ދެހާސް އެއްވަނަ އަހަރު އަނިލް ޝަރްމާގެ ޑައިރެކްޝަނުގެ ދަށުން ގެނެސްދިން ފިލްމު "ގަދަރު: އޭކް ޕްރޭމް ކަތާ" ވެގެންދިޔައީ މުޅި ސިނަމާ ފަތަހަކޮށްލި ފިލްމަކަށެވެ. ކްރިޓީކުންގެ އިތުރުން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިގެން ދިޔަ މި ފިލްމު އޭރުގެ އެންމެންވެސް ސިފަކުރީ ފިލްމަކީ އިހުސާސެއް ގޮތުގައެވެ. އަމީޝާ ޕަޓޭލް އާއި ސަނީ ޑިއޯލް ލީޑު ރޯލު ކުޅުނު މި ފިލްމަކީ އިންޑިއާ ދެބައިވެ ޕާކިސްތާން އުފެދިގެން އައި ދުވަސްވަރު ހިނގި ލޯބީގެ އަސަރުގަދަ ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމުގެ ދެވަނަ ބައި 22 އަހަރު ފަހުން މިދިޔަ އަހަރު ގެނެސްދިން އިރު އެ ފިލްމު ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމަށެވެ. ފިލްމުގައި ސަނީ އާއި އަމީޝާ ޕަޓޭލް ހަރަކާތްތެރިވިއިރު ފިލްމުގައި ލީޑު ރޯލު ކުޅުނީ ފިލްމުގެ ފުރަތަމަ ބައިގައި ސަނީ އާއި އަމީޝާގެ ދަރިފުޅުގެ ރޯލު ކުޅުނު އުތުކާޝް އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ވަނީ 691.08 ކްރޯޑް ރުޕީސް (83.14 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައެވެ.

ޑައިރެކްޓަރު އަނިލް ޝަރުމާ ދާދިފަހުން މީޑީއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފިލްމުގެ ތިން ވަނަ ބައި ވެސް އުފައްދަން ނިންމާ އެކަން ޒީ ސްޓޫޑިއޯ އަށްވެސް އަންގާފައިވާ ކަމަށާއި ފިލްމުގެ ތިންވަނަ ބަޔާއެކު ސަނީވެސް އެނބުރި އަންނާނެ ކަމަށެވެ. އަދި ފިލްމުގެ ޕްލޮޓްވެސް މިހާރު ރާވާލާފައިވާ ކަމަށްވެސް އަނިލް ވަނީ ބުނެފައެވެ.