އަންނަ މާޗް މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ ރާއްޖެ ވައިގެ އުޅަނދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ޗައިނާއަށް ކުރެއްވި ފުރަނާމަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ޑޭޝް 8ގެ މަތިންދާބޯޓު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަ ކުރައްވާ މުއިއްޒު ވިދާޅުވީ ބަލި މީހުން އުފުލުމަށް ދެން އިންޑިއާގެ ހެލިކަޕްޓަރެއް ނޫނޫ ޑޯނިއާއެއް ބޭނުންފުޅު ނުވާނެ ކަމަށެވެ.
އަދި ހަމައެހެންމެ ރާއްޖޭގެ އެންމެ އުތުރުން ބަލި މީހަކު މާލެ ގެންނަން ޖެހުނު ނަމަވެސް ނޫންނަމަ ބޭރު ގައުމަކަށް ދާންޖެހުނު ކަމަށްވިޔަސް ރާއްޖޭގެ އަމިއްލަ މަތިންދާ ބޯޓުގައި ބަލިމީހާ އުފުލޭނެ މަގު ތަނަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
"ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް 1 މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. [އިންޑިއާގެ] ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. [މޯލްޑިވިއަންގެ] ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި. އެންމެ އުތުރުން ނޫންނަމަ އެންމެ ދެކުނުން ކުޑައިރުކޮޅެއްގެ ތެރޭ މާލެ އާދެވުމުގެ އިތުރަށް ކުއްލިއަކަށް ޜާއްޖެއިން ބޭރަށް ތައިލެންޑާ ހަމައަށް ދާން ޖެހުނު ނަމަވެސް އެ ޑޭޝް 8ގައި ދާނެ" ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ރާއްޖޭގެ ރަށްތަކުން މާލެއަށް ބަލިމީހުން އުފުލަމުން ދިޔައީ އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައެވެ. ރައީސް މިއަދު ވިދާޅުވި ގޮތުގައި އެކަން ނިމުމަކަށް ގެންނަވާނެއެވެ.
އާސަންދައިގެ ދަށުން މިހާރު ބޭސްފަރުވާ ކުރެވެނީ ހަމައެކަނި ވަކި ގައުމަކުން ނުވަތަ މަދު ގައުމަކުން ކަމަށް އޮތް އޮތުން ނިމުމަކަށް ގެންނެވުމަށް މަތީ ފެންވަރުގެ ބޭސް ފަރުވާގެ ނިޒާމު އޮތް ޔޫއޭއީއާ ތައިލެންޑަށް އާސަންދަ ފުޅާ ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ރާއްޖެއާ ދުރު އަދި ބައެއް ހިދުމަތްތައް އަގު ބޮޑު ގައުމުތަކަކަށް ވުމުން އާސަންދަ ދޭނީ ހުރުމުގެ ހަރަދާއި އެ ނޫން ކަންކަން ފަހިކޮށް ދިނުމަށް ފަހު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ވަކި ގައުމަކުން ބޭސް އެތެރެ ކުރުން ނިމުމަކަށް ގެނެއުމަށް ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެ ކުރަން ފަށާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބޭސްފަރުވާގެ ކަންކަމަށް ދިވެހިން އެންމެ ގިނައިން ދާ އެއް ގައުމު ކަމަށްވާ އިންޑިއާއި ދެމެދު ގުޅުން ހީނަރު ވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. އެއީ ރާއްޖޭގެ ބަދަލުގައި އިންޑިއާގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ގޮވާލައްވައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ކުރެއްވި ޕޯސްޓެއް ރީޕޯސްޓުކޮށް، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށް އިންޑިއާގެ މީހަކު ކުރި ޕޯސްޓަކާ ގުޅިގެން، ރާއްޖޭގެ ތިން ނައިބު ވަޒީރަކު މޯދީ އަށް ބޭއަދަބީކޮށް މުހާތަބުކުރި މައްސަލަ ވަނީ ވަރަށް ހޫނުވެފައެވެ.