ރާއްޖޭގައި ނައްތާލާފައިވާ ބައްްޔެއް ކަމަށް ވާ ހޯއްގޮވާ ކެއްސުން (ޕާޓޫސިސް) އަށް ރާއްޖޭގެ ދެކުނުން ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މި ތިން ކޭސް ފެނިފައި ވަނީ މި މަހުގެ ތެރޭ ގއ. ވިލިނގިލިން ކަމަށެވެ. މި ބައްޔަކީ ބަލިން ރައްކާތެރިވުމަށް ގަވާއިދުން ވެކްސިން ދޭން ފެށުމާ ގުޅިގެން ރާއްޖޭގައި ކޮންތްރޯލް ކުރެވިފައިވާ ބައްޔަެއް ކަމަށާއި ނަމަވެސް މި ބަލީގެ ކޭސްތައް މަދުން ނަމަވެސް ފެން ކަމަށް އެ އެޖެންސީން ބުނެއެވެ.

މި ބައްޔަށް ޕޮޒިޓިވް ވި ކޭސްތަކާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗް އާއި ގއ. އަތޮޅު ހޮސްޕިޓަލުން ގުޅިގެން ޕޮޒިޓިވްވެފައިވާ ކޭސްތަކުގެ ކޮންތެކްޓް ޓްރޭސިން ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޕޮޒިޓިވްވި ކުދިންގެ ކޮންޓެކްޓުންގެ ތެރޭގައި ހިމެނޭ 1 އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ ފަރާތްތަކަށް އެންޓިބައޮޓިކް ޕްރޮފައިލެކްސިސް ދިނުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީހެ އިތުރުން ބަލީގެ އަލާމާތް ހުރި ކޮންޓެކްޓުން ބައްޔަށް ޓެސްޓު ކުރުމާއި ގއ. އަތޮޅު ހޮސްޕިޓަލުން މިކަމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މި ބަލި ފެތުރެނީ ނެވާލާ ނިޒާމުގެ ތެރެއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާގެ އަލާމާތްތަކެވެ. މީގެ އިތުރުން ހަފްތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާ ކަމަށާއި، ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެއެވެ.

މި ބަލީގައި ބޮޑު ވަރުވަނީ ވެކްސިން ފުރިހަމަ ނުކޮށް ތިބޭ މީހުންނަށް ކަމަށާއި ހާއްސަކޮށް މި ބަލީގައި ބޮޑު ވަރު ވަނީ ކުޑަކުދިންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެހެންކަމުން 7 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ތިބި ކުދިން ވީހާވެސް އަވަހަކަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ. ކޮންމެ ރަށެއްގެ ވެސް ސިއްހީ ހިދުމަތްދޭ މަރުކަޒުން މި ވެކްސިން ޖެހެން ހުންނާނެއެވެ.

އަދި ރޯގާ ޖެހި މާ ބޮޑަށް ކެއްސާ ނަމަ، ނުވަތަ ކެއްސުން ދިގުލައި އުންދަގޫތަކެއް ވާ ނަމަ، ނުވަތަ ދިގު މުއްދތަަށް ފަރުވާ ކުރާ އެހެން ބައްޔެއް ހުރި ނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. މީގެ އިތުރުން ރޯގާޖެހި ބަލިވެ އުޅޭ ތިއްތު ކުދިންނާއި މާބަނޑު މީހުން ވެސް ސަމާލުވުމަށް އެޗްޕީއޭ އިން ބުނެއެވެ.