ރާއްޖެ އާއި ޗައިނާ އާއި ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީތަކަށް ފެށުމާ ގުޅޭ ގޮތުން، ވައިސް މިނިސްޓާ އޮފް ދި އިންޓަނޭޝަނަލް ޑިޕާޓްމަންޓް އޮފް ދަ ޗައިނީސް ކޮމިއުނިސްޓް ޕާޓީ، ސުން ހައިޔާން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
މި ގޮތުން ރައީސް ޑރ. މުއިއްޒު ވަނީ ޗައިނާއަށް ކުރެއްވިދަތުރުފުޅުގައި ސޮއިކުރެވުނު އެއްބަސްވުންތައް ވީއެންމެ އަވަހަކަށް ތަންފީޒުކުރުމަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. ޗައިނާގެ ވައިސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަމާއި ގުޅޭ އިދާރާތަކާއި ގުޅިގެން އެއްބަސްވުންތައް ތަންފީޒުކުރުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް ޗައިނާގެ އޮފިޝަލުން ތައްޔާރަށް ތިއްބެވިކަމަށެވެ. މީގެ އިތުރުން އެކި ދާއިރާތަކުން ރާއްޖެއަށް ތަމްރީނުގެ ފުރުސަތުތައް ދިނުމަށާއި، ދެ ގައުމުގެ އިސްތިރާޖީ ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން އެކަމަނާވަނީ ފާޅުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައިދެ ބޭފުޅުންވަނީ ދާދި ފަހުން ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ކާމިޔާބު ކަމާއެކު ސީދާ ވައިގެ ދަތުރުތައް ފަށާފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ޗައިނާގެ އިތުރު ސިޓީތަކަށް ފުޅާކުރެވިދާނެ ގޮތްތަކާގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މީގެ އިތުރުން، ޗައިނާ އާއި ރާއްޖޭގެ އެއް ސިޓީ އަނެއް ސިޓީއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު މިމަހުގެ 7 ވަނަ ދުވަހުން 12 ދުވަހަށް ޗައިނާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ވަނީ 20 އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.