މި ދުވަސްވަރު އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ލަފާކޮށް އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ސުކޫލު އަދި ކޮލެޖު ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރުމުގެ އިތުރުން މި ދުވަސްވަރަކީ ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސްވާނެ ދުވަސްވަރަކަށް ވާތީ އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އަދި ހަމައެއާއެކު ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެފަދަ ބަލިތަކުން ސަލާމަތްވުމަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އެޖެންސީއިން ވަނީ އިލްތިމާސްކޮށްފައެވެ.

ބަލިތަކުން ރައްކާތެރިވު ތިބުމަށް ސަމާލުކަން ދޭންވީ ކަންކަން:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން. އަދި ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން.
  • އާންމު ސާފުތާހިރުކަމަށް ސަމާލުވުން އަދި ހާއްސަކޮށް، ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
  • ރޯގާޖެހި ކެއްސާނަމަ، އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • މިފަދަ އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން.
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުން އަދި ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
  • ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން، އަދި ވީހާވެސް ބޮޑަކަށް އެހެންމީހުންނާ އެކަހެރިވުން.
  • އުމުރުން ދުވަސްވީ މީހުންނާއި ގިނަ ބަލިތަކަކަށް ބޭސްކުރާ މީހުން ކޮވިޑް-19 ވެކްސިން ޖެހުން.
  • އުމުރުން ދުވަސްވީ މީހުންނާއި 5 އަހަރުން ދަށުގެ ކުޑަކުދިންނާއި މާބަނޑު އަންހެނުންނާއި ދިފާއީ ނިޒާމު ބަލިކަށިވެފައިވާ މީހުން އިންފުލުއެންޒާ އިން ރައްކާތެރިވުމަށް އިންފުލުއެންޒާ ވެކްސިން ޖެހުން.

ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގިނައިން ދިޔާތަކެތި ބޭނުންކުރުމަށާއި އަރާމު ކުރުމަށް އެޗްޕީއޭއިން ވަނީ ލަފާދީފައެވެ. އަދި ލުނބޯ ފަނި، އިނގުރު ސައި، މާމުއި ފަދަ ބުއިންތައް ބޭނުންކުރުމަށް ވެސް އެޖެންސީއިން އިލްތިމާސްކުރެއެވެ.

އެޗްޕީއެއިން އިތުރަށް ބުނީ ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރެއްގެ މަޝްވަރާޔާއި ލަފާގެ މަތިން ކަމަށެވެ. އަދި މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށް ވެސް އެ އެޖެންސީއިން ވަނީ އެދިފައެވެ.