"ދިވެހި ތަރިކަ ދިރާސާ ކުރާ ގައުމީ މަރުކަޒު"ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

މި އިދާރާ އުފައްދަވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ. އަދި އެ އިދާރާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ވަނީ ހަމަޖައްސަވައިފައެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، "ދިވެހި ގައުމިއްޔަތު އާލާކުރުމުގެ ގައުމީ ނިޒާމު" ގެ ތެރެއިން ދިވެހިބަހާއި ތާރީހާއި ސަގާފަތާއި ތަރިކައ އަދި އާދަކާދަތަކާއި ގައުމިއްޔަތުގެ އިލްމެއް އުފަންކޮށް ދިރުވައި އާލާކުރުމަށް ކަމަށް ސަރުކާރުން ބުނެއެވެ. އަދި ގައުމީ ރޫހު އާލާކޮށް އާންމުކޮށް ދިވެހިންގެ މެދުގައި ގައުމިއްޔަތުގެ އިލްމާއި ވިސްނުން އުފެއްދުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައިކަން ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "National Institute for Maldivian Heritage Research" އެވެ. އަދި ދައުލަތުގެ އިދާރާތަކުން ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒަށް ލިޔާ ސިޓީގައި ޖަހާނެ ނަންބަރަކީ 497 އެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކުގެ ތެރޭގައި ދިވެހިންގެ މެދުގައި ދިވެހިވަންތަކަމާއި ދިވެހިންގެ ހައްގުގައި ހިދުމަތްކުރުމުގެ ވިސްނުމާއި ރޫހު ދިރުވައި އާލާކުރުމަށް މަސައްކަތްކުރުމާއި ދިވެހިރާއްޖެއާއި ދިވެހި ގައުމިއްޔަތު (ދިވެހިވަންތަކަން)ކަމާ ގުޅޭގޮތުން އެކިއެކި ބަސްބަހުން ލިޔެ އުފައްދައިފައިވާ ލިޔުންތައް ދިވެހިބަހަށް ތަރުޖަމާކުރުމާއި ދިވެހިރާއްޖެއާއި ދިވެހީންނާ ގުޅޭގޮތުން ހުރި އެވޭލާ ބަސްމަގުގެ ތަކެތި މިހާރުގެ ބަސްމަގަށް ގެނައުމާއި އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނެއެވެ.