އައްޑޫ ސިޓީއިން ގެއްލުނު ޒުވާނާ ހޯދުމަށް ދިވެހި ސިފައިން މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ މަތިންދާބޯޓެއް ބޭނުންކުރަން ނިންމައިފިއެވެ.

ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި އުމުރުން 18 އަހަރުގެ ސ. މަރަދޫ ކުރެދުމާގޭ، މުހައްމަދު ނައީޝް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ ނައީޝް ހޯދުމަށް އައްޑޫގައި ހުންނަ މޯލްޑިވްސް އެވިއޭޝަން އެކަޑަމީގެ މަތިންދާ ބޯޓެއް، ދިވެހި ސިފައިންނާއެކު އިތުރު ކުރެވި ވައިގެމަގުން އެ ސަރަހައްދު ބެލުމުގެ މަސައްކަތް ކުޑައިރުކޮޅެއްތެރޭގައި ފެށިގެންދާނެ ކަމަށެވެ.

ނައީޝް ހޯދުމަށް ގަމުގެ ފުއްޓަރު ފަރާތް ބަލާ ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު 10:25 އިން ފެށިގެން ދިވެހި ސިފައިންގެ ޑައިވަރުންގެ ޓީމެއް ހަރާކަތްތެރިވަމުންދާ ކަމަށް ޑިފެންސް މިނިސްޓްރީއިން ބުނެއެވެ. އަދި ހޭޅިފަށް ބަލަމުންދާ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އެމްއެންޑީއެފްއިން ބުނީ އައްޑޫ ސިޓީ ގަމުގެ ދެކުނު ފަރާތަށް، އިހި ނަގަން މޫދަށް ފޭބި އެ ޒުވާނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ ރޭ 10:10 ހާއިރު ކަމަށެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެ ޒުވާނާއާ ބެހޭ އެއްވެސް ހަބަރެއް ވޭތޯ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދު ފަހަރުގެ އިތުރުން ހިސާބުގެ ރަށްތަކުން ބައްލައިދިނުމަށް އެމްއެންޑީއެފްއިން ވަނީ އެދިފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.