އިސްލާމީ މުހިއްމު ދުވަސްތައް ކޮންމެ ރަށެއްގައި ފާހަގަކުރަން ކެބިނެޓުގައި މަޝްވަރާކޮށްފިއެވެ.

އެކަން ހާމަކުރައްވާފައި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

ނާޒިމް ވިދާޅުވީ މިދިޔަ ހަފްތާގައި ބޭއްވި ސޯޝަލް ކައުންސިލް ބައްދަލުވުންގެ ކަންކަނ ްއެ ކައުންސިލްގެ ފަރާތުން ކެބިނެޓާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެގޮތުން އިސްލާމީ މުހިއްމު މުނާސަބަތުތައް ގައުމީ ފެންވަރުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކައުންސިލްތަކާއި ޖަމިއްޔާ، ޖަމާއަަތްތަކާ ގުޅިގެން ފާހަގަކުރަން މަޝްވަރާކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުންރަމަޟާން މަހުގެ މުނާސަބަތާއި ދެ އީދު ދެ ދުވަހާއި ފާހަގަކުރުމާއި ރާއްޖެ އިސްލާމްވީ ދުވަސް ފަދަ މުހިއްމު ދުވަސްތައް ފާހާގަކުރާނެ ގޮތްތަކާ މެދު މަޝްވަރާކުރެވުނު ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ އަޟްހާ އީދާ ދިމާކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލާފައެވެ. އަދި ބައެއް ގިޑިގެ ތަކުގެ މަތީގައި "އީދު މުބާރިކް" ޖަހާފައިވެއެވެ.

ވެރިކަމަށް އިންތިހާބުވެވަޑައިގެން ސޯސަލް ސެންޓަރުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށެވެ.