ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެކުރުމުގައި އިންޑިއާ އަށް ބަރޯސާ ނުވެ، ތުރުކީން ވެސް ކާޑުގެ ބާވަތްތައް ގެނައުމަށް އެ ގައުމާ ދެމެދު އެއްބަސްވެފައިވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ސަރުކާރުގެ ހަރަދުގައި ކޮންމެ ގެއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ހަދިޔާ ކުރަން ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ވާނީ ތުރުކީއާ އެކީގައި އެބަސްވެފައި މިހާރު. ހަނޑޫ ހަކުރު ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މިހާރު މުޅި ރާއްޖެއަށް އެއް އަހަރަށް ވާވަރަށް ވުރެ އިތުރަށް %10 ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި، މިހާރު ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައި، ފެބްރުއަރީ މަހު އަންނާނެ." ރައީސް ވިދާޅުވިއެވެ.

މިއީ ރޯދަމަހާ ދިމާކޮށް ހަނޑުލާއި ފުށް ބަހާ ފުރަތަމަ ފަހަރުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިގެ އިތުރުންވެސް ކަންކަން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އަމިއްލަ ފައި މައްޗަށް ބަރޯސާ ވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.