މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީ އިން މަސް ހިފަން މޫދަށް ފައިބަގެން އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ ސ. މަރަދޫ، ކުރެދުމާގޭ އުމުރުން 18 އަހަރުގެ މުހައްމަދު ނާއިޝް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް ދާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ ނާއިޝް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަދިވެސް ހުއްޓާނުލާކަމަށެވެ. އެހެންނަމަވެސް މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން ނާއިޝް ހޯދުމުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ނައީޝް ހޯދަން ފީނައިގެން އަދި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، މި އޮޕަރޭޝަނަށް އައްޑޫގައި އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ވައިގެ މަގުން ބޮޑު ސަރަހައްދެއްވަނީ ބަލާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް އާއި އެ ސިޓީގެ ރައްޔިތުން ގުޅިގެން ކަނޑުމަގުން ފީނައިގެން ވެސް ބޮޑު ސަރަހައްދެއް ބަލާފައެވެ.

އައްޑޫ ހައި ސްކޫލުގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ނާއިޝް ގެއްލުނީ ސ. ގަމުގެ ފުއްޓަރު ފަރާތަށް މޫދަށް ތިން ރައްޓެހިންނާ އެކު ގޮސްގެން އުޅެނިކޮށެވެ. ނާއިޝް ގެއްލުނު ސަރަހައްދަކީ މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައިވާ ސަރަހައްދެކެވެ.