މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ރަސްމާލެ އާއި މާލެ ގުޅުވާލާނީ ކަނޑު އަޑިން ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ އާ މޭޔަރާއި ކައުންސިލަރުން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މާލެ އާއި ރަސްމާލެ ގުޅުވާލުމަށްޓަކައި ސަރުކާރުން ފަންނީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ފެށުމަށްޓަކައި ކަމަށް ގާބިލު ކުންފުނިތަކާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، މާލެ ރަސްމާލެ އާ ގުޅުވާލާނީ މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ ކަނޑުއަޑީގެ ބިންގަރާހަކުން ކަމަށެވެ.
އިތުރަށް ތަފްސީލްކުރައްވަމުން ރައީސް ވިދާޅުވީ، އެ ބިންގަރާސް ވެގެން ދާނީ، އެ ބިންގަރާހުގައި ދުއްވާ ރޭލު ދުއްވާފައި ދާ އިރު ކަނޑުއަޑީގެ ރީތި މަންޒަރު ވެސް ފެންނަ ބިންގަރާހަކަށް ކަމަށާއި، އެ މަސައްކަތްކުރުމަށްޓަކައި މަސައްކަތަށް ގާބިލުކަން ހުރި ކުންފުނިތަކާ އެކު ފީޒިބިލިޓީގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ.
"މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް، މިއީ ރާއްޖެ އަށް ޓޫރިސްޓުން އެތައް ގުނައަކަށް އިތުރުވާނެ މަޝްރޫއެއް،" މި ބިންގަރާހުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެގެން ދާނެ ކަން ފާހަގަކުރައްވައި ވިދާޅުވިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ އަށް މަސް ދުވަހަށް ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ފެށުމަށްޓަކައި މިދިޔަ މަހުގެ 18 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ފުށިދިއްގަރުފަޅު ހިއްކައި ނިމި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވެގެން ދާނެ ކަމަށާއި، ފުށިދިއްގަރުފަޅުގައި ތަރައްގީކުރަނީ 'ކާބަން ފްރީ' ސިޓީ، ތިމާވެއްޓާ ރަށްޓެހި ސިޓީ އެއް ކަމަށެވެ.
އެ ސިޓީ އަށް ކިޔުމަށް ހަމަޖެހިފައި ވަނީ 'ރަސްމާލެ' ކަން ވެސް އެ ރަސްމިއްޔާތުގައި ރައީސް ވަނީ ހާމަކުރައްވައިފައެވެ.
ކަލޯގެޔާ،