އައްޑޫ ސިޓީ ގަމާ ދިމާ ބޭރުން އިހި ނަގަން އުޅުމުގެ ތެރޭގައި ގެއްލުނު މުހައްމަދު ނައީޝް ހޯދުމަށް އެމްއެންޑީއެފްއިން ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން އުމުރުން 18 އަހަރުގެ ސ. މަރަދޫ ނައީޝް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފުން އަދި ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުރިއަށް ގެންދާ ގެންދާ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވައިގެ މަގުން 279 ސްކޮޔާ ނޯޓިކަލް މޭލު އަދި ކަނޑު މަގުން 300 ސްކޮޔާ ނޯޓިކަލް މޭލު އެމްއެންޑީއެފްއިން ވަނީ ބަލާފައެވެ. އަދި މީގެއިތުރުން ޑައިވްކޮށްގެން 600 މީޓަރުގެ ސަރަހައްދެއް ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

ގެއްލުނު އިރު ނައީޝް ލައިގެން ހުރީ ހުދު ކުލައިގެ އަތްދިގު ޓީޝާޓެކެވެ. އެ ޒުވާނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ އިތުރުން ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފްއަށް ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.

ނައީޝް ހޯދުމުގެ މަސައްކަތް ކެނޑިނޭޅި އެމްއެންޑީއެފްއިން ކުރަމުންދާ އިރު، އަދި މިހާތަނަށް ނައީޝްގެ ހިލަމެއް ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެ ޒުވާނާ ހޯދުމަށްޓަކައި އައްޑޫގައި ހުންނަ މޯލްޑިވިއަން އޭވިއޭޝަން އެކަމަޑެމީ ގެ މަތިންދާ ބޯޓެއް ބޭނުންކޮށްގެން ދިވެހި ސިފައިން ވަނީ 3 ގަޑިއިރުގެ އޮޕަރޭޝަންއެއް ވެސް ހިންގާފައެވެ.

މީގެ ކުރިން ރާއްޖޭގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބޯޓެވެ. ނަމަވެސް މިއީ އޭވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއްގައި ގެއްލުނު މީހަކު ހޯދުމުގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.