ރައީސުލްޖުމްހޫރިއްޔާ ޑރ .މުހައްމަދު މުއިއްޒު، ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން އާ ބައްދަލު ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ސިޔާސީ އަދި އިޖުތިމާއީ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ، ގައުމާ، ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިއަދު ރައީސް، ޑރ.ވަހީދު އާއި ބައްދަލުކުރައްވާފައިވާ އިރު އިއްޔެ އެ މަނިކުފާނު ވަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައިވެސް ތަރައްގީގެ އެކިއެކި މަޝްރޫއުތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި އިރު ގައުމުގެ އިޖުތިމާއީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ސިޔާސީ ތަޖުރިބާކާރުންނާއެކު މަޝްވަރާތައް ބާއްވާފައިވާއިރި، މިދިޔަ ހަފްތާގެ ތެރޭގައި ރައީސް ވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ވެސް ބައްދަލުކުރައްވާފައެވެ.