ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް އެމްޕީއެލްގެ އިންޓާންޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

އެމްޕީއެލް އިން ބުނީ، މި އިންޓާންޝިޕް ޕްރޮގްރާމްތަކީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް މަސައްކަތު މާހައުލުގެ އަމަލީ ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާ ހޯދައި ދިނުމުގެގޮތުން އެކުންފުނީގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް (އެލްޑީޑީ) އިން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 13 ދަރިވަރުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ޕްރޮގްރާމްގައި ދަރިވަރުންނަށް ތަމްރީންދޭ ދާއިރާތައް:

  • އިންޖީން ރިޕެއާ އެންޑް މެއިންޓަނަންސް
  • ފެބްރިކޭޝަން އޮފް ބްރާސް އިމްޕެލާ
  • ކާޕެންޓްރީ
  • ޕަވަރަ ޖެނަރޭޝަން އެންޑް ޑިސްޓްރިބިއުޝަން
  • އެޗްވީއޭސީ އެންޑް އިލެކްޓްރިކަލް ސާވިސް
  • ގްރެފިކް ޑިޒައިނިން
  • ކޮޕީ ރައިޓިން
  • ސިވިލް އިންޖިނިއަރިން
  • ސާވޭއިން
  • އާކިޓެކްޗަރަލް ޑްރާފްޓިން

އެމްޕީއެލްއިން ބުނީ މި ޕްރޮގްރާމްގައި މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދާއިރު، ކޮންމެ ކުއްޖަކަށްވެސް މެންޓާއެއް ހަމަޖައްސާނެ ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދީ، މައުލޫމާތުތައް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ މެންޓާގެ ގޮތުގައި ކަނޑައަޅާފައިވާ މުވައްޒަފުން ކަމަށް އެމްޕީއެލްއިން ބުނެއެވެ.

މި ޕްރޮގުރާމް ފެށުމުގެ ގޮތުން މިއަދު ބޭއްވި އޮރިއަންޓޭޝަން ސެޝަނުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް އެ ކުންފުނީގެ ދާއިމީ ވަޒީފާތަކުން ފުރުސަތު ލިބޭނެ ކަމަށާއި ކުންފުނީގެ ވަޒީފާގައި ދެމިހުރެގެން އެ ކުންފުނީގެ ހަރަދުގައި މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ.

ޕޯޓުގެ އެކި ދާއިރާގައި މަސައްކަތްކުރާނެ ޒުވާނުން ބިނާކުރުމަށް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށް ވަޖީހު ވިދާޅުވިއެވެ.