އަންނަ މަހުން ފެށިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކުގެ ކުލިން 20 ޕަސެންޓް ކުޑަވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ މަގާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް މިއަދު ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދަށް ސަރުކާރުން މިހާތަނަށް ލުއިދީފައި ނުވާނެ ކަމަށާއި ގާތްގަނޑަކަށް 4000 ރުފިޔާއާއި 7000 ރުފިޔާ އާ ނުވަތަ މެއިންޓެނެންސްއާއެކު 6000 ރުފިޔާއަށް ވުރެ ބޮޑު އަގެއް ދައްކަން ޖެހޭ ކަމަށެވެ. އަދި މި އަންނަ މަހުން ފެށިގެން އެ ހުރިހާ ފްލެޓަކުން 20 ޕަސެންޓް އަގު ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ލުއި ރައްޔިތުންނަށް ދެނީ އިގްތިސޯދީ ހާލަތު ހުރި ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހީނަރުވެފައިވާތީ ކަމަށެވެ. އަދި ކުލި ދައްކަމުން ދަނީ ވަރަށް ހާލުގައި ކަމަށާއި އެހެންކަމުން ސަރުކާރުގެ އެހީތެރިކަން އެކަމުގައި ދޭން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ 20 ޕަސެންޓް މެނޭޖްކުރާނީ ސަރުކާރުން ކަމަށާއި ގިނައީ ޖީޓުޖީ ލޯނުތައް ކަމަށާއި ދެ ގައުމު ދެމެދުގައި ހެދިފައި ހުރި އެގްރީމެންޓްތަކުން ދައްކަން ހުރި ލޯނުތައް ކަމަށެވެ. މެއިންޓެނެންސްފީއާ ގުޅިގެން އެޗްޑީސީގެ ފަރާތުން މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ހައުސިން މިނިސްޓްރީން މެއިންޓެނެންސް ޕީ ބަލަހައްޓަމުންދާ ފްލެޓް ތަކެއްވެސް ހުރި ކަމަށެވެ. އަދި އެ ޕްލެޓްތައްއެޗްޑީސީއާ ހައުސިން މިނިސްޓްރީއާ ގުޅިގެން ގޮތްތަކެއް ހޯދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސަރުކާރާއެކީގައި ހިޔާލުތަފާތުވުމެއް ނެތި އެންމެން އެކައްޗެއް ކިޔާ ކުރިއަށް ވަޑައިގަތުމަށް އެދެވަޑައިގެންފައެވެ.

ވައުދުފުޅާ އެއްގޮތަށް މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެންގޮސްފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ޖޫރިމަނާތައް މާފުކޮށްދެއްވާފައިވާ ކަމަށާއި ނުދައްކާ ހުރި، ޕެންޑިން ޕޭމެންޓްތައްވެސް ބަހާލައިގެން ކުރިއަށްގެންދެވޭނެ ގޮތް ހަމަޖައްސަވާފައިވާ ކަަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.