ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަޅާނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ މާދަމާ ބާއްވާ މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނާ ގުޅިގެން ޗައިނާގައި ހުންނަވާ ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.

މާލެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީއިން ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ވިލިމާލެއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި 100 އެނދުނުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށާއި ޓާޝަރީ ހޮސްޕިޓަލެއްގައި ހުންނަ ހުރިހާ ކަމެއް އެ ހޮސްޕިޓަލުގައި ހުންނާނެ ކަމަށެެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިންގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިދިޔަ ބުދަ ދުވަހު ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޗައިނާގައި ހުންނަވާ ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ޗައިނާގައި މިހާރު ސޮއިކުރި އެއްބަސްވުމުގެ ތެރޭގައި މަގުފަހިވެފައިވާ ކަމަށާއި ހިލޭ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅިގެންދާނެ ކަމަށެވެ.

ވިލިމާލޭގެ ރައްޔިތުންނަށްޓަކައި ކުރީގައި ނުވެފައި ހުރި، އަދި ކުރީގެ ސަރުކާރުތަކުގައި ނުކޮށްދީހުރެގެން ނުކުރެވި ހުރި އެތައް ކަމެއް ކައުންސިލުތަކުން ކުރަން އުޅެގެންވެސް ހުއްދަ ނުލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުގެ ފަރާތުން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެތައް ދުވަހެއްވަންދެން ނުނެގި ހުރި ތެޔޮ ބޯޓުތައް ނަގާފައިވާ ކަމަށާއި ފައިބަރު މަސައްކަތަށް ދާއިމީ ތަނެއް ހަމަޖެހި، ކުރިއަށް އޮތް 6 މަހުގެ ތެރޭގައި ބަދަލުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.