ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ އާ ދައުރަކަށް އިންތިހާބުވެވަޑައިގަތުމާއި ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިން ތޮބްގޭ އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ޝައިހް ހަސީނާއަށް ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި ވަނީ ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ގައުމަކީ ގާތް އަވަށްޓެރި ދެ ޤައުމު ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމާއި ދެ ފަރާތުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ.
އޭގެ އިތުރުން ޝައިހް ހަސީނާގެ ވެރިކަމުގެ ޒައާމަތުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އޭގެ ފައިދާ ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ލިބިގެންދާނެކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް މުއިއްޒު ބޫޓާންގެ އިންތިހާބީ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ބޫޓާންގެ ބޮޑުވަޒީރުގެ އާ ޒައާމަތުގައި ބޫޓާން ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތް ކަމަށާއި ފެށިގެންދާ އާ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖެއާއި ބޫޓާންއާ ދެ ގައުމަކީ ގާތް ދެ ގައުމު ކަމުގައި ވިދާޅުވެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.