2020 ވަނަ އަހަރުގެ ޖޫން މަހު މަރުވި ބޮލީވުޑް އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތު އެންމެ ފަހުން ފެނިގެން ދިޔަ ފިލްމު "ދިލް ބޭޗާރާ" ގެ ސީކުއަލެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް ފިލްމުގެ ޑައިރެކްޓަރު މުކޭޝް ޗާބްރާ ދީފިއެވެ.

މުކޭޝް "އެކްސް" ގައި ބުނީ "ދިލް ބޭޗާރާ ގެ ދެވަނަ ބައެއް" މިހެންނެވެ. އެއާއެކު އެއީ ފިލްމުގެ ދެވަނަ ބައެއް ގެންނަން އުޅޭކަމުގެ އިޝާރާތެއް ކަމަށް ބުނެ މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެއާއެކު ސުޝާންތަށް ސަޕޯޓްކުރާ އެތައް ބަޔަކު ވަނީ ފިލްމުގެ ދެވަނަ ބައެއް ރިލީޒްކޮށްފިނަމަ އެ ފިލްމު ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައެވެ. އެމީހުން ބުނީ އެ ފިލްމަކީ "އިހުސާސެއް" ކަމަށާއި ސުޝާންތު ނެތްނަމަ ދިލް ބޭޗާރާގެ ދެވަނަ ބައެއް ނޯންނާނެ ކަމަށެވެ.

ދިލް ބޭޗާރާ އަކީ ސުޝާންތު މަރުވިއިރު ރިލީޒްނުކޮށް އޮތް ހަމަ އެކަނި ފިލްމުވެސް މެއެވެ. މި ފިލްމު ތިއޭޓާތަކުގައި އެޅުވުމުގެ ބަދަލުގައި ފިލްމުގެ ޓީމުން ބޭނުންވީ އޮންލައިން ޕްލެޓްފޯމަކަށް ވިއްކާލާށެވެ. "ދިލް ބޭޗާރާ" ބެލުންތެރިންނަށް ގެނެސްދިނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިން 2020 ވަނަ އަހަރުގެ ޖުލައި 24ގައެވެ. އެ ފިލްމު ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް ވަނީ 75 މިލިއަން ވިއުސް ހޯދާފައެވެ. އެއާއެކު އެ ފިލްމު ވެފައިވަނީ ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އިންޑިއާގައި އެންމެ ގިނަ ބަޔަކު ބެލި ފިލްމަށް ވެފައެވެ. މި ފިލްމުގެ ލީޑު ތަރިންނަކީ ސުޝާންތު އާއި ސަންޖަނާ ސާންގީއެވެ. މިއީ ސަންޖަނާގެ ފުރަތަމަ ބޮލީވުޑް ފިލްމުވެސްމެއެވެ. މި ފިލްމަކީ ދެހާސް ސާދަ ވަނަ އަހަރު ނުކުތް ހޮލީވުޑް ފިލްމު "ފޯލްޓް އިން އަވާ ސްޓާޒް"ގެ ހިންދީ ރީމޭކެކެވެ.