މަސްތުވާތަކެއްޗާ ބަނގުރާ ދައުރުކުރުުން ހުއްޓުވުމަށާއި މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅަން ފުލުހުން ނިންމައިފިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ސެންޓްރަލް ޕޮލިސިން ކޮމާންޑް އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑް އަދި ޑްރަގް އެންފޯސްމަންޓްގެ ސީނިއާ ފުލުހުންނާއެކު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އިއްޔެ ބޭއްވި ބައްދަލުވުމުގައެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި ބޭއްވި މި ބައްދަލުވުމުގައި ވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ދައުރުކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޝްވަރާކޮށް، މުހިންމު ނިންމެވުންތަކެއް ނިންމާފައެވެ. އެގޮތުން ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ ސައްވީސް ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ.

އޭގެއިތުރުން އަތޮޅުތެރޭގެ ރަށްރަށަށް ލަފާ ފުރާ އުޅަނދުތަކާއި، ބަނދަރުކޮށްފައި އޮންނަ އުޅަނދު ފަހަރުން ރަށްރަށަށް ބާލާ ތަކެތި މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓިގެން ދައުރުކުރެވޭ ތަކެތި ކަމުގައި ހެދުމަށް ވެސް އެ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

މާލޭގެ ޓްރެފިކް ބެލެއްހެއްޓުމާ ގުޅޭގޮތުން މަޝްވަރާކޮށް، މާލޭގެ މަގުމަތި ބެލެހެއްޓުމާއި ޓްރެފިކް ބެލެހެއްޓުން އިތުރުކުރުމަށްޓަކައި ފުލުހުން އިތުރަށް މަގުތަކަށް ނެރުމަށް ވަނީ ނިންމާފައެވެ. އަދި ސްކޫލު، ހޮސްޕިޓަލް އަދި މީހުން އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކާއި ޓްރެފިކް ތޮއްޖެހޭ ސަރަހައްދުތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ސީޕީ ޝުޖާއު ވަނީ މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.