އަތޮޅު ފިހާރައިގެ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވެފައި ވަނީ މާލޭ ސިޓީ މޭޔަރުގެ އިތުރުން، އެ ކައުންސިލަށް އިންތިހާބުވި އާ ތިން ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭގައި އަތޮޅު ފިހާރަތައް ހުރިކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އަތޮޅު ފިހާރަތަކުން ފައިސާ ލިބެމުންދިޔަ ނަމަވެސް ފާއިތުވި ސަރުކާރުތަކުން އެ ފައިސާ އަތޮޅު ފިހާރަތަކާ ހަވާލު ނުކުރައްވާ ކަމަށެވެ.

އެއާ ހިލާފަށް މި ސަރުކާރުން އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކަށް ފޮނުއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. "އޭރުން އަތޮޅު ކައުންސިލްތަކަށް ރަށު ކައުންސިލްތައް މެދުވެރިކޮށް އެ މަސައްކަތް ކުރެވޭނެ" މުއިއްޒު ވިދާޅުވިއެވެ.

އަދި މިހާރުވެސް އެފަދަ ފައިސާ ހަވާލުނުކޮށް ހުރި ކަމަށާއި އެ ފައިސާ ދެފުށް ފެންނަ ގޮތެއްގައި ހަވާލުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނުނަސް އަދި ނުހިމެނުނަސް ރަށެއް ނޫނިއްޔާ ފަޅެއް އާމްދަނީ އިތުރުކުރުމަށް ފުރުސަތު ހޯއްދަވާދެއްވާ ގޮތަށް ކެބިނެޓުން ނިންމާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ނަފާ ހުރިހާ ރއްޔިތުންނަށް ލިބިދޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.