ސިނާމާލެ ފްލެޓްތަކުގައި މިހާރު ދިރިއުޅެމުންދާ މީޙުން ބަދަލު ކުރުމަށް ފެންވަރު ރަނގަޅު އާ އިމާރާތެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ ރޭ މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ސިނަމާލެ 1، 2 އަދި 3ނެއްގެ އިތުރުން މާލެ ހިޔާ 1 އަދި 2 މި ފަސް އިމާރާތުގެ ހުރިހާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ބަދަލުކުރެވޭ ވަރުގެ އާ އިމާރާތެއް އަޅުއްވާދެއްވާނެ ކަމަށެވެ.

އަދި އެ އާ އިމާރާތް ނިމުމާއެކު ފަސް އިމާރާތުގެ މީހުން ބަދަލު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. "އެ އިމާރާތް އަޅާ ނިމުނީމާ، އެ ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ އަދި ޖާގަބޮޑު ފްލެޓްތަކެއް ލިބިގެންދާނެ" މުއިއްޒު ވިދާޅުވިއެވެ.

އަދި މިހާރުގެ ސިނަމާލެ ފްލެޓްތަކަކީ ބާވެފައި ހުރި އިމާރާތްތަކެއްކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ އެތަންތަން ތަޅާލުމަށްފަހު އާ އިމާރާތްތައް އަނެއްކާވެސް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އާ އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އޭޕްރީލް މަސް ހިސާބުގައި ފަށަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރުވެސް އެތަނުގައި 18 ބުރީގެ ޓަވަރުތަކެއް އަޅުއްވާނެކަން އިއުލާން ކުރައްވާފައި ވެއެވެ. ނަމަވެސް އޭރު އެ މަސައްކަތް ނުފެށި ލަސްވީ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށްދީގެން ކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.