އިންޑިއާއިން ހަދިޔާކުރި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޝަންތަކުގައި ބޭނުން ނުކުރުމުގެ އެއްވެސް ސިޔާސަތެއް ނެތްކަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ވަކި ސިޔާސަތެއްގެ ގޮތުގައި ޑޯނިއާ މަތިންދާ ބޯޓުތައް ކަނޑައެޅިގެން ބޭނުންނުކުރުމަށް އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ޑޯނިއާ މަތިން ދާ ބޯޓުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި އެ ބޯޓުގެ ބޭނުންވެސް ކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ނާޒިމް ވިދާޅުވީ ދިވެއްސަކު ބަލިވެގެން އުފުލަން ޖެހިއްޖެ ހާލަތެއްގައި، އެ ވަގުތަކު އޮތް އެންމެ މުހިންމު އަދި އެންމެ އަވަހަށް އެކަން ކުރެވެން އޮތް ނިޒާމެއްގެ ތެރެއިން އެކަން ކުރާނެކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައްޑޫ ސިޓީ ގަމު, ދެކުނު ފަރާތަށް އިހި ނަގަން ގޮސް އުޅެނިކޮށް ގެއްލުނު މުހައްމަދު ނައީޝް ނަސްރު ހޯދުމުގެ މަސައްކަތުގައި ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކޮށްފައި ނުވާތީ ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު އިދިކޮޅު އެމްޑީޕީ އިން ވަނީ ރޭ މިކަމާ ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ އުލަތުގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ވަސީލަތްތަކެއް އެ ޒުވާނާ ހޯދުމަށް ބޭނުން ނުކުރުމަކީ ފަރުވާކުޑަ އަދި ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށެވެ.