ސަރުކާރާ ދެކޮޅު މޭޔަރަކު ހޮވައިފިނަމަ މާޒީގެ ތަޖުރިބާ ތަކުރާރުކުރަން ޖެހިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވިީ މާދަމާ ބާއްވަން ހަމަޖެހިފައިވާ މާލެ ސިޓީގެ މޭޔަރާއި ތިން ދާއިރާއެއްގެ ކައުންސިލަރުން އިންތިހާބުކުރާ، ބައި އިލެކްޝަނާ ގުޅިގެން ޗައިނާގައި ހުންނަވާ ދެއްވި މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށްޓަކައި މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ފެށިފައިވާ ކަމަށާއި ކުރީގައި ހުރި ސަރުކާރުން އެއްބާރުލުން ނުލިބިގެން މާލޭގެ މޭޔަރުކަމުގެ މަގާމުގައި ފަށަން މަސައްކަތްކޮށް ނުފެށުނު އެތައް މަސައްކަތެއް ކުރުމަށް ކައުންސިލަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރުމުގައި އަނެއްކާވެސް ސަރުކާރާ ދެކޮޅު ވިސްނުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވިއްޖެނަމަ މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރުކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެ ކަމަށާއި އެއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މާދަމާގެ އިންތިހާބުގައި މާލޭގެ ރައްޔިތުން އެކަހަލަ ރިސްކެއް ނުނަންގަވާނެ ކަން ޔަގީން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އަނެއްކާވެސް ސަރުކާރާ ދެކޮޅު ވިސްނުމުގެ ސިޔާސަތެއް ގެންގުޅޭ ޕާޓީއަކުން ބޭފުޅަކު ހޮވިއްޖެނަމަ އަޅުގަނޑުމެންނަށް މާޒީގައި ފެނިފައި ހުރި ކަހަލަ ހިތި ތަޖުރިބާތަކެއް ތަކުރާރުކުރަން މާލޭގެ ރައްޔިތުންނަށް ޖެހިދާނެތީ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ. އަޅުގަނޑު ޔަގީންކުރަން މާދަމާގެ އިންތިހާބުގައި މާލޭގެ ރައްޔިތުން އެކަހަލަ ރިސްކެއް ނުނަންގަވާނެ ކަމަށް"
ރައީސް

ރައީސް ވިދާޅުވީ އާޒިމާއަކީ މާލޭގެ ތަރައްގީއަށްޓަކައި ރައްޔިތުން އެދިވަޑައިގަންނަވާ އެންމެ މުހިއްމު ކަންކަން ސަރުކާރާ ގުޅިގެން ރައްޔިތުންނާއެކީ ކުރާނެ ބޭފުޅެއް ކަމަށެވެ. އަދި މާދަމާގެ އިންތިހާބުގައި މާލޭގެ ރައްޔިތުންގެ ކިބައިން އެދެނީ މާލޭގައި ކުރަންވެފައި ހުރި ބޮޑެތި މަސައްކަތްތައް މާލެގެ ރައްޔިތުންނަށް ބޭނުންވެފައިވާ މުހިއްމު ކަންކަން ކޮށްދިނުމުގައި ފުރިހަމަ އެހީތެރިކަން ދެއްވާނެ ބޭފުޅެއްގެ ގޮތުގައި އާޒިމާ ހިޔާރުކުރެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ވައުދުވެވަޑައިގެންނެވި ގޮތަށް ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ބަދަލުކުރެއްވިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ބޮޑު ޒިންމާ އަދާކުރުމުގައި ސަރުކާރާއެކީގައި މަސައްކަތް ނުކުރާނެ މީހަކު އަތުވެއްޖެނަމަ އެއީ ހުޅުމާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. އަދި އެހެންކަމުން އެކަމަށް ސީރިއަސްކޮށް ވިސްނަވާ ސަރުކާރާ އެކުގައި މަސައްކަތް ކުރައްވާނެ، ސަރުކާރުގެ ވިސްނުމުގެ ކެންޑިޑޭޓެއް ހޮވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ރަސްމާލެ ހިއްކަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލައަށް ހައްލު ގެނެސްދެއްވުމަށް ކަމަށާއި ހުޅުމާލެއާއި ގުޅިފަޅު އަދި ގިރާވަރުފަޅު ވެސް އިތުރަށް ޖާގަ އޮތް މިންވަރަކުން ހިއްކާނެ ކަމަށެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓުވާނަމޭ ބުނާ ޕާޓީއެއްގެ މީހަކު މޭޔަރަކަށް އައިސްފިނަމަ ދެން މާލޭގެ ރައްޔިތުންނަށް އޭގެ ނަތީޖާއަކަށް އަންނާނީ ކޮންކަމެއްތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.