ބޮލީވުޑްގެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ އަޖޭ ދޭވްގަން އާއި އަކްޝޭ ކުމާރުގެ ކުރިމަތިލުމެއް ކުރިއަށް އޮތް އީދު ދުވަހު ކުރިމަތިވާނެ ކަމަށް ބެލެވިއްޖެއެވެ.

އެގޮތުން އަޖޭގެ ފިލްމު "މައިދާން" ފިތުރު އީދުގައި ރިލީޒްކުރަން ނިންމާފައިވާއިރު އަކްޝޭ ކުމާރުގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ވެސް ވަނީ ހަމަ އެދުވަހު ރިލީޒްކުރަން ނިންމާފައެވެ. އާންމުގޮތެއްގައި ބޮލީވުޑްގެ މަޝްހޫރު ދެމީހެއްގެ ފިލްމެއް އެއްދުވަހާ ނެރުމަކީ ވަރަށް ނުވާކަމެކެވެ. އަޖޭގެ ފިލްމު މައިދާން އަކީ އެންމެ ފުރަތަމަ 2020 ވަނަ އަހަރު ރިލީޒްކުރަން ނިންމި ފިލްމެއް ނަމަވެސް ފިލްމު އެކި ފަހަރުގެ މަތިން އެޅުވުން ދިޔައީ ފަސްވަމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހު މި ފިލްމު ރިލީޒްކުރަން ތާވަލް ކުރެވުނު ނަމަވެސް އެ ތާރީހަށް ފިލްމު އެޅުވޭ ގޮތް ނުވުމުން ފިލްމަށް އާ ތާރީހެއް ދިނެވެ. މި ފިލްމަކީ އިންޑިއާގެ މި ޖީލުގެ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުލް ރަހީމްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުގައި އަޖޭ އާއެކު ހަރަކާތްތެރިވާނެ ތަރިންނަކީ ޕްރިޔަމަނީ، ގަޖްރާޖް ރާއޯ، އަރިއަން ބޯމިކް އަދި ރުދްރަނިލް ގޯޝް އެވެ.

އަކްޝޭގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަކީ ވަރުގަދަ ތަރިން ހިމަނައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި އަކްޝޭގެ އިތުރުން ޓައިގާ ޝްރޮފް، ސޮނާކްޝީ ސިންހާ، އަލާޔާ، މަނޫޝީ ޗިއްލަރު އަދި ޖާންވީ ކަޕޫރުވެސް ފެނިގެންދާނެއެވެ. އެކްޝަން ތުރިލާ ޖޯންރާ އަށް ބިނާކޮށް ގެނެސްދޭ މިފިލްމުގެ ޓީޒާއެއް މި މަހު 24 ގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.