ސަބަބުން ސަޕްލައި ގެނައުމަށް ހުރަސް އެޅުން ކަމަށެވެ.
"ހެލްތް ރެސްޕޮންސް ސްކޭލް ކުރުމުގެ މާނައަކީ ހުރިހާ ކަމެއް ވެސް އިތުރަށް ބޭނުންވެއޭ. ޑިމާންޑް ބޮޑުވާ މިންވަރު ފުއްދުމަށް އިތުރު މަސައްކަތްތެރިން އަދި އިތުރު ސަޕްލައި ބޭނުންވޭ."
ގާޒާއަށް ބޭނުންވާ ސާމާނާއި މަސައްކަތްތެރިންނާއި ހޮސްޕިޓަލް އެނދާއި ވަސީލަތްތައް ނުލިބުމުގެ ސަބަބުން ގާޒާގެ ސިއްހީ ހިދުމަތްތެރިންނަށް ލާއިންސާނީ ގުރުބާނީތަކާއި ނިންމުންތައް ނިންމަން މަޖުބޫރުވެފައިވާކަމަށާއި، އެކަމުގެ ސަބަބުން ވަސީލަތްތައް ކަނޑައެޅުމުގައި އަހުލާގީ އުނދަގުލެއް އުފެދިފައިވާ ކަމަށްވެސް ބާބާ ބުންޏެވެ.
"މި ސިއްހީ ހިދުމަތްތެރިންނަށް ވަރަށް ބޮޑު އަހްލާގީ ތަކުލީފަކާއި ނަފްސާނީ ނުތަނަވަސްކަމެއް ކުރިމަތިވެ، ގިނަ ފަހަރަށް އާއްމުކޮށް އަމަލުކުރާ ގޮތާ ހިލާފަށް ނިންމުންތައް ނިންމަން ޖެހޭ." ބާބާ ބުންޏެވެ.
އަބުދުލް މަންނާން އެކަމާ އެއްބަސްވެ ބުނީ، ހަމަލާތައް ދޭން ފެށި ފުރަތަމަ ދުވަހުން ފެށިގެން ހޮސްޕިޓަލުގެ ޑިޕާޓްމަންޓްތަކަށް ވަންނަ ބަލި މީހުންގެ އަދަދު ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ޑޮކްޓަރުންނަށް އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހުނީ ފަރުވާ ދީގެން ފުރާނަ ސަލާމަތްކުރެވޭނެ މީހުންނާއި ނުކުރެވޭނެ މީހުން ކަމަށެވެ.
ދާދި ފަހުން އަލް ބުހައިސީއަށް ހަރުކަށި ނިންމުމެއް ނިންމަން ޖެހުނީ ވަރަށް ބޮޑަށް ހާލު ދެރަވެފައިވާ ފިރިހެން ކުއްޖަކަށް ހޮސްޕިޓަލުގައި ހުރި އެންމެ ފަހު ސެޑެޓިވް ބޭނުންކުރުމަށެވެ.
އެ ކުއްޖާ އަކީ ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ކުއްޖެއް ކަމަށާއި އެކުއްޖާއާއި އޭނާގެ އާއިލާއަށް ވީގޮތް އެކުއްޖާއަށް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށް އަލް ބުހައިސީ ބުންޏެވެ. "އަހަރެން ބުނިން އޭނާގެ ޒަހަމް އިންސްޕެކްޓް ކުރަން ޖެހޭ ކަމަށް. އެކަމަކު އޭނާގެ ގައިގައި އަހަރެން އަތް ލިޔަކަ ނުދިން. އޭނާ ބޭނުންވީ އޭނާގެ މައިންބަފައިން ސަލާމަތުން ދިރިތިބިތޯ ބަލަން."
"އޭނާގެ މައިންބަފައިން ވަނީ ހަމަލާގައި ޝަހީދުވެފައި. އަހަންނަށް އެ ކުއްޖާ ގާތު އެ ވާހަކައެއް ނުބުނެވުނު. އެކަމުގެ ސަބަބުން ކަންކަން އިތުރަށް ގޯސްވެ، އޭނާއަށް ފަރުވާ ދިނުމަށް ހުރަސް އެޅިދާނެތީ."
"އެވަގުތު އަހަރެން ގުޅައިގެން މި ބޭސް ގެނައީ. އަހަރެންނަށް ގަބޫލުކުރެވުނީ އޭނާގެ މައިންބަފައިން މަރުވި ހަބަރު ލިބުމުގެ ކުރިން އެއްވެސް މީހަކު ހަމައަކަށް އެޅެން ޖެހޭ ނަމަ އެއީ މި ޒަހަމްވެފައިވާ ފިރިހެން ކުއްޖާ ކަމަށް."
ގާޒާ ފޯ ޑޮކްޓާސް ވިތައުޓް ބޯޑާސްގެ އިމަޖެންސީ ކޯޑިނޭޓަރު މެރީ-އޯރޭ ޕެރިއޮޓް ބުނި ގޮތުގައި ބޭސްފަރުވާއަށް ބޭނުންވާ މިންވަރު ވަރަށް ބޮޑެވެ.
މިވަގުތު ރަފާ ބޯޑަރު ހުރަސްކޮށް ގާޒާއަށް ވަންނަ އެހީއަކީ ގާޒާގެ ބޭނުންތަކުގެ 30 ޕަސެންޓަށް ވުރެ ވެސް ކުޑަ އެހީއެއް ކަމަށް ހެލްތު މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ޤުދުރާ ވިދާޅުވިއެވެ.
އެހީގެ މިންވަރާއި ބާވަތްތައް ކޮންޓްރޯލް ކުރަނީ ހަމަލާތައް ދޭން ފެށި ފަހުން ގާޒާ މުޅިން ވަށާލާފައިވާ އިޒްރޭލުންނެވެ.
ތަދު ކަނޑުވާ ބޭހާއި އެހެނިހެން ސާމާނު ބޭނުންކުރުން ރާޝަން ކުރުމަކީ ގާޒާގައި އިންސާނީ ހިދުމަތްތެރިންނަށް ކުރިމަތިލާން ޖެހިފައިވާ ނާދިރު އެތައް އިކުއޭޝަންތަކެއް ކަމަށް ޕެރިއޮޓް ބުންޏެވެ.
އަދި ގާޒާ ފޯ ޑޮކްޓާސް ވިތައުޓް ބޯޑާސްގެ މުވައްޒަފުން އެންމެ އަސާސީ ސާޖިކަލް ސަޕްލައި އަކާ ނުލައި މަސައްކަތް ކުރަމުން ދިޔަ އިރު، ގުނަވަންތައް ބުރިވެފައިވާ ތުއްތު ކުދިންނާއި، ސެކަންޑް ޑިގްރީގައި އަނދާފައިވާ އަންހެނުންގެ ޒަހަމްތަކަށް ފަރުވާ ދިން ގޮތް އޭނާ ހަނދާންކުރިއެވެ.
ފިލުމަކީ ނާދިރުކަމެއް
ފަލަސްތީނުގެ ގާޒާ ފޯ ޑޮކްޓާސް ވިތައުޓް ބޯޑާސްގެ މެޑިކަލް ކޯޑިނޭޓަރު ގުއިލެމެޓް ތޯމަސް ބުނީ ގާޒާގައި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އާންމުން ކަމަށާއި އެއީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ.
"ގިނަ ފަހަރަށް ހުރިހާ ހަމަނުޖެހުންތަކަކުން ވެސް އާންމުންނަށް ފިލައިގެން ދެވިދާނެ. އެކަމަކު ގާޒާގައި އެއީ ނާދިރު ކަމެއް. ހަމަލާތައް ދެމުން އަންނަނީ އެ އާއްމުންނަށް ޓާގެޓު ކޮށްގެން. އެމީހުން ތިބީ ހަމަނުޖެހުންތަކުގެ ތެރޭގައި." އޭނާ ބުންޏެވެ.
އިޒްރޭލު ސިފައިން ގާޒާގެ އެކި ކަންކޮޅުތަކުގައި ހުރި ހޮސްޕިޓަލްތައް ވަށާލައި، ބޮން ގޮއްވާލައި، ހަމަލާތައް ދޭއިރު، އެ ހޮސްޕިޓަލްތަކުގެ ރައްކާތެރިކަން ވަނީ ގެއްލިފައެވެ. ދާދި ފަހުން އިޒްރޭލުން ވަނީ ގާޒާގެ ދެކުނުގެ ހާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ.
މިދިޔަ ނޮވެމްބަރު މަހު އަލް ޝިފާއަށް ދިން ހަމަލާއާ ގުޅިގެން އެތަނުގައި ހިޔާވަހިކަން ހޯދަމުން ދިޔަ އެތައް ހާސް އާއިލާތަކަށް އަނެއްކާވެސް ފިލަން މަޖުބޫރުވިއެވެ. އަދި އެތަނުގައި ފަރުވާ ހޯދަމުން ދިޔަ ބަލި މީހުން ބަހައްޓާފައި އަމިއްލަ ސަލާމަތަށްޓަކައި ފިލައިގެން ދިއުމާ މެދު ގޮތެއް ނިންމަން މެޑިކަލް ވޯކަރުންނަށް މަޖުބޫރުވިއެވެ.
ގާޒާއިން ތެޔޮ ހުސްވެ، ޖަނަރޭޓަރުތައް ހިމޭންވެ، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންކުރާ އާލާތްތައް ހުއްޓި، ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ވެސް ނުލިބެއެވެ.
ޕެރިއޮލްޓް ބުނީ ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންނަށް ހޮސްޕިޓަލްތައް ހުސްކުރަން މަޖުބޫރު ކުރުމަކީ ހުރިހާ ޕޭޝަންޓުންނާއި ބަލި ހާލުގައި ތިބި ތުއްތު ކުދިންނަށް ހަރުކަށި ގޮތެއްގައި އަދަބު ދިނުން ކަމަށެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނީ ފަލަސްތީނުގެ 1.7 މިލިއަން މީހުން ގެދޮރު ގެއްލިފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކީ އެތައް ފަހަރެއްގެ މަތިން ގެދޮރު ގެއްލިފައިވާ މީހުން ކަމަށެވެ.
ގާޒާގައި ތަކުރާރުކޮށް މުވާސަލާތީ ހިދުމަތް ކަނޑާލުމުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންނަށް ގިނަ ފަހަރަށް އެއްވެސް މައުލޫމާތެއް ނުލިބި މަސައްކަތް ކުރަން ޖެހުމަކީ މި މައްސަލަ އަށް އިތުރު ގޮންޖެހުމެކެވެ.
ސިއްހީ ހިދުމަތްތެރިން ބުނަނީ ހަމަލާދޭ ތަނަށް އެމްބިއުލާންސް ފޮނުވަން ބަލަނީ ދުން އަރާ ދިމާ ހޯދައިގެން ކަމަށެވެ. އެމްބިއުލާންސް ތަކަށްވެސް ހަމަލާތައް އަމާޒުކުރުމުގެ ސަބަބުން، ބަލި މީހުންނާ ހަމައަށް ވާސިލްވުމަކީ ވެސް ދިމާވެފައި އޮތް ގޮންޖެހުމެއް ކަމަށް ބުންޏެވެ.
"ކަރަންޓާއި މުވާސަލާތީ ލައިންތައް ބަންދުކުރުމަކީ އިޒްރޭލުން އަބުރުވެރި، ހަރުދަނާ އަދި އެކަށީގެންވާ ސިއްހީ އިޖާބައެއް ދިނުމުގެ ވިސްނުމެއް ނެތްކަން ހާމަކޮށްދޭ ކަމެއް." ބާބާ ބުންޏެވެ.
ގާޒާގެ މީޑިއާ އޮފީހުން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މަދަނީ ދިފާއީ ބާރުތަކުގެ 45 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށާއި މިހާތަނަށް 122 އެމްބިއުލާންސަށް ވެސް ސީދާ އަމާޒުކޮށް ހަމަލާދީފައިވާ ކަމަށެވެ.
އޯސީއެޗްއޭ އިން ބުނީ އިޒްރޭލުގެ ހަމަލާތަކުގައި ޓެލެކޮމިއުނިކޭޝަންގެ ގިނަ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި މައިގަނޑު ތިން ލައިންގެ ތެރެއިން ދެ ލައިން ވަނީ ހަލާކުވެފައެވެ.
ބްލެކްއައުޓްތަކުގެ ސަބަބުން މައުލޫމާތު ލިބުމަށް ހުރަސް އެޅުމުގެ އިތުރުން ގާޒާގެ ކަމާބެހޭ ފަރާތްތަކަށް، ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންނާއި އަދިވެސް ގެއްލިފައިވާ މީހުންގެ ސައްހަ އަދަދު ރެކޯޑް ކުރުމަށްވެސް ވަނީ ހުރަސްއެޅިފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން ޝަހީދުވެ، 62،000 މީހުން ޒަހަމްވެފައިވާ ކަމަށް ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ބޭސް، ނުވަތަ އެއްވެސް އެއްޗެއް ނެތި ބަލި މީހުންނަށް ފަރުވާ ދިނުން
ގެދޮރު ގެއްލިފައިވާ މީހުންގެ މެދުގައި ބަލިމަޑުކަން އިތުރުވަމުންދާއިރު، ނޭވާލާ ނިޒާމުގެ ބަލިތައް ވަރަށް ބޮޑަށް އިތުރުވެ، ކާބޯތަކެތި ވިހަވުމާއި ކިޑްނީގެ މައްސަލަތައް ވެސް ކުރިމަތިވާނެ ކަމުގެ އިންޒާރު ހެލްތު މިނިސްޓްރީން ވަނީ ދީފައެވެ.
އަދި ފިނި މޫސުމުގެ ފިނި ދުވަސްތައް ފާއިތުވަމުން އަންނަ ވަރަކަށް، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި ރޯގާ، ކެއްސުން އަދި ހުމުގެ ބަލިތައް ދަނީ އިތުރުވަމުންނެވެ.
ފެނާއި ނަރުދަމާގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ސާފުތާހިރުކަމުގެ މައްސަލަތައް ވެސް ވަނީ އިތުރުވެފައެވެ.
މިކަމުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށް ގާޒާ މެޑިކް ވޮއިސްގެ އަބްދުލް މަންނާން ބުންޏެވެ. "ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މަރުވަމުން އަންނަނީ ފަރުވާ ކުރެވިދާނެ ބަލިތަކުން." އޭނާ ބުންޏެވެ.
"އަންދާޒާ ކޮށްފައި ބުނާނަމަ، އަހަރެން ބުނާނީ ހޮސްޕިޓަލުގައި 24 ގަޑިއިރުގެ ތެރެއިން ގިނަ ވަގުތު އަހަރެން ހޭދަކުރަނީ ހިޔާތަކުގައި ފެތުރެމުންދާ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް." އަލް ބުހައިސީ ބުންޏެވެ.
"ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއެއް ނުދެވޭ. ފެން ނުލިބުމުގެ ސަބަބުން ޒަހަމެއްގައި ގަނޑު ފެން ޖެއްސުމަށްވެސް ނުބުނެވޭ." އޭނާ ބުންޏެވެ.
"މެޑިސިން އިން ގާޒާ" ގެ ނަމުގައި ހާއްސަ ފޮތެއް ލިޔުމަށް އޭނާ ލަފާ ދިން އިރު، އެ ފޮތުގައި ސިއްހީ ހިދުމަތްތެރިން އެކަށީގެންވާ ވަސީލަތްތައް ނެތި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ހުރިހާ ޓިޕްސް އެންޑް ޓްރިކްސްތަކެއް ހިމެނޭނެ ކަމަށް އޭނާ ބުންޏެވެ.