ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް އަގު ހެޔޮކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކާ، އެކަމަށް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ހައްލު ހޯދުމާ ގުޅޭ ގޮތުން އައިލެންޑް އޭވިއޭޝަނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް އިން އައިލެންޑް އޭވިއޭޝަނާ އަދި މޯލްޑިވްސް ރީޖަނަލް އެއާޕޯޓްސް އާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ އެތެރޭގެ އުދުހުންތަކަށް ދިމާވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަމުން އަންނަ އެއާޕޯޓްތައް އިތުރަށް ތަރައްގީކޮށް، ހިދުމަތްފުޅާކުރެވޭނެ ގޮތްތަކާމެދު ވެސް ވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައެވެ. ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ތެޔޮ ލިބުމުގައި ހުރި ދަތިތަކާ އަދި ލ. އަތޮޅަށް މޯލްޑިވިއަންއިން ކުރާ ދަތުރުތައް އިތުރު ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ސްޓޭކްހޮޑާސް ފޯރަމެއް ބޭއްވުނުކަމަށެވެ. އަދި މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުން ދާ ކަމަށްވެސް ވަނީ ބުނެފައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް އެ މިނިސްޓްރީންވަނީ އައިލެންޑް އޭވިއޭޝަނަށް ފައިދާވާން ފެށުމާއެކު މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރެވޭނެކަމަށް ބުނެފައެވެ. 2018 ވަނަ އަހަރުން ފެށިގެން ފައިދާގައި ހިންގަމުން އައި އައިލެންޑް އޭވިއޭޝަންގެ ވިޔަފާރި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ޓިކެޓުގެ އަގު ހެޔޮކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.