އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ޣައްޒާގައި 21،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އިޒްރޭލުން ދެމުންދާ ނުރައްކާތެރި ބޮމުގެ ހަމަލާތަކާއި، އެއްގަމު އުޅަނދުތަކަށް އަރައިގަތުމާއި ވަށާލުމުގެ ސަބަބުން އެތައް ބަޔަކު ދަނީ ބަލިތަކާއި މަރުވުމުގެ ނުރައްކާ ތަހައްމަލު ކުރަމުންނެވެ. މީގެ އިތުރުން ވަޒަންވެރިންގެ ހަމަނުޖެހުންތައް އިތުރުވެ، ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން މީހުން މަރާވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ބައިނަލްއަގްވާމީ މުއައްސަސާތަކާއި އެންޖީއޯތަކުން ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގެ މީޑިއާ ކަވަރޭޖްތަކާއި ރިޕޯޓްތަކުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދީފައި ވަނީ އިޒްރޭލުން ފަލަސްތީނުގެ އަންހެނުންނަށާއި ކުޑަކުދިންނަށް ދެމުން ގެންދާ ހަމަލާތަކަށެވެ.

އިޒްރޭލާ ގުޅިފައިވާ ސަރުކާރުތަކުންވެސް ވަނީ ފަލަސްތީނުގައި މަރުވާ އަންހެނުންނާއި ކުޑަކުދިންގެ އަދަދު އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވި ގޮތުގައި ތުއްތު ކުދިންނާއި، އަންހެނުންނާއި، މުސްކުޅިންނަށް ބޮން އަޅައި މަރާލުމަކީ އެއްވެސް ސަބަބަކާ ހުރެ ކުރަންޖެހޭނެ ކަމެއް ނޫނެވެ. މިފަދަ ވާހަކަތަކުން ފަލަސްތީނުގައި އަންހެނުންނާއި ކުޑަކުދިން މެރުމަކީ ރަނގަޅު ނޫން ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު ނަމަވެސް ފިރިހެނުންގެ މަރާމެދު ވާހަކަތަކެއް ނުދައްކައެވެ.

އެމީހުންގެ މަރުތައް ގުނާ، އެ މަރުތަކާމެދު ހިތާމަކުރުމަށް ދެކޮޅު ހެދުމުގެ ސަބަބުން ފަލަސްތީނުގެ ފިރިހެނުންނަށް މަދަނީ ދަރަޖައެއް ނުލިބެއެވެ. އެމީހުންގެ އިންސާނިއްޔަތުކަން ފޮހެލައި، "ޕޮޓެންޝަލް ޓެރަރިސްޓުން"ގެ ގޮތުގައި އެމީހުން ސިފަކުރެވިގެން ދެއެވެ.

އޭގެ ސަބަބުން އިޒްރޭލަށް ފަލަސްތީނުގެ ފިރިހެނުން މެރުމަށް ބާރުލިބިގެންދެއެވެ.

އެމީހުން މެރުން ހަމަ ސީދާ ހުއްދަވެގެންވަނީ އެމީހުންނަކީ ފަލަސްތީނުގެ ފިރިހެނުން ކަމަށްވާތީއެވެ. އެމީހުންގެ ޖިންސީ އަދި ނަސްލީ ދަރަޖަ، ވަކިން ހާއްސަކޮށް "ހަމާސް ޓެރަރިސްޓުން" ގެ ގޮތުގައި އެމީހުން ކަނޑައެޅުމުން، އެމީހުންގެ މަދަނީ ހައިސިއްޔަތު ގެއްލުވާލައި، އެ މީހުންނަކީ މަރާލެވޭނެ ބައެއްގެ ގޮތުގައި ބެލެވިގެންދެއެވެ. އެމީހުން މެރުމަށް "ކައުންޓަރ ޓެރަރިޒަމް"ގެ ދަށުންވެސް ބާރުލިބިގެންދެއެވެ.

މިސާލަކަށް އިޒްރޭލުން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓްޒީޕީ ހޮޓޮވެލީ މިދިޔަ ނޮވެމްބަރު މަހު ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި އިޒްރޭލުން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ 50 އިންސައްތަ މީހުންނަކީ ޓެރަރިސްޓުން ކަމަށެވެ. މިފަދަ އިންސައްތައެއް ސައްހަވުމަށްޓަކައި، ޣައްޒާގައި މަރުވެފައިވާ ހުރިހާ ފިރިހެނުން އަދި ދޮށީ ފިރިހެން ކުދިންވެސް ޓެރަރިސްޓުންގެ ގޮތުގައި ދެކެންޖެހެއެވެ.

ހާއްސަކޮށް އަރަބި، ފިރިހެނުންނަކީ އިތުބާރު ނުކުރެވޭ، ނުރައްކާތެރި އަދި ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ފިރިހެނުންގެ ދަރަޖަ ދަށްކޮށްލުމަކީ އާ ކަމެއް ނޫނެވެ. ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް ބަހަނާ ދެއްކުމަށް އިޒްރޭލާއި އެގައުމުގެ ބައިވެރިން މިހާރު ބޭނުންކުރަމުން އަންނަ މި ވާހަކަތަކަކީ، ޒަމާނުއްސުރެ ފިރިހެނުންނާއި ފިރިހެން ކުދިން ގިނަ އަދަދަކަށް މެރުމުގެ އަމަލުތަކަށް ބާރުދިނުމަށް ބޭނުންކުރަމުން އަންނަ ވާހަކަތަކެކެވެ.

މިއީ އިއްތިފާގެއް ނޫނެވެ. ކޮލޯނިއަލިޒަމް އާއި ޖެނޯސައިޑަކީ މީހުންގެ އިންސާނިއްޔަތާއި ތާރީހު ނައްތާލަން ހިންގާ އަމަލުތަކެވެ. އިޒްރޭލުގެ ވަޒަންވެރިންގެ އިސްތިއުމާރީ ބާރު ދެމެހެއްޓެނީ ހަމަނުޖެހުންތަކުގެ ޒަރިއްޔާއިން ކަމުން، ފަލަސްތީނުގެ ގައުމެއް އޮތުމަށް އިންކާރުކޮށް، ފަލަސްތީނަކީ އިންސާނިއްޔަތަށް ވުރެ ދަށް ބައެއްގެ ގޮތުގައި ކަނޑައަޅާ ރަހުމެއް ހަމްދަރުދީއެއް ނެތި އަންނަނީ ހަމަނުޖެހުންތައް ހިންގަމުންނެވެ.

ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށް، ނިކަމެތިކޮށް، ބަނޑުހައިހޫނުކަން އިތުރުކޮށްފައެވެ. ޣައްޒާގައި ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުން ދަނީ ބޮން އަޅާފައިވާ އިމާރާތްތަކުގެ ދަށުން އެމީހުންގެ ލޯބިވާ މީހުންގެ ހަށިތައް ނަގައި، ހުސް އަތުން އެމީހުން ވަޅުލަމުންނެވެ.

ނަމަވެސް މިއިން އެއްވެސް ކަމަކީ އާންމުންނާ ދެކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކެއް ގޮތުގައި ފާހަގަކުރެވިފައެއް ނުވެއެވެ. އަދި ފަލަސްތީނުގެ ފިރިހެނުންގެ ތަޖުރިބާތަކާމެދު ވަނީ އިހުމާލެވެ. އެމީހުންނަކީ ބޭކަރުންނާއި ޕެރަމެޑިކްސް، ނޫސްވެރިން، ޅެންވެރިން، ވިޔަފާރިވެރިން، ބައްޕައިން، ފިރިހެން ދަރިން އަދި އަހުންގެ ގޮތުގައި ނުދެކި، "ޓެރަރިސްޓުން"ގެ ގޮތުގައި ބްރޭންޑްކުރެވިގެން ދެއެވެ. އެމީހުންގެ ހަރުކަށި މަރުތައްވެސް ފާހަގަކުރަނީ "ޓެރަރިޒަމް" އާ ދެކޮޅަށް ހޯދި ކާމިޔާބީއެއްގެ ގޮތުގައެވެ.

ހުރިހާ އިންސާނުންނެކޭ އެއްފަދައިން ފަލަސްތީނުގެ ފިރިހެނުންގެވެސް އިހްސާސްތަކެއް ހުންނާނެއެވެ. އެހެންނަމަވެސް، އެމީހުންގެ ބިރުވެރިކަމާއި، ހިތްދަތިކަމާއި، ކަންބޮޑުވުމާއި، މާޔޫސްކަމާއި، ލަދުވެތިކަމަކީ މީހުން ބަލައިގަންނަ އިހުސާސްތަކެއް ނޫނެވެ. ފަލަސްތީނުގެ ފިރިހެނުން ފާހަގަކުރެވިގެންދަނީ އެމީހުންގެ ރުޅިވެރިކަމުންނެވެ. އެހެންނަމަވެސް، މި ރުޅިވެރިކަމަކީ، ވަޒަންވެރިންގެ އިސްތިއުމާރީ ހަމަނުޖެހުންތަކާއި، އަނިޔާވެރިކަމަށް ހައްގު ޖަވާބެއް ކަމުގައި ގަބޫލެއް ނުކުރެވެއެވެ. އޭގެ ބަދަލުގައި ފެންނަނީ އަނިޔާވެރި، ބުއްދި ނެތް އަދި ނުރައްކާތެރި ރުޅިވެރިކަމެއްގެ ގޮތުގައެވެ. މުޅިން ވަށާލުން ނުވަތަ ކާޕެޓް ބޮން އެޅުން ފަދަ ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ރުޅިވެރިކަމެކެވެ.

އިޒްރޭލުން ފަލަސްތީނަށް ޒަމާނުއްސުރެ ވެރިވެގަތުމާއި އެގައުމުގެ ނަސްލީ ތަފާތުކުރުންތަކުގެ ވެރިކަމުގެ މާނައަކީ މިއިން އެއްވެސް ކަމަކީ އާ ކަމެއް ނޫން ކަމެވެ. އެންމެ ފަހުގެ މި ބާބުގައި، ޒަމާނުއްސުރެ ހިނގަމުން އައި އިންސާނިއްޔަތާ ހިލާފު، ޑިމޮނައިޒޭޝަން އަދި ހަލާކުކުރުމުގެ މަރުހަލާ ހަލުވިވެގެން ހިނގައްޖެއެވެ.

ފަލަސްތީނުގެ ފިރިހެނުންނާ ބެހޭ ގޮތުން އުފެދިފައިވާ ހަމަނުޖެހުންތަކާއި، އަނިޔާވެރި ރުޅިވެރިކަމުގެ ސަބަބުން މައިގަނޑު ދެ ނަތީޖާއެއް ނުކުންނާނެއެވެ. ފުރަތަމަ ކަމަކީ، ފަލަސްތީނުގެ ހިފާފައިވާ ބިންތަކާއި، އެއަށްވުރެ ބޭރުގައި ތިބި ފަލަސްތީނުގެ ފިރިހެނުންނާއި ފިރިހެންކުދިންނަށް، ނުރައްކަލެއް ކުރިމަތިކުރުވާ ބައެއްގެ ގޮތުގައި ފަލަސްތީނު ފިރިހެނުން ފާހަގަކުރެވިގެން ދިއުމެވެ. ދެވަނަ ކަމަކީ ފަލަސްތީނުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ނުރައްކާތެރި އަދި އިތުބާރު ނުކުރެވޭ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެހީތެރިވެދޭތީ، ހަމަނުޖެހުންތައް ނިމުމަކަށް ގެނައުން ނާދިރުވުމެވެ.

މިކަންތައް ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި މުހިންމު ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އިޒްރޭލާއި އެޖަމާއަތުގެ ބައިވެރިން ގުޅިގެން އަދަބު ދިނުން ފަދަ ހަމަނުޖެހުންތައް ޖަސްޓިފައި ކުރުމަށް ބޭނުންކުރަމުން އަންނަ "ރެޑިކަލައިޒޭޝަން"ގެ ވާހަކަތަކަށް ގޮންޖަހަން ޖެހެއެވެ. ބަންދުގައި ތިބޭ މީހުން ދޫކޮށްލުމުގެ ކޮންމެ އެއްބަސްވުމެއްގައި ވެސް ފަލަސްތީނުގެ ފިރިހެނުން ހިމަނަން ޖެހޭނެއެވެ.

ދާއިމީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ ނަމަ، އާބާދީގެ އެހެން މީހުންނާއެކު ފިރިހެން ކުދިންނާއި ފިރިހެނުންގެ ބޭނުންތައް ފުއްދުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. ގަވައިދާ ހިލާފަށް ވަޒަންވެރިވާ މީހުން ފަލަސްތީނުގެ ރައްޔިތުންނަށް ދިން ހަމަނުޖެހުންތަކަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ދިގު މުއްދަތުގައި ފަލަސްތީނުގެ އަމިއްލަ ނަފްސު ކަނޑައެޅުމުގެ ހައްގާއި، އަސްކަރީ ބާރުގެ ސަބަބުން އިޒްރޭލުގެ މުޖުތަމައުއަށް ކުރާ ނޭދެވޭ އަސަރުތަކާއި، ވަޒަންވެރިންގެ އިސްތިއުމާރީ ނިޒާމުގެ ސަބަބުން ފަލަސްތީނުގެ މުޖުތަމައުއަށް ކުރާ ޓްރާންސްޖެނެރޭޝަނަލް އަސަރުތައް ބަލައިގަންނަން ޖެހޭނެއެވެ.

މިއަދު ޣައްޒާއާއި ހިފާފައިވާ އެހެން ސަރަހައްދުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދަނީ ގަބޫލުނުކުރެވޭ ފަދަ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އިޒްރޭލުން ޣައްޒާއަށް މިހާރު ދެމުން ގެންދާ ހަމަލާތަކާއި ފަލަސްތީނަށް ޒަމާނުއްސުރެ ވެރިވެގަތުމާއި ނަސްލީ ތަފާތުކުރުމުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ފަލަސްތީނުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންގެ ޒަހަމްތައް ރަނގަޅުކޮށް، އަމިއްލައަށް މުސްތަގުބަލެއް ބިނާކުރުމުގެ ޖާގަ ދޭން ޖެހޭނެއެވެ. އެކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ފަލަސްތީނުގެ ހުރިހާ ރައްޔިތުންވެސް ބަލައިގަންނަން ޖެހޭނެއެވެ. ފަލަސްތީނުގެ ފިރިހެނުންނާއި ފިރިހެން ކުދިން، ދިރިއުޅުމުގައިވެސް އަދި މަރުވުމުންވެސް ބަލައިގަންނަންޖެހޭނެއެވެ.