ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ތަރިންގެ ތެރޭގައި ހިމެނޭ އެކްޓަރު ކާރްތިކް އާރްޔަން އާއެކު ފިލްމު "ބޫލް ބުލައްޔާ" ގެ ތިން ވަނަ ބައިގެ ޝޫޓިން މާޗު މަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ބުޝަން ކުމާރު ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ކާސްޓުން އަދި އިއުލާންކޮށްފައިނުވާއިރު މި ފިލްމުގެ ޝޫޓިން ކާރްތިކް އާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމުގެ ދެވަނަ ބައިގައި ކާރްތިކް އާއެކު ލީޑު ރޯލުން ފެނިގެންދިޔައީ ކިއާރާ އަދުވާނީ އާއި ތާބޫއެވެ. ފިލްމު މާޗު މަހު ޝޫޓިން ފަށާއިރު މި ފިލްމަކީ މިއަހަރުގެ ދިވާލީގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ. މާނައަކީ އަންނަ ނޮވެމްބަރު މަސްތެރޭ ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށްގެން ގެނެސްދޭ މި ފިލްމުގެ ކުރީ ދެ ބަޔަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ފިލްމުގެ ފުރަތަމަ ބައި 2007 ވަނަ އަހަރު އަކްޝޭ ކުމާރު އާއެކު ގެނެސްދިން އިރު ފިލްމުގެ ސީކުއަލް ގެނެސްދިނީ 2022 ވަނަ އަހަރު ކާރްތިކް އާއެކުގައެވެ. ފިލްމުގެ ދެވަނަ ބަޔަށް ބޮކްސް އޮފީހުގައި 2.6 ބިލިއަން އިންޑިއަން ރުޕީސްގެ އާމްދަނީއެއް ލިބުނުއިރު މި ފިލްމު ވެފައިވަނީ އެ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ހޯދި އެއް ފިލްމަށެވެ. ފިލްމުގެ ދެވަނަ ބައިން ފެނިގެންދަނީ ބާވެ ވީރާނާ ވެފައިވާ ގެއެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ ޖިންނި އެކެވެ. އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި 18 އަހަރު ދުވަސްވަންދެން ބަންދުވެފައިވާ އޮތް މި ޖިންނި މިނިވަންވަނީ އެ ކޮޓަރީގެ ދޮރު އޮޅިގެން ހުޅުވުމުންނެވެ. ފިލްމުގައި ގިނަ ޓްވިސްޓުތަކެއް ފެނިގެންދިޔައިރު މި ފިލްމު ނިމިގެންދިޔައީ ބެލުންތެރިން ހައިރާންކޮށްލުމަށްފަހުއެވެ.