އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވި އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު ގއ. ވިލިނގިލިން މާލެ ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އެމަނިކުފާނަށް ދެއްވުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ، ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އުމުރުން 13 އަހަރުގެ ޖާހު އެންމެ ފުރަތަމަ ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހޮޑުލުމާ ގުޅިގެންނެވެ. އަދި ޖާހަށް ބޭސް ދިނުމަށްފަހު ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އޭނާގެ ހާލު ދެރަވުމާ ގުޅިގެން އަނެއްކާ ވެސް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޖާހު އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓުމުގެ ސަބަބުން ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ. އިތުރު ފަރުވާ އަށް އޭނާ މާލެ އަސް ލަސްވުމުން އެ ރަށުގައި އިހްތިޖާޖުކޮށްފައި ވެސް ވެއެވެ.

ރައީސް އޮފީހުން ބުނީ، މި ހާދިސާ އާ ގުޅިގެން، ޖާހު މާލެ އަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު އެމަނިކުފާނަށް ދެއްވުމަށާއި، މިފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރުނުވާނެ ގޮތަށް ބަލި މީހުން ކުއްލި ފަރުވާ އަށް ގެނެސްދިނުމުގައި އަމަލުކުރަމުންދާ ނިޒާމު އިސްލާހުކުރުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް ރައީސް މިއަދު އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ބަލި ހާލަތެއް މެދުވެރިގެން އިތުރު ފަރުވާ ދިނުމަށް ވައިގެ މަގުން ބަލި މީހަކު ގެނެސްދޭން ޖެހޭ އެއްވެސް ހާލަތެއްގައި އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމުން، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް ކަނޑައަޅައި އެގޮތަށް އަމަލުކުރަމުން ގެންދިއުމަށް ވެސް، ރައީސް އެދިވަޑައިގެންފައިވެއެވެ.

ޖާހުގެ ހާލު ބޮޑުވެ، މާލެ އަށް ގެނައުން ލަސްވި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، ޑޯނިއާ ބޯޓު ބޭނުންނުކުރި ސަބަބާއި ގައުމީ އެއާލައިން މޯލްޑިވިއަނުން ވަގުތުން ފްލައިޓެއް ހަމަނުޖެއްސުނީ ކީއްވެތޯ ގިނަ މީހުން ސުވާލު އުފައްދާފައިވެއެވެ. އެކަމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މީގެ ތިން އަހަރު ކުރިން ފެށިގެން، ގިނަ ބަލިމީހުން އުފުލުމުގެ މަސައްކަތްކޮށްފައި ވަނީ މޯލްޑިވިއަން މެދުވެރިކޮށް ކަމަށާއި، ބަލިމީހުން އުފުލުމަށްޓަކައި ރައީސްގެ ހުއްދައަށް ކޮންމެހެން އެދެން ނުޖެހޭނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް، އެމަޖެންސީ ކޭހެއް އަތުވެޖެނަމަ، ބަލިމީހާ އުފުލުމަށް އިސްކަންދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.