ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަނބުރާ ނުގެންގޮސްފިނަމަ ޑިމޮކްރަސީއަށް އަސަރު ކުރާނެ ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުމާވެސް ހިލާފުވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި ފުރަތަމަ ބަސްދީގަތުން އެގައުމުގެ 'ޓައިމްސް އޮފް އިންޑިއާ' އަށް މުއިއްޒު ދެއްވާފައި ވާ އިރު އެނޫހުން ބުނެފައި ވަނީ, ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ މުއިއްޒު ދެކޮޅު ކަމަށާއި ނަމަވެސް ދިފާއީ ދާއިރާއިން އިންޑިއާ އެކު ގުޅުން ބާއްވަވާނެ ކަމަށެވެ. އެގުޅުމަކީ ރާއްޖޭގެ އަސްކަރިއްޔާ އަށް ބޭނުންވާ ހުނަރާއި ގާބިލުކަން އިތުރަށް ހަރުދަނާ ކުރުމުގެ ދާއިރާއިން ގާއިމު ކުރައްވާނެ ގުޅުމެއް ކަމަށާއި ނަމަވެސް އެކަން ބިނާބާނީ އިތުބާރާއި އިހުތިރާމް ކުރުމުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ސިފައިން އަނބުރާ ގެންދިޔުމުގެ ވާހަކަތައް ދެގައުމުގެ އެންމެ މަތީ ލެވެލްތަކުގައި ދައްކަމުން ގެންދާ އިރު ސިފައިން އަނބުރާ ގެންދިޔުމަށް ރާއްޖެއިން ވަނީ ރަސްމީކޮށް އިންޑިއާގައި އެދިފައެވެ.

މި މައްސަލައިގައި މުއިއްޒު ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައި ވަނީ, އިންޑިއާ ސިފައިންގެ މައްސަލަ މަޝްވަރާގެ ތެރެއިން ހައްލުވެގެން ދާނެ ކަމަށް މުއިއްޒު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އިތުރަށް މުއިއްޒު ވިދާޅުވީ, ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ހުއްދައެއް ނެތި ގބޭރުގެ ސިފައިން ގާއިމުވެ ތިބުމަކީ, ގާނޫނު އަސާސީގެ ރޫހާވެސް ހިލާފު ކަމެއް ކަމަށެވެ.

މި އިންޓަވިއުގައި އިންޑިއާ އާ ފެއަށް ޗައިނާ ކޮޅަށް ދީލައި ލައްވަނީ ކީއްވެތޯ އެހުމުން ރައީސް ވިދާޅުވެފައި ވަނީ, ރާއްޖެއިން ކުރިއަށް ނެރެނީ 'ހަމައެކަނި ޕްރޯ މޯލްޑިވްސް' [އެންމެ ފުރަތަމަ ރާއްޖެ] ސިޔާސަތު ކަމަށެވެ.

އަދި ރާއްޖެ އޮންނަ އިންޑިއާ ކަނޑަކީ ބައިނަލްއަގުވާމީ ވިޔަފާރީގައި މިހާރު މައި ދޮރާއްޓަށް ވެފައި ވާ އިރު, ދޭދޭ ގައުމުތަކާ އެކު ގެންގުޅުއްވާނެ ސިޔާސަތަކީ, ހަމަހަމަ ކަމާއި ވަކި ފަރާތަކަށް ނުޖެހުމާއެކު މިނިވަން ކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމުގެ ސިޔާސަތު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހަމަ އެއާއެކު އިންޑިއާ ކަނޑުގައި ހިނގާ ނުވަތަ އޮންނަ ދޭދޭ ގައުމުތަކުގެ ސިޔާސަތުތަކުގެ ތެރެއަށް ވަންނަ ވަރަށް ވުރެ ރާއްޖެ މާ ކުޑަ ކަމަށާއި އެހެން ކަމުން ރާއްޖޭގެ ސިޔާސަތަކީ ވަކިއަތަކަށް ނުޖެހުން ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ ގައުމުތަކާއެކު ބައިވެރިވެގެން ރާއްޖެއިން ހަރަކާތްތެރި ދައުރެއް އަދާކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އަދި ދޭދޭ ހުރިހާ ގައުމެއްގެ އިސްތިގުލާލާއި ކަރާމާތަށް ރާއްޖެއިން އިހުތިރާމް ކުރާނެ ކަމަށާއި ރާއްޖެއިން ވެސް އެދެނީ އެހެން ގައުމުތަކުން އެގޮތަށް އެ އިހުތިރާމް ރާއްޖެއަށް ވެސް ކުރުން ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެހެން ކަމުން ރާއްޖޭގެ ހާރިޖީ ސިޔާތު ބައްޓަން ވެފައި އޮންނާނީ މިނިވަން ކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމާއެކު އިގުތިސޯގީ ގޮތުން ކުރިއެރުން ހޯދުމަށާއި ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ ކުރީގެ ސަރުކާރު ތަކުން 'އިންޑިއާ ފަސްޓް' [އިންޑިއާ ފުރަތަމަ] ޕޮލިސީ ގެންގުޅުނު ގޮތަށް މުއިއްޒުގެ ސަރުކާރުގެ ޕޮލިސީއަކީ ކޮބައިތޯ އެނޫހުން އެހުމުން ރައީސް ވިދާޅުވެފައި ވަނީ, އިންޑިއާ އަކީ ރާއްޖެއާ އެންމެ ގާތް އަވައްޓެރިޔާ ކަމަށާއި އެއި ޖިއޮގްރަފީގޮތުން އެ ހަގީގަތް އޮތް ގޮތް ކަމަށެވެ. ހަމަ އެގޮތަށް އިންޑިއާ އަކީ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށާއި ތާރީހީ ގޮތުންނާއި ސަގާފީ ގޮތުން ދެގައުމުގައި ވެސް އެއްގޮތް ކަންތައްތަކެއް ހުރި ކަމަށެވެ.

"އެއީ ތާރީހީ ހަގީގަތެއް, އެ ހަގީގަތްތައް, އެ ކަންތައްތައް ބަދަލެއް ނުވާނެ"
ޑރ. މުއިއްޒު

އެގޮތުން ވިޔަފާރިއާއި, އިގުތިސޯދީ ދާއިރާތަކުންނާއި އިންވެސްޓްމަންޓުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ދެގައުމުގެ ގުޅުން އިންތިހާއަށް ބަދަހިކަމުގައި މުއިއްޒު ވިދާޅުވިއެވެ.

އެކަމަށް އަލިއަޅުއްވާ ލައްވައި މުއިއްޒު ވިދާޅުވީ, 2023 ނިމިގެން ދިޔަ އިރު ފަތުރުވެރިކަމުގައި ރާއްޖޭގެ އެއްވަނަ މާކެޓަކީ [އެންމެ ގިނަ މީހުން އައީ[ އިންޑިއާ ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާ އޮންނަނީ އެއް ކަނޑެއްގައި ކަމުން އިންޑިއާ ކަނޑުގެ ސަލަމާތައި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އިންޑިއާ އިން އަދާކުރާ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި އެއާއެކު ރާއްޖޭގެ ދިފާއީ ބާރުގެ ހަކަތަ އިތުރު ކޮށް ގާބިލްކަން އިތުރު ކޮށްދިނުމަށް އިންޑިއާއިން ވެދޭ އެހީތެރިކަން ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެގުޅުމަކީ ދިފާއީ ދާއިރާއިން ކަމަށް ވިޔަސް, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ކަމަށް ވިޔަސް އިގުތިސޯދީ ދާއިރާ އިން ކަމަށް ވިޔަސް ދެމިއޮންނަނީ ދެފަރާތުގެ ދެމެދުގައި އޮންނަ އިތުބާރާއި އިހުތިރާމުގެ މައްޗަށް ކަމަށް ވެސް ވިދާޅުވިއެވެ.

"އަހަރެމެން އިންޑިއާ އަށް އިހުތިރާމް ކުރަން, ހަމައެގޮތަށް އިންޑިއާ އިން އަހަރެމެނާއެކު އޮންނަ ގުޅުމަކީ ވެސް އޭގެ މައްޗަށް [އިތުބާރާއި އިހުތިރާމު[ އޮންނަ ގުޅުމެއް ކަމަށް ޔަގީން ކުރަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.