ތެޔޮ ރައްކާކުރުމަށް ހާއްސަކޮށްފައިވާ ކ. ފުނަދޫ ހާއްސަ އިގްތިސޯދީ ސަރަހައްދަކަށް ބަދަލުކޮށް، ބައިނަލްއަގުވާމީ މާލީ ސެންޓަރެއް އެ ރަށުގައި ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ވެލާނާ އެއާޕޯޓު ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި އިފްތިތާހުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ދަށުން ފެށިފައިވާ މަސައްކަތުގެ ދަށުން ފުނަދު އަކީ ބައިނަލްއަގުވާމީ މާލީ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ ތަސައްވުރުގައި ހިމެނޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، 'މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އިދާރާ އެއް ހެދުމާ ގުޅޭ ގޮތުން އަންނަ އާދީއްތަ ދުވަހު ވަޒީރުންނާ މަޝްވަރާކުރައްވާނެ ކަމަށާއި، އެ އިދާރާ ގާއިމްވެގެން ދިއުމަކީ ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ އިދާރާތައް ގާއިމްކުރުމަށްޓަކައި އެޅިގެން ދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ސަރުކާރުން މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
މި މަސައްކަތް ރާއްޖޭގެ މަރުކަޒީ ބޭންކާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފަށާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެކަމަށްޓަކައި ސަރުކާރުން ނިންމާފައި ވަނީ ފުނަދޫގައި ތެޔޮ ރައްކާކުރުމަށް ގާއިމްކޮށްފައިވާ ސްޓޯރޭޖު އެހެން ތަނަކަށް ބަދަލުކުރުމަށް ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ދާދިފަހުން ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ނިންމަވާފައި ވަނީ ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ޓްރާންޝިޕްމެންޓް ވިޔަފާރި އަށް ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏެއް އުފެއްދުމަށް ނިންމަވައިފައެވެ. 'މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން' އަކީ އެމްޓީސީސީ އާއި އެސްޓީއޯ އާއި އާބަންކޯ އާއި އެމްއޭސީއެލާއި އެމްޕީއެލް ގުޅިގެން އުފައްދާ ކުންފުންޏެއް ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.