މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ފަހުން، ފައިލޭރިއާގެ އިތުރު ކޭސްއެއް ރާއްޖެއިން ފެނިފައިނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ. (އެޗްޕީއޭ) އިން ބުނެފިއެވެ.

މދިޔަ މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށިން ފައިލޭރިއާގެ ކޭސްއެއް ފެނުމާއެކު ކަމާބެހޭ ފަރާތްތަކުން ވަނީ އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ގިނަ ބަޔަކު ޓެސްޓްވެސްކޮށްފައެވެ. މި ގޮތުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސްކްރީނިންގެ ތެރެއިން 25 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާއިރު މާލޭގައި ކުރިއަށްގެންދިޔަ ސްކްރީންގެ ތެރެއިން 7 މީހަކު ބައްޔަށް ޕޮޒިޓިވްވެފައެވެ. ބައްޔަށް ޕޮޒިޓިވްވި 32 މީހުންނަކީވެސް ރާއްޖެއިން ބޭރުގެ މީހުންނެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން ފެނުނު ފައިލޭރިއާ ޖެހިފައިވާ މީހުންނަކީ ރާއްޖެއިން ބޭރުން، އެ ބައްޔާއެކު އެތެރެވެފައިވާ މީހުން ކަމަށެވެ. ފައިލޭރިއާގެ ކޭސްތައް ފެނުމާއި ގުޅިގެން ފައިލޭރިއާގެ ރެންޑަމް ސްކްރީނިން ޕްރޮގްރާމެއް ކުޅުދުއްފުށި، މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ކުރިއަށް ގެންގޮސްފައިވާއިރު އެޗްޕީއޭއިން ބުނީ މި ސްކްރީނިންގެ ތެރެއިން މިހާތަނަށް 778 މީހުން ޓެސްޓު ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ ފައިލޭރިއާގެ ކޭސްއެއް އިތުރަށް ފެނިފައިނުވި ކަމުގައިވިޔަސް، ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތްތައް އަދިވެސް ކުރިއަށްގެންދާނެކަމަށެވެ. މި ބަލި މުޖުތަމަޢުގެ ތެރޭގައި ފެތުރެމުން ނުދާކަން ފާހަގަކުރަމުން އެޗްޕީއޭއިން ވަނީ ބަލީގެ އެއްވެސް އަލާމަތެއް ފެނިއްޖެނަމަ އެކަން އެޗްޕީއޭއަށް ރިޕޯޓްކޮށް ސްކްރީން ކުރުމަށް އިލްތިމާސްކޮށްފައެވެ.