ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ "ގަޟާއީ އަހަރު 2024" ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
އެމަނިކުފާނު "ގަޟާއީ އަހަރު 2024" އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
ޤަޟާއީ އަހަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގްސަދަކީ، ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ ފެށޭ އަހަރަށް ލަނޑުދަނޑިތައް ކަނޑައެޅުމެވެ.
ރޭގެ ރަސްމިއްޔާތުގައި ޝަރުއީ ދާއިރާއަށް 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ. އެ ބޭފުޅުންނާ ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސް މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ޝަރުއީ ދާއިރާއާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.