ކައުންސިލަރުންނާ ރައްޔިތުން ހަވާލުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ފަރުވާކުޑަނުކުރުމަށާއި، ރައްޔިތުންނަށް ލޯތްބާ އެކު ހިދުމަތް ދިނުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކައުންސިލަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ދިވެހީންނާ ގުޅިފައިވާ ހުރިހާ ކަމެއް ގުޅިގެން ދަނީ މާލެ އާ ކަން ފާހަގަކުރައްވައި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ދެ ލައްކައެއްހާ މީހުން މާލޭގައި ދިރިއުޅެމުންދާ ކަން ފާހަގަކުރައްވައިފައެވެ.

އެހެންކަމުން މިރޭ ހުވާކުރެއްވި ކައުންސިލަރުން ހަވާލުވެވަޑައިގަންނަވަނީ ވަރަށް ބޮޑު ޒިންމާއަކާ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަމާނާތްތެރިކަމާ އެކު ތަފާތުކުރުމެއް ނެތި ހިދުމަތްކޮށްދިނުމުގެ ބޮޑު ޒިންމާ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ ހުދު އެމަނިކުފާނާއި ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބުކޮށްފައިވާ ބަޔަކަށް ވުމުން، އެ އިންތިހާބުކޮށްފައި އޮންނަ އޮތުން ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނާ ރައްޔިތުން މި ހަވާލުކުރަނީ ވަރަށް ބޮޑު އަމާނާތެއް، ޒިންމާ އެއް، މަސްއޫލިއްޔަތެއް، އެ އަމާނާތާއި ޒިންމާ އާއި އެ މަސްއޫލިއްޔަތު އަދާކުރުމުގަ އެންމެ ހިނދުކޮޅެއް ވެސް ހަނދާން ނެތިގެން ނުވާނެ، ފަހަތަށް ޖެހިގެން ނުވާނެ، ފަރުވާކުޑަކޮށްގެން ނުވާނެ،" މީގެ ކުރިން މާލޭގެ މޭޔަރުކަން ކުރެއްވި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލަރުން ރައްޔިތުންނަށް ހިދުމަތް ދޭން ޖެހޭނީ ކުލުނާ އެކު ކަމަށާއި، ރައްޔިތުންނަކީ މުހިންމު ބައެއް ކަމަށް ދެކިގެން ކަމަށާއި، އެފަދައިން ހިދުމަތްކުރާ ނަމަ ރައްޔިތުން ކައުންސިލަރުން ބަލައިގަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ކައުންސިލަރުން ފެންނަން ވާނީ ވޯޓު ހޯދަން ކައިރިވުމުން ނޫން ކަމަށާއި، އަބަދު ވެސް ރައްޔިތުންނަށް ފެންނަން ޖެހޭނެ ކަމަށާއި އަބަދު ވެސް ރައްޔިތުންގެ ހާލު އަހުވާލު ބަލަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އެމަނިކުފާނު ކައުންސިލަރުންގެ އަރިހުން އެދިވަޑައިގަތީ ރައްޔިތުންނާ ގާތުން، އަމާނާތްތެރިކަމާ އެކު މަސައްކަތްކުރުމަށެވެ.