ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަހައްދަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެ ސަރަޙައްދަށް ކުރެއްވި ޒިޔާރަތުގައި އެ ދެކަނބަލުންވެސް މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

އެ ފޮތުގައި ރައީސްގެ ދެކަނބަލުން ލިޔުއްވި ހަނދާނީ މެސެޖުގައި ވަނީ ޗައިނާގެ އެ ބިނާއަކީ ހިތްވަރާ، ކާމިޔާބީއާ، އެކުވެރިކަމުގެ ތާރީހީ ރަމްޒެއްކަމުގައި ސިފަކުރައްވާފައިވެއެވެ. އަދި ޗައިނާގެ ނަންހުރި ހަޟާރަތަށް ވަނީ ތާއުރީފު ކުރައްވާފައެވެ.

ޗައިނާގެ ބޮޑުފާރަކީ ތާރީހި ގޮތުންނާއި ސަގާފީ ގޮތުންނާއ އެތަނުން ދައްކުވައިދޭ ނަމޫނާ މަސައްކަތްތެރިކަމުގެ ސަބަބުން ޔުނެސްކޯގެ ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިނާއަކަށްވާއިރު އެފާރަކީ 21000 ކިލޯމީޓަރު ދުރަށް ދިގުދެމިފައިވާ ޗައިނާގެ ތާރީހީ މުހިންމު ބިނާއެކެވެ.

ޗައިނާގެ ބޮޑުފާރު ހިމެނޭ ސަރަހައްދަށް ރައީސް ޒިޔާރަތްކުރައްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދެވެ.ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރައްވާ ފުރަމާނަ ދަތުރުފުޅެވެ.