އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކުރީ ގާނޫނީ އެއްކަމެއްވެސް ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް މިއަދު ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ހިދުމަތްތައް ދެމުންގެންދާ އެޗްޑީސީއަށް 22 އަހަރުވީފަހުން އެ ކުންފުނީގެ ނަން ރީބްރޭންޑްކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހެވެ. އާބަންކޯގެ ނަމަށް އެ ކުންފުނީގެ ނަން ބަދަލުކުރުމާ ގުޅިގެންވެސް ގިނަ ބައެއްގެ ފާޑު ކިޔުމާއި ތުހުމަތުތައްވެސް އަމާޒުވިއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދެއްވާފައިވާ ކަމަށާއި ކުލީގެ ޕެންޑިން ޕޭމެންޓްތައް ބަހާލައިގެން ދެއްކޭނެ ގޮތް އެޗްޑީސީއިން ހަމަޖައްސަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއަށް ފަހު ރައީސް ވިދާޅުވީ އެޗްޑީސީއޭ ވިދާޅުވީ އެއީ އެ ކުންފުންޏަށް ކިޔަނީ އެޗްޑީސީ ކަމަށްވާތީ ކަމަށެވެ.

ރައީސް ވިދާޅުވީ މަތި މަތިން، "ސުޕްފިޝަލް" ގޮތަކަށް ނަން ބަދަލުކޮށްލާފައި އޮތަސް، އެ ކުންފުންޏަށް އާބަންކޯ ކިޔަން ގާނޫނީ އެއްކަމެއްވެސް ކޮށްފައި ނުވާ ކަމަށެވެ. އަދި ގާނޫނޫ ގޮތުން ކުންފުންޏަށް ކިޔަނީ އެޗްޑީސީ ކަމަށާއި މިދިޔަ ސަރުޚާުރެން އެ ނަން ބަދަލުކޮށްލިއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެެ.

ރައީސް ވިދާޅުވީ ކޮންމެވެސް ފަރާތަކަށް، ކޮންމެވެސް ބޮޑު ފައިސާ ގަނޑެއް ދިނުމަށް ބްރޭންޑިން މަސައްކަތެއް ކޮށްލުމަށް ކޮށްފައިވާ ކަމެއް ކަމަށް ހީފުޅުވާ ކަމަށެވެ.